Advertisement

ނަލަ ހުސެން، ސިޓީގެ ތާރީހީ ކާމިޔާބީގައި ކްރެޑިޓް ދެނީ މުޅި ޓީމަށް

10 ޖުލައި 2022 - 12:45 1

ސިޓީގެ ކޯޗު ނަލަ ހުސެން މެޗެއްގެ ތެރެއިން އެ ޓީމުގެ ޔޫސުފްއާ ވާހަކަ ދައްކަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ


ނަލަ ހުސެން، ސިޓީގެ ތާރީހީ ކާމިޔާބީގައި ކްރެޑިޓް ދެނީ މުޅި ޓީމަށް

10 ޖުލައި 2022 - 12:45 1

ރާއްޖޭގެ ވޮލީބޯޅަ ސީޒަނުގެ ތިން ތަށި (އެސޯސިއޭޝަން ކަޕް، ގައުމީ ވޮލީބޯޅަ ލީގު އަދި ގައުމީ ވޮލީ މުބާރާތް) މިހާތަނަށް ހޯދިފައިވަނީ ދެ ޓީމަކަށެވެ. އެއީ މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގައި ސްޕޯޓްސް ކްލަބް ސިޓީގެ އިތުރުން 2010 ވަނަ އަހަރުގެ ދިވެހި ސިފައިންގެ ކްލަބް އެވެ.

މި ފަހަރުގެ ރެކޯޑް ކާމިޔާބީ ހޯދި ސިޓީ ޓީމުގެ ކޯޗަކަށް ހުރީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު ނަލަ ހުސެއިން ޝަރީފް (ނަލަ ހުސެން) އެވެ.

ފުރަތަމަ ޑިވިޝަން ވޮލީގައި ހެޑް ކޯޗެއްގެ ރޯލުގައި މިއީ ނަލަ ހުސެންގެ ފުރަތަމަ ސީޒަނެވެ. މީގެ ކުރިން އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި އެކި ޓީމުތަކުގައި މަސައްކަތް ކުރި ނަަލަ ހުސެން، ހެޑް ކޯޗެއްގެ ޒިންމާއާ ހަވާލުވެ ހުރެ ފުރަަތަމަ ސީޒަނުގައި ވެސް ތާރީހީ ކާމިޔާބީއެއް މި ހޯދީ ސީޒަނުގައި ކުޅުނު 13 މެޗުގެ ތެރެއިން 12 މެޗުން މޮޅުވެގެންނެވެ.

"އެންމެ ފުރަތަމަ ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ހެއްދެވި ފަރާތަށް، މިއީ ވަރަށް ބޮޑު ކާމިޔާބެއް، ދުވަހަކު ވެސް ނެތް ސިޓީ މި ވަރުގެ ކާމިޔާބެއް ހޯދާފައި. ދެން، ތާރީހަށް ބަލާއިރު. މިއީ ވަރަށް ކާމިޔާބު އަހަރެއް. ﷲ އިރާދަކުރެއްވިއްޔާ، މި ގޮތުގައި ދެމި ތިބޭނަން، މިއީ ވަރަށް ބޮޑު ކާމިޔާބެއް،" ގައުމީ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބް 3-1 ސެޓުން ބަލިކުރުމަށް ފަހު ނަލަ ހުސެން، "އަދަދު" އަށް ބުންޏެވެ.

ނަލަ ހުސެން ސިޓީގެ ކެޕްޓަން ހުޒާމް (ވ)އާ އެކު.--- ފޮޓޯ: އިމޭޖަސް.އެމްވީ


މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގައި ކުޅުނީ އިންޑިއާގެ ޕްރައިމް ވޮލީބޯލް ލީގުގެ 18 ކުޅުންތެރިން ޑްރާފްޓް ސިސްޓަމެއްގެ ތެރެއިން ފުރަތަމަ ޑިވިޝަނުގެ ހަ ކްލަބަށް ބަހައިގެންނެވެ. މީގެ ކުރިން ބިދޭސީ ދެ ކުޅުންތެރިން ގެންނަ ގޮތަށް އޮތްއޮތުން މި ފަހަރު ޑްރާފްޓް ސިސްޓަމެއްގެ ތެރެއިން ތިން ކުޅުންތެރިންނަށް ބަދަލުކޮށްލައިގެން ކުޅުމުގެ ފައިދާ ބޮޑު ކަމަށް ބައެއް ކޯޗުން ފާހަގަކުރި އެވެ.

ނަލަ ހުސެން ބުނީ ސިޓީ ކުރިއަށްދިޔައީ މި ފޯމެޓްގައި ހުރި ކަންކަމަށް ބަލައި ރަނގަޅު ވިސްނުމުގައި ކަމަށާއި އޭގެ ނަތީޖާ ވެސް ފެނުނީ ބޭނުންވި ގޮތަށް ކަމަށެވެ.

