Advertisement

ގައުމީ މުބާރާތް ކާމިޔާބުކޮށް ސިޓީން ތިން ތަށި ރެކޯޑާ ހަމަކޮށްފި

7 ޖުލައި 2022 - 23:48 0

ސިޓީން ގައުމީ މުބާރާތުގެ ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ


ގައުމީ މުބާރާތް ކާމިޔާބުކޮށް ސިޓީން ތިން ތަށި ރެކޯޑާ ހަމަކޮށްފި

7 ޖުލައި 2022 - 23:48 0

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ 3-1 ސެޓުން، އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް، ސްޕޯޓްސް ކްލަބް ސިޓީން ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކޮށް ރެކޯޑާ ހަމަކޮށްފި އެވެ.

މީގެ ކުރިން ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކޮށް ރެކޯޑެއް ހަދާފައިވަނީ 2010 ވަނަ އަހަރު ދިވެހި ސިފައިންގެ ކްލަބުންނެވެ. ސިޓީން މި ވަނީ މި ފަހަރުގެ ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކޮށް ސިފައިންގެ އެެ ރެކޯޑާ ހަމަކޮށްފަ އެވެ. ސިފައިން ވަނީ 2019 ވަނަ އަހަރު ބޭއްވި ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ސިޓީން މި ފަހަރުގެ ސީޒަނުގައި ޖުމްލަ 13 މެޗު ކުޅުނުއިރު، ބަލިވީ އެސޯސިއޭޝަން ކަޕްގެ ލީގު ބުރުގައި ކްލަބް ވެމްކޯ އަތުންނެވެ. ސިޓީން އެސޯސިއޭޝަން ކަޕް ކާމިޔާބުކުރީ ވެމްކޯ ފައިނަލުގައި ބަލިކޮށްފަ އެވެ. ލީގާއި ގައުމީ މުބާރާތުގައި ސިޓީ ފަހަތުން ދެ ވަނައިގައި ނިންމީ ސިފައިންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ސިޓީ އާއި ސިފައިންގެ ދެމެދުގައި ކުޅުނު ފައިނަލް މެޗުގެ ސެޓުތައް ދިޔައީ، 25-22، 29-31، 25-17 އަދި 25-16 އިންނެވެ. މި ފަހަރުގެ ވޮލީ ސީޒަނުގައި ސިފައިންގެ މައްޗަށް ސިޓީން ވަނީ ޖުމްލަ ހަތަރު ފަހަރު ކާމިޔާބު ހޯދައިފަ އެވެ.

ތިން ވަނަ ސެމީގައި ޕޮލިސް ކްލަބް އަތުން މޮޅުވި މެޗުގައި ސިފައިން ދެއްކި ކުޅުން މިރޭގެ މެޗު ފަށައިގެން ފުރަތަމަ ވަގުތު ކޮޅުގެ ތެރޭގައި ކޮންމެ ވެސް ވަރަކަށް ދެއްކި އެވެ. ސިފައިންގެ ބިދޭސީ ތިން ކުޅުންތެރިން ކަމަށްވާ ޝޯން ޓީ ޖޯން އާއި މަނޫ ޖޯސެފް އަދި ކާތިކާ ގުޅިގެން ރަނގަޅަށް އެ ޓީމުން ކުޅެން މަސައްކަތް ކުރި ނަމަވެސް ސެޓުގެ މެދެއްހާ ހިސާބުން ސިޓީން މެޗުގެ ތެރެއަށް ވަދެ، ކުޅުން ރަނގަޅުކުރަން ފެށި އެވެ. ސެޓުގެ މެދަކާ ހަމައިން 18-14 އިން ސިޓީ ލީޑުނަގައި، އޭގެ ފަހުން އެ ޓީމުން ރަނގަޅަށް ކުޅެ ފުރަތަމަ ސެޓު ގެންދިޔައީ އެވެ.

ފުރަތަމަ ސެޓުގެ މެދަކާ ހަމައިން ސިޓީގެ ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ) އާއި ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ، ހަރްދީޕް ސިންގް އާއި ވިނީތު ކުމާރުގެ ރަނގަޅު ބޯޅަތައް ފެންނަން ފެށި އެވެ. އަދި ސިޓީގެ ލިބަރޯ، އަހުމަދު ނަބީލް (ނައްބަ)ގެ ޑިފެންސްތަކާއި ހުސެއިން ޔޫސުފް (ޓޯއި)ގެ ބްލޮކްތައް ވެސް ފެނިގެންދިޔައީ ރަނގަޅަށެެވެ.

ދެ ވަނަ ސެޓު ފެށިގެން، ސިފައިން އެ ޓީމުގެ ސެޓަރު، އަދި ކެޕްޓަން، ހުސެއިން ޝާހިދު (ޝާޑު)ގެ ރަނގަޅު ބޯޅަތަކާއި ސިފައިންގެ ލިބަރޯ، މުހައްމަދު މިމްރާހު ހަސަން (މިންމި)ގެ ޑިފެންސްތަކާ އެކު އެ ޓީމުން ލީޑެއް ނެގި އެވެ.

އެކަމަކު، ދެ ސެޓުގެ މެދަކާ ހަމައިން ދެ ޓީމުގެ ކުޅުން ފެންނަން ފެށީ ދާދި ހަމަހަމަކޮށެވެ. ސެޓުގެ ފަހު ކޮޅާ ހަމައިން ސިޓީގެ ހުޒަންޓެ އަތުން ޖެހިޖެހިގެން ތިން ޕޮއިންޓް ގެއްލި، ސިފައިންނަށް ލިބުނު ފުރުސަތުގައި ވެސް ދެ ޓީމުގެ ޕޮއިންޓް ސްކޯރިން ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މި ސެޓުގެ ފަހު ކޮޅުގައި މުހިންމު ވަގުތުގައި ޝޯން ޓީ ޖޯން ދެ ޕޮއިންޓް ހޯދައިދީ ސިފައިންނަށް 29-31 އިން މި ސެޓު ގެންގޮސް ދިނެވެ.

ސިފައިންނަށް ދެ ވަނަ ސެޓު ލިބުނު ނަމަވެސް ދެން، އެ ޖޯޝުގައި ތިން ވަނަ ސެޓާއި ހަތަރު ވަަނަ ސެޓުގައި ނުކުޅެވުނެވެ. އޭގެ ބަދަލުގައި ސިފައިންގެ ފަރާތުން، ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓުގައި މިސްޓޭކް ގިނަ ކުޅުމެއް ފެނުމުގެ ފައިދާ ސިޓީން ރަނގަޅަށް ނެގި އެވެ. ފަހު ދެ ސެޓު، 25-17 އާއި 25-16 އިން ގެންގޮސް ސިޓީ މެޗުން މޮޅުވެ، ޗެމްޕިއަންކަން ހޯދީ އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ސިޓީގެ ހުޒަންޓެ އަށެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ހޮވުނީ ސިޓީގެ ހަރްދީޕް އެވެ. ފައިނަލް މެޗުގެ ޝަރަފްވެރި މެެހެމާނަކީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް އެވެ.