Advertisement

މެލޭޝިއާ ކުއަޑްރަންގިއުލާ ސީރީސް: ބޫޓާން އަތުން ދެ ލަނޑުން ރާއްޖެ ބަލިވެއްޖެ

7 ޖުލައި 2022 - 15:26 0

ބޫޓާނާއި ރާއްޖެ މިއަދު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަން


މެލޭޝިއާ ކުއަޑްރަންގިއުލާ ސީރީސް: ބޫޓާން އަތުން ދެ ލަނޑުން ރާއްޖެ ބަލިވެއްޖެ

7 ޖުލައި 2022 - 15:26 0

މެލޭޝިއާގައި މިހާރު ކުރިއަށްދާ ކުއަޑްރަންގިއުލާ ޓީ20 ސީރީސްގައި މިއަދު ކުޅުނު މެޗުން ބޫޓާން އަތުން ދެ ލަނޑުން ރާއްޖެ ބަލިވެއްޖެ އެވެ.

ހަތަރު ގައުމުގެ މެދުގައި މެލޭޝިއާގައި ކުރިއަށްގެންދާ ކުއަޑްރަންގިއުލާ ސީރީސްގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި ރާއްޖެ އަށް މިއަދު ނާކާމިޔާބުވުމުން ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނެން ކުރާ މަސައްކަތުގައި ވަނީ ގޮންޖެހުން ކުރިމަތިވެފަ އެވެ.

ރާއްޖެ ފުރަތަމަ މެޗުގައި ތައިލެންޑް އަތުން ހަތް ވިކެޓުން މޮޅުވި ނަމަވެސް ދެ ވަނަ މެޗުގައި ބޫޓާން އަތުން ހަ ލަނޑުން ރާއްޖެ ބަލިވިއިރު، ފުރަތަމަ ބުރުގެ ފަހު މެޗުގައި އިއްޔެ، މެލޭޝިއާ އަތުން ރާއްޖެ ބަލިވީ އަށް ވިކެޓުންނެވެ. އިއްޔެ، މެލޭޝިއާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗު ވިއްސާރައިގެ ސަަބަބުން ވަނީ 10 އޯވަރަށް ކުރު ކޮށްފަ އެވެ.

ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ ފަހަރަށް ކުޅުމަށް ފަހު، އެންމެ ނަތީޖާ ރަނގަޅު ދެ ޓީމެއް ފައިނަލަށް ހޮވޭ ގޮތަށް ކުޅޭ ކުއަޑްރަންގިއުލާ މުބާރާތުގެ ފައިނަލުން މެލޭޝިއާ ވަނީ ޖާގަ ހޯދައިފަ އެވެ. މެލޭޝިއާ އިން ވަނީ ކުޅުނު ފަސް މެޗުން މޮޅުވެ، 10 ޕޮއިންޓް ހޯދައިފަ އެވެ. ފަސް މެޗުން ހަ ޕޮއިންޓާ އެކު ބޫޓާން ދެ ވަނައިގައި އޮތްއިރު، ތިން ވަނައިގައި ހަތަރު މެޗުން ދެ ޕޮއިންޓާ އެކު އޮތީ ރާއްޖެ އެވެ. ފުލުގައި އޮތް ތައިލެންޑުން ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

މިއަދުގެ މެޗުގައި ރާއްޖޭން ޓޮސް ދިމާވުމުން ނިންމީ ފީލްޑް ކުރުމަށެވެ. ބޫޓާނުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 110 ލަނޑު ހެދި އެވެ. ބޫޓާނަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 44 ބޯޅައިން 39 ލަނޑު އެއްކުރި ތިންލޭ ޖަމްