Advertisement

ރަށު ނޯޓު: ކުމުންދޫ ތަފާތުވާ ވާހަކަތައް

9 ޖުލައި 2022 - 16:57 2

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ހދ. ކުމުންދޫ: މިއީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ނިސްބަތުން ބޮޑު، ރީތި ރަށެއް. -- ފޮޓޯ: ކުމުންދޫ ކައުންސިލް


ރަށު ނޯޓު: ކުމުންދޫ ތަފާތުވާ ވާހަކަތައް

9 ޖުލައި 2022 - 16:57 2

އެންމެ 10 މިނެޓުން ކުޅުދުއްފުއްްޓަށް ދެވޭ ދުރުމިނުގައި، އެ ރަށުގެ ދެކުނުން އޮތް ކުމުންދޫ އަކީ ރާއްޖޭގެ ބިޔަ ރަށްތަކުގެ ތެރެއިން ރަށެކެވެ. މި ރަށާ ގުޅޭ އާންމު ވާހަކަތައް ފެށުމުގެ ކުރިން ހާއްސަ ވާހަކައެއް ހިއްސާކޮށްލާނަމެވެ. ރާއްޖޭގެ ގިނަ ރަށްތަކަކަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ، ދިރިއުޅުމުގެ ފަސޭހަ އަށާއި ވަޒީފާ އަށާއި ތައުލީމާއި ސިއްހީ ފަސޭހަތަކަށް މާލެ އަށް ނުވަތަ އެހެން ރަށްރަށަށް ހިޖުރަކުރުން އިތުރުވެ، ރަށުގެ އާބާދީ ދަށަށް ދިއުމެެވެ. ނަމަވެސް ކުމުންދޫ ތަފާތެވެ.

"ރަށުގެ ރައްޔިތުން އުޅެމުން ދަނީ ވަރަށް އުފަލުގައި. ކުޅުއްދުއްފިށި ކައިރީގައި އޮތުމުން ހުރިހާ ހިދުމަތެއް އެބަ ލިބޭ. ކޮންމެ ގޭބިސީއަކަށް، ރަށުގައި ތިބެގެން އާމްދަނީ އެބަ ލިބޭ. ކުދިން ކިޔަވަން [މާލެ] ފޮނުވިޔަސް އާއިލާގެ އެންމެން މާލެއަށް ބަދަލެއް ނުވޭ. ރަށުގެ ދިރިއުޅުމަށް މި ރަށުގެ ގިނަ ބަޔަކު ލޯބި އެބަ ކުރޭ،" ކުމުންދޫގައި ދިރިއުޅޭ އާބާދީ ރާއްޖޭގެ އެހެން ރަށްރަށަށް ވުރެ ނިސްބަތުން މަތިވި ސަބަބާ ގުޅޭ ގޮތުން ރަށު ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވި އެވެ.

ބޮޑުމިނުގައި 182 ހެކްޓަރުގެ މި ރަށުގެ ޖުމުލަ އާބާދީ 1500 ހަމަވީ އެވެ. ރަށުގައި ދިރިއުޅޭ ރަށު މީހުންގެ އަދަދު 1200 އަށް ވުރެ ގިނަ އެވެ. މިއީ ރާއްޖޭގެ ގިނަ ރަށްތަކަށް ވުރެ، ރަށުގައި ދިރިއުޅޭ އާބާދީ މާ މަތި ރަށެކެވެ. މީގެ އިތުރުން ރަށުގައި 75 ބިދޭސީން ވެސް ދިރިއުޅެ އެވެ.

