Advertisement

މަޓާ ހޯދުމުގެ ރޭހަށް ލީޑްސް ވަދެއްޖެ

13 ޖުލައި 2022 - 19:39 0


މަޓާ ހޯދުމުގެ ރޭހަށް ލީޑްސް ވަދެއްޖެ

13 ޖުލައި 2022 - 19:39 0

ލީޑްސް (ޖުލައި 13) - ކޮންޓްރެކްޓް ހަމަވެގެން މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލި ސްޕެއިންގެ މިޑްފީލްޑަރު، ހުއާން މަޓާ ހޯދުމުގެ ރޭހަށް ލީޑްސް ޔުނައިޓެޑް ވަދެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކުރިން ބެލެވިފައި އޮތީ މަޓާ، 34، ދެން ބަދަލުވާނީ ސްޕެއިނުގެ ކްލަބަކަށް ކަމަށެެވެ. އެކަމަކު، ސްޕެއިނުން އޭނާ އަށް ރަނގަޅު ހުށަހެޅުމެއް ނުލިބުނުއިރު، ދާދި ފަހުން ސައުދީ އަރަބިއްޔާގެ އަލް ހިލާލް އިން އަހަރަކު 10 މިލިއަން ޑޮލަރުގެ ޑީލެއް ހުށަހެޅުމުން ވެސް މަޓާ ނިންމީ ދޫކޮށްލާށެވެ.

ރިޕޯޓްތައް ބުނާގޮތުން ލީޑްސްގެ ދެ ތަރިން ކަމަށްވާ ކަލްވިން ފިލިޕްސް އާއި ރަފީނިއާ އެ ޓީމު ދޫކޮށްލުމުން، އެ ކްލަބުން އަންނަނީ މިޑްފީލްޑަރުން ހޯދަން މަސައްކަތް ކުރަމުންނެވެ. ފިލިޕްސް 55 މިލިއަން ޑޮލަރަށް ސޮއިކުރީ މެންޗެސްޓާ ސިޓީ އަށެވެ. ރަފީނިއާ 58 މިލިއަން ޑޮލަަރަށް ބަދަލުވާނީ ބާސެލޯނާ އަށް ކަމަށް ލީޑްސް އިން ވަނީ އިއުލާނުކޮށްފަ އެވެ.

ލީޑްސްގެ ކޯޗު ޖެސީ މާޝް ޝައުގުވެރިވާ ކުޅުންތެރިންގެ ލިސްޓުގައި މަޓާ ހިމެނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ލީޑްސް އިން މަޓާ އަށް ދެ އަހަރުގެ ކޮންޓްރެކްޓެއް ދޭން ތައްޔާރެވެ. އެއީ އަހަރަކު 4-6 މިިލިއަން ޑޮލަރު ލިބޭ ކޮންޓްރެކްޓެކެވެ.

މަޓާ ހޯދަން ޝައުގުވެރިވާ ސްޕެއިންގެ ކްލަބްތަކުގެ ތެރޭގައި މި ވަގުތު ހަރަކާތްތެރިވަނީ ރެއާލް ބެޓިސް އާއި ވިޔަރެއާލް އިންނެވެ. ދާދި ފަހުން ތަޖުރިބާކާރު ގޯލްކީޕަރު ޕެޕޭ ރެއިނާ ވިޔަރެއާލަށް ބަދަލުވިއިރު، އެ ކްލަބުން މަޓާ އަށް ޝައުގުވެރިވާ ވާހަކަ ވެސް ވަނީ ބުނެފަ އެވެ.

ވެލެންސިއާ ދޫކޮށް 2011 ވަނަ އަހަރު، މަޓާ ޗެލްސީ އަށް ބަދަލުވީ 28 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ޗެލްސީގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މަޓާ ވަނީ އެ ޓީމާ އެކު ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަދި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. މަޓާ، 2014 ވަނަ އަހަރު ޖެނުއަރީ މަހު މެންޗެސްޓާ ޔުނައިޓެޑާ ގުޅުނީ 46 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށެވެ. ޔުނައިޓެޑާ އެކު މަޓާ ވަނީ އެފްއޭ ކަޕާއި ލީގު ކަޕް އަދި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.

މިދިޔަ ދެ ސީޒަނުގައި މަޓާ އަށް ޔުނައިޓެޑް ޓީމުން ފުރުސަތު ލިބުނީ މަދު މެޗެެއްގަ އެވެ. އޭނާ ދެން ގުޅޭ ކްލަބެއްގައި ވަކި އަދަދަކަށް މެޗު ކުޅެވޭ ގޮތަށް ކޮންޓްރެކްޓްގައި ހިމަނަން ބޭނުންވެ އެވެ.