"ވާގޮތަކީ ކުރިން ކުޅޭއިރު ދެ ޓީމު ނޫނީ ތިން ޓީމު މި އޮންނަނީ، ދެން، މި ފަހަރު ފޮރިން ތިން ޕްލޭޔަރުންގެ ތެރެއިން ސެޓަރެއް ލީމަ، އަސްލު ޕާފޯމް ކުރަން ފަސޭހަވޭ. ހަގީގަތުގައި މިހެން ގެންދެވިއްޖިއްޔާ ރަނގަޅުވާނެ. އެކަމަކު، ގަބޫލުކުރަން ޖެހޭ ކޮންމެ ކަމެއްގައި ވެސް އޮންނާނެ ނުބައި ކޮޅާއި ރަނގަޅު ކޮޅާ، ރަނގަޅު ކޮޅުގައި އަބަދުވެސް ހިފައިގެން، އަޅުގަނޑުމެން މި ދިޔައީ، އެހެންވެ އިރާދަކުރެއްވިއްޔާ މި ކާމިޔާބުވީ،" ނަލަ ހުސެން ބުންޏެވެ.

ނަަލަ ހުސެން ވަނީ ސިޓީ 2009 ގައި ވުޖޫދުވި ފަހުން ކާމިޔާބީއާ ހަމައަށް އެ ކްލަބް ގެނައުމުގައި އެ ކްލަބްގެ އިސް ހިންގުންތެރިޔާ، ވޮލީބޯލް އެސޯސިއޭޝަންގެ މި ވަގުތުގެ ނައިބު ރައީސް އަޝްރަފް އަލީ (އަސްރާ)ގެ ދައުރު ފާހަގަކޮށް އޭނާ އަށް ޝުކުރު އަދާކޮށްފަ އެވެ.

އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ސިޓީ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ސިޓީގެ ކާމިޔާބީގެ ކްރެޑިޓް ހަމައެކަނި އޭނާ އަމިއްލަ އަށް ނުނަގާނެ ކަމަށް ނަލަ ހުސެން ވަނީ ބުނެފަ އެވެ. މީގެ ހިއްސާ އޮތީ މުޅި ޓީމާއި ކޯޗިން ސްޓާފުން ގުޅިގެން ކުރި މަސައްކަތް ކަމަށް ނަލަ ހުސެން ފާހަގަކުރި އެވެ. ނަލަ ހުސެން އަށް ކޯޗިންގެ ކަންކަމުގައި އެހީތެރިވެދޭން، ލަންކާގެ ތަޖުރިބާކާރު ކޯޗު، ސުމިތު ޖަޔަލާލް ވެސް މަސައްކަތްކުރި އެވެ.

މީގެ ކުރިން ނަލަ ހުސެން ވަނީ ވޮލީބޯޅަ ސީޒަނުގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ގުޑީސް ސްޕޯޓްސް ކްލަބާއ ސިޓީގައި ވެސް މަސައްކަތްކޮށްފަ އެވެ. ވޮލީގެ ކޯޗިން އެހެން މަސައްކަތްތަކަށް ބަލާއިރު އެކި ރަށްރަށުގެ ޓީމުތަކާއި ރިޒޯޓް މުބާރާތެއްގައި އަނަންތަރާ އަށް ކޯޗުކޮށްދީ ކާމިޔާބެއް ހޯދުމުގެ އިތުރުން ދާދި ފަހުން އެމްއެންޑީއެފްގެ އިންޓަ ޑިޕާޓްމަންޓް މުބާރާތުގައި ހޯދި ކާމިޔާބީ ހިމެނެ އެވެ. ބައިނަލްއަގުވާމީ ލެވަލަށް ބަލާއިރު، ގުޑީސް އިން 2019 ވަނަ އަހަރު ލަންކާގައި ބޭއްވި 23 އަހަރުން ދަށުގެ މުބާރާތެއްގައި ވާދަކުރިއިރު، އެސިސްޓަންޓް ކޯޗަކީ ވެސް ނަލަ ހުސެން އެވެ.

ނަލަ ހުސެން ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތް ކޮށްފަ އެވެ. ނަލަ ހުސެން އަކީ ކުރިން ގައުމީ ފުޓްސަލް ޓީމާއި ނިއު ރޭޑިއަންޓަށް ކުޅުުނު ކުޅުންތެރިއެކެވެ. ވޮލީގެ ކެރިއަރަށް ބަލާއިރު، ވިކްޓަރީ އަށް ކުޅުމުގެ އިތުރުން އޭނާ ވަނީ ނާވައިދޫ ސްޕޯޓްސް ކްލަބާއި މާލޭ ސްޕޯޓްސް ކްލަަބަށް ވެސް ކުޅެފަ އެވެ.