މި ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ބީ-13 އެވެ. ޒަމާނުއްސުރެ މަޝްހޫރު އުސްކުންނަ ކިޔާ އާސާރީ ތަނެއް ހުރެ އެވެ. ކުރިން އާސާރީ މިސްކިތެއް ވެސް ހުއްޓެވެ. އެ މިސްކިތަކީ ރާއްޖޭގެ އިހުގެ މަޝްހޫރު އާކިޓެކްޓް އަލް މަރުހޫމު މުހައްމަދު ކަލޭފާނު (ކުޑަރިކިލު ކަލޭފާނު)ގެ ފަރުމާ އެކެވެ. ބުނެވޭ ގޮތުގައި އޭނާ އެންމެ ފަހުން ޑިޒައިންކުރި މިސްކިތެވެ.

ކުމުންދޫގެ އިގުތިސޯދުގެ މައިގަނޑު ހަރަކާތަކީ، މަސްވެރިކަމާއި ދަނޑުވެރި ކަމެކެވެ. ކޮންމެ ގޭބިސީއަކުން ދަނޑިވެރިކަން ކޮށްގެން ނަފާ ހޯދަ އެވެ. ހައްދާ އެތިކޮޅު އާންމުކޮށް ވިއްކާލަނީ ކުޅުދުއްފުށީގައި އޮންނަ ހޮނިހިރު މާކެޓަށެވެ. މީގެ އިތުރުން ވަޑާންކުރުމުގެ މަސައްކަތް މި ރަށު މީހުން ކުރެ އެވެ.

"އިރާދަ ކުރެއްވީތީވެ ރަށުގެ ރައްޔިތުންނަކީ ތިޔާގި، އެކުވެރި ބައެއް،" އަމީން ވިދާޅުވި އެވެ.

ނަންބަރުތަކަށް ބަލާއިރު ރަށުގައި މަސްވެރިކަންކުރާ ތިން ދޯންޏާއި ކުދި އަށް ދޯންޏާއި 10 ޑިންގީ ދުއްވަ އެވެ. މާލެ ދަތުރުކުރަން ދުއްވާ ބޯޓެއް ނެތަސް، ސަރަހައްދުގެ ރަށްތަކަށް ދަތުރުކުރަން ފަސް ލޯންޗް މި ގެންގުޅެ އެވެ. ޖުމުލަ 12 ފިހާރަ، ތިން ކެފޭ، ދެ ގަރާޖާއި ތެޔޮ ވިއްކާ ތަނެއް ހުރެ އެވެ.

މަސްވެރި ރަށަކަށް ވިޔަސް، މި ރަށަކީ ޒަމާނުއްސުރެ ވެސް ލަފާފުރުމުގެ ދަތިކަން އޮތް ރަށެކެވެ. މިހާރު ބަނދަރެއް ހަދާފައި އޮތަސް، ލަފާފުރުމުގެ ދަތިކަން މުޅިން ހައްލެއް ނުވެ އެވެ. ސަބަބަކީ ބަނދަރު ހަދާފައިވާ ސަރަހައްދުގެ ގޮތުން، މޫސުން ގަދަ ދުވަސްވަރުގައި ބަނދަރަށް ވަނުމަށް ދަތިވުމެވެ. އެހެންވެ، ނެރު ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. މި ވަގުތަށް އެ މަސައްކަތް ވެސް މަޑުޖެއްސުވީ މޫސުމެވެ. މި މަޝްރޫއުއާއެކު ހަތް މަޝްރޫއުއެއްގެ މަސައްކަތް މި ރަށުގައި އެބަ ހިނގަ އެވެ. (މަޝްރޫއުތައް، މައުލޫމާތު ގޮޅީގައި ހިމެނޭނެ އެވެ.)

