9 ޖުލައި 2022 - 11:27 0
މެލޭޝިއާގެ ކުއަޑްރަންގިއުލާ ސީރީސްގައި މިއަދު މެލޭޝިއާ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަން
9 ޖުލައި 2022 - 11:27 0
މެލޭޝިއާގައި މިހާރު ކުރިއަށްދާ ކުއަޑްރަންގިއުލާ ޓީ20 ސީރީސްގައި މިއަދު ކުޅުނު މެޗުން މެލޭޝިއާ އަތުން 94 ލަނޑުން ބަލިވެ، ރާއްޖެ އަށް މުބާރާތް ނިމިއްޖެ އެވެ.
ރާއްޖޭން މިއަދުގެ މެޗަށް ނުކުތްއިރު ވެސް މުބާރާތުގެ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރެއް ނެތެވެ. ރާއްޖެ އަށް ފުރުސަތެއް އޮތީ މި މެޗުން މެލޭޝިއާ އަތުން މޮޅުވެ، ލީގު ބުރުގެ ފަހު މެޗުގައި މިއަދު ތައިލެންޑުން ބޫޓާން ބަލިކޮށްގެންނެވެ. އެކަމަކު، މެލޭޝިއާ އަތުން ބަލިވުމުން ރާއްޖެ އަށް ފައިނަލުގެ ދޮރު އެއްކޮށް ބަންދުވީ އެވެ.
ކޮންމެ ޓީމެއް އެއް ޓީމެއް އަނެއް ޓީމަކާ ދެ ފަހަރު ކުޅެ، އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށް އޮތްއިރު، ފައިނަލުގެ ދެ ޖާގަ މިހާރު އޮތީ ޔަގީންވެފަ އެވެ. ފައިނަލުގައި ކުޅޭނީ މެލޭޝިއާ އާއި ބޫޓާން އެވެ.
މެލޭޝިއާ އިން ލީގު ބުރުގެ އެއް ވަނަ ހޯދީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ކުޅުނު ހަ މެޗުން މޮޅުވެ، 18 ޕޮއިންޓާ އެކު އެވެ. ފަސް މެޗުން ހަ ޕޮއިންޓާ އެކު ބޫޓާން ދެ ވަނައިގައި އޮތްއިރު، ތިން ވަނައިގައި ހަ މެޗުން ހަތަރު ޕޮއިންޓާ އެކު އޮތީ ރާއްޖެ އެވެ. ފުލުގައި އޮތް ތައިލެންޑުން ކުޅުނު ފަސް މެޗުން ވެސް ވަނީ ބަލިވެފަ އެވެ.
މެލޭޝިއާ އާއި ރާއްޖޭން މިއަދު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މޯލްޑިވްސް ކްރިކެޓް އެސޯސިއޭޝަން
މިއަދުގެ މެޗުގައި ޓޮސް ދިމާވުމުން ރާއްޖޭން ނިންމީ ފީލްޑް ކުރުމަށެވެ. މެލޭޝިއާ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 230 ލަނޑު ހަދައިފަ އެވެ. މެލޭޝިއާގެ ވިރަންދީޕް ސިންގް ވަނީ 72 ލަނޑު ހަދައިފަ އެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މެލޭޝިއާގެ އަހުމަދު ފާއިޒް މުހައްމަދު ނޫރު ވަނީ 57 ލަނޑު އެއްކޮށްފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، ރާއްޖެ އަށް 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 136 ލަނޑެވެ. ރާއްޖޭން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ވައިސް ކެޕްޓަން، އާދަމް ނާސިފް އުމަރު (އާދަޅޭ) އެވެ. އޭނާ ވަނީ 50 ލަނޑު (ހާފް ސެންޗަރީ) އެއް ފުރިހަމަކޮށްފަ އެވެ. ތަޖުރިބާކާރު ކުޅުންތެރިޔާ، އަބްދުﷲ ޝާހިދު (ޝާޑު) ވަނީ 34 ލަނޑު ހަދައިފަ އެވެ.
ރާއްޖޭން މުބާރާތް ފެށީ ތައިލެންޑް އަތުން ހަތް ވިކެޓުން މޮޅުވެގެންނެވެ. ދެ ވަނަ މެޗުގައި ބޫޓާން އަތުން ހަ ލަނޑުން ރާއްޖެ ބަލިވިއިރު، ފުރަތަމަ ބުރުގެ ފަހު މެޗުން މެލޭޝިއާ އަތުން ބަލިވީ އަށް ވިކެޓުންނެވެ. ދެ ވަނަ ބުރުގައި ބޫޓާން އަތުން ރާއްޖެ ދެ ލަނޑުން ބަލިވިއިރު، އިއްޔެ ވަނީ ތައިލެންޑް އަތުން 41 ލަނޑުން މޮޅުވެފަ އެވެ. އެކަމަކު، ދެ ވަނަ ބުރުގައި މިއަދު 94 ލަނޑުން މެލޭޝިއާ އަތްދަށުވެ، މުބާރާތް ނިމުނީ އެވެ.
މެލޭޝިއާ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ވަނީ ލަންކާގައި ޓުއާއެއް ފުރިހަމަކޮށް ގިނަ މެޗުތަކެއް ކުޅެފަ އެވެ. ރާއްޖޭން މޮޅަކުން މުބާރާތް ފެށި ނަމަވެސް، ބޫޓާން އަތުން ދެ މެޗުން ބަލިވުމުން ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނީ އެވެ.
ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ވަނީ 2018 ވަނަ އަހަރު މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަނުން ބޭއްވި ބައިނަލްއަގްވާމީ ޓްރި-ނޭޝަންސް ޓީޓްވެންޓީ މުބާރާތުން ދެެ ވަނަ ހޯދައިފަ އެވެ. އެ މުބާރާތުގައި ރާއްޖެ ކުޅުނު ހަތަރު މެޗުގެ ތެރެއިން މެލޭޝިއާ އަތުން ފުރަތަމަ މެޗުން ބަލިވީ އެވެ. އެކަމަކު، ދެ ވަނަ މެޗުން ތައިލެންޑް އަތުން މޮޅުވި އެވެ. އަދި ތިން ވަނަ މެޗުގައި މެލޭޝިއާއާ ދެކޮޅަށް ކުޅުނު މެޗު ހުއްޓާލިއިރު ބަލިވެފައި އޮތްއިރު، ފަހު މެޗުން ތައިލެންޑް އަތުން ބަލިވީ އެވެ. އެހެންވެ، ދެ ވަނައިން ފަރުޖައްސާލަން ޖެހުނީ އެވެ.
Comment