13 ޖުލައި 2022 - 15:26 0
އަމަން ހަލީމް
ލަންކާ ރައީސް ގޮތަބަޔަ ރާޖަޕަކްސް ސިންގަޕޫރުގެ ލޯ އެންޑް ހޯމް އެފެއާޒް މިނިސްޓަރު ކަސިވިސްވަނަތަމް ޝަންމުގަންއާއެކު 2020 ގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. -- ފޮޓޯ: ޑެއިލީނިއުސް ލަންކާ
13 ޖުލައި 2022 - 15:26 0
ފިއްލަވައިގެން ރާއްޖެ ވަޑައިގެން އުޅުއްވާ ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސް ސިންގަޕޫރު ސަރުކާރުގެ ހިމާޔަތް ހޯއްދަވައިގެން މިރޭގެ ވަގުތެއްގައި އެ ގައުމަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
ލަންކާގެ ނިއުސްކަޓާ ނޫހުން ރާއްޖޭގެ މަސްދަރުތަކަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ގޮތަބަޔަ ފުރާވަޑައިގަންނަވަނީ މިރޭ 11:25 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލައިގެން ސިންގަޕޫރަށް ދާން ތާވަލުކޮށްފައިވާ ފްލައިޓު SQ437 ގަ އެވެ.
އެ ނޫހުން ރިޕޯޓުކޮށްފައިވަނީ ގޮތަބަޔައަށް ސިންގަޕޫރުން ހިމާޔަތް ދީފައިވާ ކަމަށެވެ. ނަމަވެސް މި މައުލޫމާތު އަދި ކަށަވަރެއް ނޫނެވެ. މިހާތަނަށް ސިންގަޕޫރުު ސަރުކާރުގެ އެއްވެސް މަސްދަރަކުން މިކަމާ ގުޅޭ މައުލޫމާތެއް ނުލިބެ އެވެ.
އަސްކަރީ މަތިންދާބޯޓެއްގައި ފިއްލަވައިގެން ގޮތަބަޔަ ރާއްޖެ ވަޑައިގެންނެވުމާއެކު، ލަންކާގެ އިތުރުން ދިވެހިން ވެސް ދަނީ ދިވެހި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. އެކަމަކު އެކަމާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް އޮތީ ހަނެވެ.
"އަދަދު" ނޫޫހަށް ކަށަވަރުވެފައިވާ ގޮތުގައި މިހާރު ގޮތަބަޔަ ހުންނެވީ ދެކުނު މާލެ އަތޮޅުގައި އޮންނަ ފަސް ތަރީގެ "ސުޕާ ލަގްޒަރީ" ވޮލްޑޯފް އެސްޓޯރިއާ އިތާފުށީގަ އެވެ. އެ ރިސޯޓުގައި އެމަނިކުފާނު ހުންނަވާތީ، އެ ރިސޯޓުގެ މުވައްޒަފުން ހިތްހަމަނުޖެހުން ފާޅުކުރާ ކަމަށް ވެސް އިތުބާރުހުރި ފަރާތަކުން މި ނޫހަށް ވަނީ ޔަގީންކަންދީފަ އެވެ.
ސިންގަޕޫރުން ހިމާޔަތް ހޯއްދަވައިގެން ފުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ގޮތަބަޔާ އެންމެ ފުރަތަމަ ވަޑައިގަންނަވަން ބޭނުންވެވަޑައިގެންނެވީ ޑުބާއީއަށް ކަމަށްވެ އެވެ. ނަމަވެސް ވީއައިޕީން ފުރަން ހުއްދަ ނުދީ، އާންމުންނާއެކު ވަޑައިގަންނަވަންޖެހޭނެކަން އެނގިވަޑައިގަތުމުން މަޑުކުރެއްވީ ކަމަށްވެ އެވެ.
Comment