13 އޭޕްރީލް 2025 - 09:50 0
13 އޭޕްރީލް 2025 - 09:50 0
ސްރީ ލަންކާގެ ކެންޑީ އަށް ނިސްބަތްވާ އަކުރާނާ ފްރެންޑްސް ކްރިކެޓް ކްލަބާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗު ސީރީސްގައި، ފުރަތަމަ ތިން މެޗުން ރާއްޖެ މޮޅުވިއިރު، ފަހު މެޗުން އަކުރާނާ ކުރިހޯދައިފި އެެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ހާއްސަ ދައުވަތަކަށް ދައުވަތަކަށް އަތުވެފައިވާ އަކުރާނާ ޓީމާ ދެކޮޅަށް ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި ކުޅެން ހަމަޖެހިފައިވަނީ، ޓީ20 ދެ މެޗާއި 50 އޯވަރުގެ ދެ މެޗެވެ. އެ ގޮތުން، ފުރަތަމަ ޓީ20 މެޗުން ރާއްޖެ 11 ލަނޑުން މޮޅުވިއިރު، އިއްޔެ ކުޅުނު ކުޅެވުނު ދެ ވަނަ ޓީ20 މެޗުން ރާއްޖެ މޮޅުވީ، 39 ލަނޑުންނެވެ.
އެ އަށް ފަހު ކުޅުނު، 50 އޯވަރުގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުން ރާއްޖެ މޮޅުވީ ހަ ވިކެޓުންނެެވެ.
ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި ކުޅުނު މި މެޗުގައި، ގުރުދިމާވުމުން އަކުރާނާ އިން ކުޅެން އަރައި، 42 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 146 ލަނޑެވެ. އެ ޓީމުގެ މުހަންމަދު އަންސާރު 38 ލަނޑު ހެދިއިރު، މުހަންމަދު މުޖީބް ރަހުމާން 21 ލަނޑު ހެދި އެެވެ. މި އިނިންގްސްގައި، ހަރުސާ އާއި ސަވިންދަ ކޮންމެ އުކުންތެރިއެއް ދެ ވިކެޓް ނެގިއިރު، އަލީ ސުނާން ވަނީ 8 އޯވަރު 23 ލަނޑަށް 4 ވިކެޓް ނަގައިފަ އެެވެ.
ޖަވާބުގައި ރާއްޖޭން ކުޅެން އަރައި 25 ވަނަ އޯވަރުގައި 4 ކުޅުންތެރިން ނުބައިވެގެން 148 ލަނޑު ހަދައި މެޗުން މޮޅުވި އެެވެ. މި މެޗުގައި ރާއްޖޭގެ ހަސަން ހާޒިގު ރަސީދު 44 ލަނޑު ހެދިިއިރު، އިބްރާހިމް ނަސާތު 41 ލަނޑު ހެދި އެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސުނާން އެވެ.
ފަހު މެޗުގައި، އަކުރާނާ މޮޅުވީ، ހަ ވިކެޓުންނެވެ. އެ ގޮތުން، މި މެޗުގައި، ގުރުދިމާވުމުން ރާއްޖޭގެ ޓީމު ގަސްދުކުރީ ކުޅުމަށެވެ. ކުޅެން އަރައި، 26 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދީ 166 ލަނޑެވެ. ރާއްޖެ ޓީމަށް، އެންމެ ރަގަޅަށް ކުޅުނީ 58 ލަނޑު ހެދި މުހަންމަދު ރިސްވާން އާއި 47 ލަނޑު ހެދި ހަސަން ސައުފް އެވެ.
މި އިނިންގްސްގައި، އަކުރާނާ ޓީމުން މުހައްމަދު އަރުކަމް ވަނީ ހަ އޯވަރު 20 ލަނޑަށް ހަ ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި، އަކުރާނާ އިން ކުޅެންއަރައި 30 އޯވަރުގެތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 167 ލަނޑު ހަދައި މޮޅުވެފަ އެވެ. އެ ޓީމުން އެންމެ ރަގަޅަށް ކުޅުނީ 65 ލަނޑު ހެދި މުހަންމަދު އަޒީރު އެވެ. މި އިނިންގްސްގައި، ރާއްޖޭގެ ޓީމުން މުހަންމަދު މިއުވާން، އަހުމަދު އަމީލް، ލީމް ސަފީގް އަދި ނަސާތު ކޮންމެ ކުޅުންތެރިއަކު އެއް ވިކެޓް ނެގި އެވެ.
މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުހަންމަދު އަރުކަމް އެވެ.
Comment