ރަށް ބޮޑުވެ، ދިރިއުޅޭ އާބާދީ ބޮޑު ނަމަވެސް މި ރަށުގައި ފުލުހުންގެ ހިދުމަތެއް ނެތެވެ. ރަށުގެ ރައްޔިތުން ބޭނުމެއް ވެސް ނުވެ އެވެ. ސަބަބަކީ ރަށުގައި ފުލުހުން ގާއިމުވެ ތިބެންޖެހޭ މިންވަރަށް ވުރެ އިޖުތިމާއީ މައްސަލަތަކާއި ކުށުގެ ރެކޯޑް ދަށެވެ. ޑްރަގުގެ މައްސަލައެއް ބޮޑެއް ނޫނެވެ. ވައްކަންކުރުމެއް ނެތެވެ. ސިޔާސީ ވާދަ ގަދަ ދުވަސްވަރެއް އަޔަސް، އިޖުތިމާއީ ގުޅުމާއި އެކުވެރިކަން ގެއްލޭ މިންވަރަށް ކަންކަން އެ ވާދަވެރިކަން ނުގެންދެ އެވެ. މި އުސޫލުތަކާއި ހަމަތައް ހިފެހެއްޓުމަކީ މި ރަށުގެ ދިރުމެވެ. ރަށުގެ އެކުވެރިކަމުގެ އެއް މިސާލަކީ، އެ ރަށުގެ ރީތި ކުޅީގައި ހަދާލި ޗާލު ނޭޗާ ޕާކެވެ.

މިދިޔަ އަހަރު ޖުލައި މަހު ކުމުންދޫ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ސޯލިހު އާއި އަނބިކަނބަލުން ފަޒުނާ، އެ ރަށުގެ ކުޅީގައި ހަދާފައިވާ ޕާކް ބައްލަވާލައްވަނީ. -- ފޮޓޯ: ރައީސް އޮފީސް


މި އީދު ބަންދުގައި ކުމުންދު ޒިޔާރަތްކުރާއިރު ނޭޗާ ޕާކްގެ ހިތްގައިމު ކަމުގައި ފެންނަން ނެތެވެ. އަލިފާނުގެ ހާދިސާއެއްގައި ޕާކްގެ ބޮޑު ބަޔަކަށް ވަނީ ގެއްލުން ލިބިފަ އެވެ. ނަމަވެސް ރަށުގެ ނަލަކަމާއި ގުޅުމާއި އުޅުމުގެ ރީތިކަމަށް ކޫރުމެއް ނޭޅެ އެވެ.

މުހިންމު މައުލޫމާތު


ރަށުގެ ނަން: ކުމުންދޫ އަތޮޅު: ތިލަދުންމަތީ ދެކުނު ބުރި (ހދ. އަތޮޅު) އިނގިރޭސި އަކުރާއި ނަންބަރު: ބީ-13 އާބާދީ: 1499، ފިރިހެނުން: 762، އަންހެނުން: 737 ރަށުގައި ދިރިއުޅޭ އާބާދީ: 1206 ރަށުގައި އުޅޭ ބިދޭސީ: 75 ފިހާރަ: 12 ކެފޭ، ރެސްޓޯރެންޓް: 3 ތެލާއި ގޭސް ވިއްކާ: 1 ތަން ގަރާޖު: 2 ގެސްޓް ހައުސް: ނެތް ތައުލީމު ދޭ ފެންވަރު: ގްރޭޑް 10 އަށް ކަރަންޓް: 24 ގަޑިއިރު ލިބޭ ފެނާއި ނަރުދަމާ ގާއިމުކުރެވިފައި ކުރިއަށްދާ މަޝްރޫއުތައް: 1. ފެނާއި ނަރުދަމާގެ މަޝްރޫއު 2. ހާބާ ޗެނަލް ހެދުން 3. ވޮލީ ކޯޓު ހެދުން 4. ފެނަކަ އޮފީސް އިމާރާތްކުރުން 5. އިންޖީނުގެ ހެދުން 6. 12 ކްލާސް ރޫމް އިމާރާތްކުރުން 7. އާރުޓީއެލް ފެރީ ހަޓް ހެދުން * މައުލޫމާތު: ކުމުންދޫ ކައުންސިލް ކައުންސިލްގެ ފޯން ނަންބަރު: 6520034 އީމެއިލް:[email protected]