Advertisement

ފަހު ވަގުތު ދަ ގްރާންޑޭ ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ ހަތަރަކަށް

11 ޖުލައި 2022 - 23:16 0

ދަ ގްރާންޑޭގެ ނަވީން (ކ) ކައިރިން ޔުނައިޓެޑް ވިކްޓަރީގެ ޝަންމު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އިމޭޖަަސް.އެމްވީ


ފަހު ވަގުތު ދަ ގްރާންޑޭ ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ ހަތަރަކަށް

11 ޖުލައި 2022 - 23:16 0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ފަހު ވަގުތު ޖެހި ގޯލާ އެކު 1-0 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

ޔުނައިޓެޑް ވިކްޓަރީ ހަތަރު ވަަނައިގައި އޮތީ 17 މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ހަތަރު ވަނައިގައި އޮތް ވެލެންސިއާ ފަސް ވަނައިގައި އޮތީ 16 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. ހަ ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް ވަނީ 16 މެޗުން 20 ޕޮއިންޓް ލިބިފަ އެވެ.

މާދަމާ ހަވީރު ކުޅޭ މެޗުގައި ވެލެންސިއާ ކުޅޭނީ ގްރީން ސްޓްރީޓްސްއާ އެެވެ. މި މެޗުން މޮޅުވާ ޓީމެއް ހަތަރު ވަނަ އަށް އަރާނެ އެވެ.

ޔުނައިޓެޑް ވިކްޓަރީން މެޗު ފަށައިގެން އެޓޭކަށް ޖެހިގެން ކުޅެމުންދިޔައިރު، ހަތް ވަނަ މިނިޓްގައި ފުރުސަތެއް ތަނަވަސްކުރި އެވެ. ޔުނައިޓެޑް ވިކްޓަރީގެ ކެޕްޓަން، އަލީ ހަމްދާން (އައްޔަ) ނެގި ބޯޅައަކުން އެ ޓީމުގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

އޭގެ ދެ މިނިޓް ފަހުން، ދަ ގްރާންޑޭގެ މުރުތަޖާ މުހައްމަދު ޖެހި ބޯޅައެއް ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިއަކު ގައިގައި ޖެހިފައި ދިޔައީ ބޭރުންނެވެ.

މެޗުގެ 12 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީގެ އައްޔަ ތަނަވަސްކުރި ފުރުސަތެއްގައި އަބްދުﷲ ޝަމާލް އަބްދުﷲ (ޝަންމު) ޖެހި ބޯޅަ ދިޔައީ ގޯލުގެ ދަނޑިކައިރިން ބޭރަށެވެ. އޭގެ ފަހުން ދަ ގްރާންޑޭން ރަނގަޅު ދެ ހަމަލާއެއް ފޮނުވާލި އެވެ. މުރުތަޖާ ޖެހި ބޯޅަ ބްލޮކްވިއިރު، ހުސެއިން ނަވީން ޖެހި ޝޮޓް ދިޔައީ ގޯލާ ސީދާނުވެ އެވެ.

ފުރަތަމަ ހާފުގެ ފަހު ފުރުސަތު ހޯދީ ޔުނައިޓެޑް ވިކްޓަރީންނެވެ. އެ ޓީމުގެ ސާބިއާ ފުލްބެކް، މިލޯސް ކޮވަސެވިޗް ހިލޭޖެހުމަކުން ދިން ބޯޅަ އެ ޓީމުގެ ޖަޕާން މިޑްފީލްޑަރު އެއިސޫކޭ މޯރީ އާއި ޝަންމު އަށް ގޯލަކަށް ހަދައިނުލެވުނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ދަ ގްރާންޑޭ އިން ފުރުސަތު ހޯދަން ފެށި އެވެ. އެ ގޮތުން މެޗުގެ 54 ވަނަ މިނިޓްގައި ދަ ގްރާންޑޭގެ އިސްމާއިލް މަފާޒް އިބްރާހިމް ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ. އޭގެ 10 މިނިޓް ފަހުން، މެޗުގެ 64 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީގެ އަރީން އަބްދުﷲ ޖެހި ބޯޅަ ވެސް ދިޔައީ ގޯލާ ސީދާނުވެ އެވެ.

މެޗުގެ 67 ވަނަ މިނިޓްގައި ކޯނަރެއްގައި ދަ ގްރާންޑޭގެ ލަންކާ ފޯވާޑް މުހައްމަދު އާކިބް ޖެހި ބޯޅަ ދަނޑި އަށް އަމާޒުވިއިރު، ފަހުން މަފާޒް ޖެހި ޝޮޓެއް ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު ހަސަން ތޮލާލް (ޓޮޕްލަކް) ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑް ވިކްޓަރީ މޮޅުވި ގޯލު ޖެހީ ބަދަލަކަށް އެރި ދެ ކުޅުންތެރިން ގުޅިގެން ކުރި އެޓޭކެއްގަ އެވެ. މެޗުގެ 88 ވަނަ މިނިޓްގައި މި ގޯލު ޖެހީ މުހައްމަދު ރީހާން އެވެ. އޭނާ މި ގޯލު ޖަހަން ފުރުސަތު ހޯދައިދިނީ މުސައްނިފް މުހައްމަދު އެވެ.

ފަހު ވަގުުތު ދަ ގްރާންޑޭ އިން އެއްވަރުކުރަން ކުރި މަސައްކަތުގައި، އެ ޓީމުގެ ގޯލު ބެލެހެއްޓުމާ ހަވާލުވެހުރި، ލެބަނަންގެ ކީޕަރު މުހައްމަދު ތަހާ ކުރިއަށް ޖެހިގެން މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ.

ދަ ގްރާންޑޭ ލީގުގެ ފުލުގައި އޮތީ ކުޅުނު 17 މެޗުން ލިބުނު އެއް ޕޮއިންޓާ އެކު އެވެ. ދަ ގްރާންޑޭ އަށް ވަނީ ރެލިގޭޝަނުގައި ކުޅެން ޖެހިފަ އެވެ.