13 ޖުލައި 2022 - 15:50 0
އަމަން ހަލީމް
އަލިމަސް ކާނިވާ ސަރަހައްދުގައި ލަންކާ ރައްޔިތުން ކުރަމުންދާ މުޒާހަރާގެ ތެރެއިން. -- ފޮޓޯ: ޝާބިން / އަދަދު
13 ޖުލައި 2022 - 15:50 0
އިގުތިސޯދީ ބޮޑު ތަދުމަޑުކަމެއްގެ ތެރޭގައި އޮތް ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސް ރާއްޖެ އެތެރެވާން ހުއްދަ ދިން މައްސަލައިގައި ރާއްޖޭގައި ދިރިއުޅޭ ރައްޔިތުން ނުރުހުންވެ އަލިމަސް ކާނިވާ ސަރަހައްދުގައި މުޒާހަރާކޮށްފި އެވެ.
ލަންކާގެ މީހުންނާއެކު ބައެއް ދިވެހިން ވެސް ބައިވެރިވި އެ މުޒާހަރާ ފެށިތާ މާގިނައިރެއް ނުވެ ފުލުހުން އެ މުޒާހަރާ ރޫޅާލި އެވެ. އެގޮތުން މުޒާހަރާގެ ބައިވެރިވާ 50 ނުވަތަ އެއަށްވުރެ ގިނަ ލަންކާގެ ރައްޔިތުން ހިފައިން ހުރި ފޮތިގަނޑުތައް ފުލުހުން ވަނީ އަތުލައިފަ އެވެ.
މުޒާހަރާގެ ބައިވެރިން މާލޭ ތެރޭ އަޑު އުފުލަން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް, ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވާފަ އެވެ. އެމީހުން ގޮވަމުން ދަނީ ގޮތަބަޔަ ރާއްޖޭން ބޭލުމަށެވެ.
ކާނިވާ ސަރަަހައްދުގައި މަޝްރަހު ހޫނުވެ އެކަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެތަނުގައި ތިބި މި ނޫހުގެ ނޫސްވެރިން ބުނި ގޮތުގައި ހައްޔަރުކޮށްފައިވަނީ ލަންކާ ފިރިހެނެކެވެ. އެމީހާ ހައްޔަރުކުރުމާއެކު މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެހި, އިހުތިޖާޖު ނިންމާލި އެވެ.
"އަދަދު" އަށް ޔަގީންކޮށްފައިވާ ގޮތުގައި ގޮތަބަޔާ މިވަގުތު ހުންނެވީ އިތާފުށި ރިސޯޓުގަ އެވެ. އެމަނިކުފާނު އެތަނުގައި ހުންނަވަނީ ހަގީގީ މަންޒިލަށް ވަޑައިގެންނެވެންދެން ކަމަށް މައުލޫމާތު ލިބެ އެވެ.
ލަންކާގެ ނިއުސްކަޓާ ނޫހުން ރާއްޖޭގެ މަސްދަރުތަކަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ގޮތަބަޔަ ފުރާވަޑައިގަންނަވަނީ މިރޭ 11:25 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލައިގެން ސިންގަޕޫރަށް ދާން ތާވަލުކޮށްފައިވާ ފްލައިޓު SQ437 ގަ އެވެ.
އެ ނޫހުން ރިޕޯޓުކޮށްފައިވަނީ ގޮތަބަޔައަށް ސިންގަޕޫރުން ހިމާޔަތް ދީފައިވާ ކަމަށެވެ. ނަމަވެސް މި މައުލޫމާތު އަދި ކަށަވަރެއް ނޫނެވެ. މިހާތަނަށް ސިންގަޕޫރުު ސަރުކާރުގެ އެއްވެސް މަސްދަރަކުން މިކަމާ ގުޅޭ މައުލޫމާތެއް ނުލިބެ އެވެ.
މިއަދު އިސްތިއުފާ ދެއްވާނެ ކަމަށް އިއުލާ ކުރެއްވި ނަމަވެސް, މިހާތަނަށް ގޮތަބަޔާ އެ ވައުދު ފުއްދަވާފައެއް ނުވެ އެވެ. ނަމަވެސް މަގާމުގެ ބާރުތައް ވަނީ ބޮޑުވަޒީރާ ހަވާލު ކުރައްވައިފަ އެވެ.
Comment