13 ޖުލައި 2022 - 16:30 0
13 ޖުލައި 2022 - 16:30 0
ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ރޭ ގައުމުން ފިއްލަވަން ރާއްޖެއަށް ވަޑައިގެންނެވުމާއެކު އެގައުމުގައި ފެށުނު މުޒާހަރާތައް ހޫނުވެ، އެއްބަޔަކު ބޮޑުވަޒީރު އަދި ވަގުތީގޮތުން ވެރިކަމުގައި މިވަގުތު ހުންނެވި ރަނިލް ވިކްރަމްސިންހަގެ އޮފީހަށް ވަދެއްޖެ އެވެ.
ގޮތަބަޔަ ގައުމުން ފިއްލެވި ހަބަރު ފެތުރިގެން ދިއުމާއެކު ލަންކާގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެގައުމުގެ ރިޔާސީ ގަނޑުވަރު ހުންނަ ސަރަހައްދަށް އެއްވެ މުޒާހަރާތައް ފަށާފަ އެވެ. މުޒާހަރާކުރާ މީހުން ގޮވަމުންދަނީ ޕްރައިމް މިނިސްޓަރު ކަމުގެ މަގާމުން ރަނިލް ވެސް އިސްތިއުފާ ދިނުމަށެވެ.
ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުން ރަނިލްގެ އޮފީސް ކުރިމަތީގައި މީހުން މުޒާހަރާކުރަމުން ދިޔައިރު ފުލުހުން ވަނީ އެއްވުން ރޫޅާލުމަށް ބާރުގެ ބޭނުންކޮށްފަ އެވެ. ނަމަވެސް މާހައުލު ހޫނުވެ، ކަރުނަ ގޭހާއި ފުލުހުންގެ ހަމަލާތަކަށް ގުޑާލުމެއް ނެތި މުޒާހަރާގެ ބައިވެރިން ވަނީ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.
ރަނިލްގެ އަމުރުފުޅަށް ލަންކާގައި ވަނީ ކުއްލި ހާލަތު އިއުލާނުކޮށް، ސިޓީގެ ބައެއް ސަރަހައްދު ތަކަށް ކާފިއު ވެސް ނެރެފަ އެވެ.
ގޮތަބަޔަގެ ވެރިކަމާ ދެކޮޅު ލަންކާގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ރަނިލް އަކީ ވެސް ރާޖަޕަކްސައާ އެއްކޮޅު މީހެކެވެ. އެހެންކަމުން ޕްރައިމް މިނިސްޓަރުގެ މަގާމުގައި ރަނިލް ހުންނަން އެމީހުން ބޭނުމެއްނުވެ އެވެ.
ގޮތަބަޔާ އޭނާގެ އާއިލާއާ އެކު ރޭ ރާއްޖެއަށް އައިސްފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހު ސްރީ ލަންކާގެ އާންމުންގެ ވަރަށް ގިނަ ބަޔަކު އެއްވެ ގޮތަބަޔާގެ ގެކޮޅަށް ހިސޯރު ކުރުމަށް ކުރި ބޮޑު މުޒާހަރާއަށްފަހު އޭނާ ވަނީ ވެރިކަމުން އިސްތިއުފާދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އަދިވެސް މަގާމުން އިސްތިއުފާދެއްވާފައެއް ނުވެ އެވެ.
"އަދަދު" ނޫޫހަށް ކަށަވަރުވެފައިވާ ގޮތުގައި މިހާރު ގޮތަބަޔަ ހުންނެވީ ދެކުނު މާލެ އަތޮޅުގައި އޮންނަ ފަސް ތަރީގެ "ސުޕާ ލަގްޒަރީ" ވޮލްޑޯފް އެސްޓޯރިއާ އިތާފުށީގަ އެވެ. އަދި ސިންގަޕޫރުން ހިމާޔަތް ހޯއްދަވައިގެން ފުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވެ އެވެ.
ގޮތަބަޔަ ގައުމުން ފިއްލަވަން ރާއްޖެއަށް ވަޑައިގަތުމުން އެކަމާ ނުރުހުން ފާޅުކުރުމަށް މާލޭގައި ތިބި ލަންކާ ރައްޔިތުން ވެސް މިހާރު ވަނީ ކާނިވާ ސަރަހައްދުގައި މުޒާހަރާކުރަން ފަށާފަ އެވެ.
Comment