ސިފައިން ވެސްޓު އަޅައިގެން އެއާޕޯޓަށް ވަންނަނީ: ގޮތަބަޔާ ފުރާނެ ކަމަށް ބެލެވެނީ މިރޭ 11:25 ގައި ސިންގަޕޫރަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ މިރޭ ދިވެހިރާއްޖެ ދޫކޮށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭއިރު ދިވެހި ސިފައިންނާއި ފުލުހުންގެ ހަރަކާތްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުންނަ ހުޅުލޭގައި މިރޭ އިތުރުކޮށްފި އެވެ.
ސްރީ ލަންކާގެ ބޮޑު އިގްތިސާދީ އަނދަވަޅެއްގައި އޮއްވައި ގައުމުން ފިއްލަވައި ރޭ ދަންވަރު ދެ ބޮޑީގާޑުންނާއި އަނބިކަނބަލުން ގޮވައިގެން ރާއްޖެ ވަޑައިގެންނެވި ގޮތަބަޔާ ފުރާނެ ކަމަށް ބެލެވެނީ މިރޭ 11:25 ގައި ރާއްޖެއިން ސިންގަޕޫރަށް ފުރަން ހަމަޖެހިފައި އޮތް މަތިންދާބޯޓުންނެވެ.
މިވަގުތު ހުޅުލޭގައި ތިބި މި ނޫހުގެ ނޫސްވެރިން ބުނާ ގޮތުގައި އާންމު ރޭތަކާ ހިލާފަށް މިރޭ ހުޅުލޭގައި ސަލާމަތީ ބާރުތަކުގެ ހަރަކާތްތައް އިތުރު ކަމަށެވެ. އެގޮތުން ޓްރެފިކް ފުލުހުން ގިނަވެފައި، ސިފައިން ލޯންޗެއް ފަޅު ތެރޭގައި ބުރުޖަހަމުންދިޔުމުގެ އިތުރުން، ޓެކްޓިކަލް ގިއަރުގައި ވެސްޓު އަޅައިގެން ތިބި ސިފައިންގެ ބަޔަކު ވެސް ހުޅުލެއިން ފެނިފައިވާ ކަމަށެވެ.
ސިފައިންގެ މޮޓޯކޭޑެއް ހުޅުލޭގައި: ސަލާމަތީ ބާރުތަކުގެ ހަރަކާތްތައް ވަނީ އިތުރުކޮށްފައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ރޭ ދަންވަރު 2:50 ގައި މިލިޓަރީ އަސްކަރީ އުޅަނދެއްގައި ރާއްޖެ ވަޑައިގެންނެވި ގޮތަބަޔާ ކުރިން އިއުލާނު ކުރައްވާފައިވާ ގޮތަށް މިއަދުގެ މިހާތަނަށް އަދި އިސްތިއުފާއެއް ނުދެއްވަ އެވެ. ނަމަވެސް މަގާމުގެ ބާރުތައް ވަނީ ބޮޑުވަޒީރު ރަނިލް ވިކްރެމަސިންހައާ ހަވާލު ކުރައްވައިފަ އެވެ.
ސްރީ ލަންކާގެ ރައްޔިތުން ނިކުމެ މިއަދު ވަނީ ބޮޑުވަޒީރުގެ އޮފީސް ހިފައިފަ އެވެ. ގޮތަބަޔާ ރާއްޖެ ވަޑައިގެންފައި މި ވަނީ މިދިޔަ ހޮނިހިރު ދުވަހު އޭނާގެ ގެކޮޅަށް ލަންކާގެ އާންމުން ވަދެގަތުމުގެ ކުޑަ އިރުކޮޅެއް ކުރިން ފިއްލެވުމަށްފަހު އެވެ. އާންމު ރައްޔިތުން އަދިވެސް ތިބީ ގޮތަބަޔާގެ ގެކޮޅުގަ އެވެ.
އިގްތިސާދު ގޯސްކޮށް ބެލެހެއްޓުމާއި ކޮރަޕްޝަންގެ އަމަލުތައް ހައްދުން ނެއްޓުމުން ލަންކާގެ އިގްތިސާދު އިނދަޖެހި އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. މިއަހަރު ފެށުނީއްސުރެ ތެޔޮ ގަންނާނެ ބޭރު ފައިސާ ވެސް އެ ގައުމަކު ނެތެވެ. އެކަމާ ދެކޮޅަށް ނިކުތް އާންމުންނަށް ފުލުހުންނާއި ސިފައިން މެދުވެރިކޮށް ވަނީ ބޮޑެތި އަނިޔާތަކެއް ދީފަ އެވެ.
Comment