Advertisement

ޑީސީ ޔުނައިޓެޑްގެ ކޯޗަކަށް ރޫނީ ހަމަޖައްސަނީ

12 ޖުލައި 2022 - 09:51 0


ޑީސީ ޔުނައިޓެޑްގެ ކޯޗަކަށް ރޫނީ ހަމަޖައްސަނީ

12 ޖުލައި 2022 - 09:51 0

ލަންޑަން (ޖުލައި 12) - އެމެރިކާ ލީގުގެ ކްލަބް، ޑީސީ ޔުނައިޓެޑްގެ ކޯޗަކަށް ވޭން ރޫނީ ހަމަޖައްސަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކޯޗިން ކެރިއަރުގައި ރޫނީ އެންމެ ފުރަތަމަ މަސައްކަތް ކުރި ޑާބީ ކައުންޓީގެ ވަޒީފާ އިން ވަކިވީ މިދިޔަ މަހު އެވެ.

ޑީސީ ޔުނައިޓެޑް ދޫކޮށް، 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ރޫނީ، އެންމެ ފުރަތަމަ ޑާބީއާ ގުޅުނީ ޕްލޭޔާ-ކޯޗެއްގެ ގޮތުގަ އެވެ. އޭރު ޑާބީގެ ކޯޗަކަށް ހުރި، ފިލިޕް ކޮކޫ އަށް އެހީތެރިވެދިނުމުގައި ވެސް ރޫނީ މަސައްކަތްކުރިއިރު، ކޮކޫ އަށް ޓީމުގެ ނަތީޖާތައް ރަނގަޅުކުރެވޭ ގޮތްނުވެ، ދިގުލައިދިއުމުން ވަޒީފާ ގެއްލުނެވެ. ރޫނީ، ފުލްޓައިމްކޮށް ޑާބީ ކޯޗަކަށް ހަމަޖެއްސީ 2021 ވަނަ އަހަރުގެ ޖެނުއަރީ 15 ގަ އެވެ. ރޫނީ ކޯޗަކަށް ހުރި ފުރަތަމަ ސީޒަނުގައި ޑާބީ ވަނީ ރެލިގޭޝަނުން ސަލާމަތްވެފަ އެވެ. އެކަމަކު، މިދިޔަ ސީޒަނުގައި އެޑްމިނިސްޓްރޭޝަނުގެ މައްސަލަތަކެއް ދިމާވެ، ޑާބީގެ ޕޮއިންޓް އުނިކުރުމުން ދެން އަރައިގަންނަން ޖެހުނު އަޑިގަނޑު ބޮޑުވެ، ޑާބީ ރެލިގޭޓްވީ އެވެ.

ޑާބީ އަށް ބަދަލުވުމުގެ ކުރިން ރޫނީ، 36، ވަނީ ޑީސީ ޔުނައިޓެޑްގައި 18 މަސް ދުވަސް ހޭދަކޮށްފަ އެވެ. ޑީސީ ޔުނައިޓެޑް މިދިޔަ އޭޕްރީލް މަހުން ފެށިގެން ހެޑް ކޯޗެއް ނެތި ކުޅެމުން އަންނައިރު، އެންމެ ފަހުން މިދިޔަ ހުކުރު ދުވަހު އެ ޓީމު ކުޅުނު އީސްޓާން ކޮންފަރެންސް ލީގުގެ މެޗުން ވަނީ ފިލަޑެލްފިއާ ޔޫނިއަން އަތުން 7-0 އިން ބަލިވެފަ އެވެ.

ޑީސީ ކޯޗެއްގެ ގޮތުގައި ރޫނީ މިއަދުގެ ވަގުތެއްގައި ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް ބެލެވޭއިރު، އޭނާ އެ ޓީމާ އެކު ސޮއިކުރާނީ ކުރު މުއްދަތުގެ ކޮންޓްރެކްޓެއްގަ އެވެ. ރޫނީ ދެން ބޭނުންވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކަށް ކޯޗުކޮށްދިނުމަށެވެ.

މިދިޔަ އަހަރު އެވަޓަންގެ ކޯޗުކަމުން ރަފައެލް ބެނިޓޭޒް ވަކިކުރުމަށް ފަހު، އެ ވަޒީފާ ހުސްކޮށް އޮތްވަގުތުގައި، ރޫނީ އަށް އެވަޓަންގެ ކޯޗަކަށް އަންނަން އިންޓަވިއުއަކަށް ދައުވަތު ވެސް ލިބުނެވެ. އެކަމަކު، އޭރު ޑާބީ އަށް ވަގުތު ދޭން ބޭނުންވާތީ ރޫނީ ނިންމީ އެވަޓަންގެ އިންޓަވިއު އަށް ހާޒިރު ނުވުމަށެވެ. ރޫނީ ވަނީ އުމުރުން 16 އަހަރުގައި އެވަޓަން އިން ކެރިއަރު ފަށައި، ކުޅުން ހުއްޓާލުމުގެ ކުރިން ވެސް އެވަޓަން އަށް ކުޅެފަ އެވެ.