7 ޖުލައި 2022 - 17:58 0
ޓީސީގެ ހައިޝަމް (ކ) ބޯޅަ ހިފައިގެންދަނީ: އޭނާ ވަނީ މި މެޗުގައި ގޯލެއް ޖެހުމުގެ އިތުރުން ގޯލެއް ޖަހަން ފުރުސަތު ވެސް ތަނަވަސްކޮށްދީފައި.-- ފޮޓޯ: އެފްއޭއެމް/އިބްރާހިމް ފާއިދު
7 ޖުލައި 2022 - 17:58 0
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު 3-0 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގައި ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ކްލަބް ވެލެންސިއާ ބަލިވެފައި އޮތުމުން މިއަދު ދަ ގްރާންޑޭ ބަލިކޮށްގެން ތިން ވަނަ އަށް އެރުމުގެ ފުރުސަތު ޓީސީ އަށް އޮތީ ހުޅުވިފަ އެވެ. ގްރާންޑޭ އަތުން ހޯދި ފަސޭހަ މޮޅާ އެކު ޓީސީ ތިން ވަނަ އަށް އެރީ 16 މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ.
ހަތަރެއްގައި އޮތް ވެލެންސިއާ އަށް 16 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ފަހެއްގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އާއި ހަ ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ވަނީ 20 ޕޮއިންޓް ލިބިފަ އެވެ. މި ހަފްތާގެ ފަހު މެޗުގައި މިރޭ، ލީގުގެ ދެ ވަނައިގައި އޮތް ކްލަބް އީގަލްސް އަތުން ބޮޑު ތަފާތަކުން މޮޅުވެގެން ނޫން ގޮތަކަށް ޔުނައިޓެޑް ވިކްޓަރީ އަށް ތިން ވަނަ އަށް ނޭރޭނެ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން އެއް މިނިޓް 16 ވަނަ ސިކުންތުގައި ޓީސީން ވަނީ ލީޑުނަގައިފަ އެވެ. ދަ ގްރާންޑޭގެ ޑިފެންޑަރު ގާސިމް ސައްމާމް (ސައްމެ) ފައިގައި ޖެހިފައި، ޓީސީގެ ހައިޝަމް ރަޝީދު އަށް ލިބުމުން، އޭރިއާބޭރުން އޭނާ އެއް ފަހަރުން ވޮލީއަކުން ޖެހި ބޯޅަ ގޯލުގެ ކައިރީ ކަނަށް ވަނީ ގްރާންޑޭގެ ގޯލުގައި ހުރި ލެބަނަންގެ ކީޕަރު މުހައްމަދު ތަހާ އަތުގައި ޖެހިފަ އެވެ. މިއީ އެންމެ ފަހުން ދެ މެޗުގައި ހައިޝަމް ޖެހި ތިން ވަނަ ގޯލެވެ.
މެޗުގެ ފަސް ވަނަ މިނިޓްގައި ދަ ގްރާންޑޭ އިން ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޖެހިލި އެވެ. އޭރިއާ ރޮނގުމަތިން ހިލޭ ޖެހުމަކުން ލިބުނު ބޯޅަ ގްރާންޑޭގެ އަބްދުﷲ ޖުނައިދު (ޖެންނެ) ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ. މިއީ ޓީސީގެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި، ޖެންނެ އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަންނަން މަސައްކަތް ކުރަނިކޮށް، ޓީސީގެ ކެޕްޓަން މުހައްމަދު އަޖުފާން ކުރި ފައުލަަކަށް ދިން ހިލޭ ޖެހުމެކެވެ.
ޓީސީގެ އަހުނަފް (ކ) ކައިރިން ދަ ގްރާންޑޭގެ ލަޔާން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު
ޓީސީން ލީޑުފުޅާކުރަން ކުރި މަސައްކަތުގައި, މެޗުގެ 21 ވަނަ މިނިޓްގައި ރަނުގެ ފުރުސަތެއް ލިބުނީ އެ ޓީމުގެ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އަށެވެ. ދަ ގްރާންޑޭގެ ފުލްބެކް، އިބްރާހިމް އުސާމާ ހަސަން މަޖީދު ފަހަތަށް ދިން ބޯޅަ އޭރިއާތެރޭގައި މުޅިން ހުސްކޮށް ހުރި ނިޝާމަށް ލިބުމުން އޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓީސީން ވަނީ ދެ ވަަނަ ގޯލެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ 35 ވަނަ މިނިޓްގައި ޓީސީގެ މިސްރު ފޯވާޑް އޮމަރު ސަލާހު އެވެ. ދަ ގްރާންޑޭގެ ދެ ޑިފެންޑަރުން ކަމަށްވާ ސައްމެ އާއި ކޮލަމްބިއާގެ ޑިފެންޑަރު ޖޯޖް އިވާން ސައެސޭޑޯ ކައިރިން ނައްޓާފައި އޮމަރު ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެެވެ.
މެޗުގެ 60 ވަނަ މިނިޓްގައި ޓީސީގެ އޮމަރު އޭރިއާތެރެއަށް ބޯޅަހިފައިގެން ވަދެ، އެ ޓީމުގެ ހައިޝަމް އަށް ހުސްކޮށްލާފައި ދިން ބޯޅަ އޭނާ ފައިގައި ލައްވާލާ ގޮތެއްނުވި އެވެ. އޭގެ މިނިޓެއް ފަހުން ކައުންޓަ އެޓޭކުގައި ދަ ގްރާންޑޭ އިން ވެސް ރަނގަޅު ފުރުސަތެއް ހޯދި އެވެ. ދަ ގްރާންޑޭގެ މުހައްމަދު ޝާރިހު ނެގި ހުރަހަކުން، ޔޫސުފް އުމެއިރު މުހައްމަދު ބޮލުން ޖެހި ބޯޅަ ޓީސީގެ ގޯލު ކީޕަރު ސްރީ ލަންކާގެ ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެެވެ.
ޓީސީގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 78 ވަނަ މިނިޓްގައި އަހުމަދު ސާމިއު އެވެ. އޭރިއާތެރެއިން ހައިޝަމް ދިން ބޯޅަ ސާމިއު ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ސާމިއު އަކީ ދެ ވަނަ ހާފުގައި ބަދަލަަކަށް ކުޅެން އެރި ކުޅުންތެރިއެކެވެ.
މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށް މިނިޓް ތެރޭ ގްރާންޑޭ އަށް ގޯލު ޖަހަން ރަނގަޅު ދެ ފުރުސަތު ލިބުނެވެ. ބަދަލަކަށް ކުޅެން އެރި ހުސެއިން ނަވީން ޖެހި ދެ ބޯޅަ ވެސް ދިޔައީ ގޯލާ ސީދާނުވެ އެވެ.
ލީގުގެ ފުލުގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަށް ވަނީ 16 މެޗުން އެއް ޕޮއިންޓް ލިބިފަ އެވެ. ލީގުގައި މިހާތަނަށް މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމު ކަމަށްވާ، ދަ ގްރާންޑޭ ރެލިގޭޝަން ބުރުގައި ކުޅެން ޖެހޭނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ. ރެލިގޭޝަން ބުރުގައި ކުޅޭނީ ލީގުގެ ފުލަށްދާ ދެ ޓީމާއި ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމެވެ. ރެލިގޭޝަން ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށް ފަހު އެންމެ ނަތީޖާ ރަނގަޅު ދެ ޓީމެއް ލީގަށް ކޮލިފައިވާނެ އެެވެ
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment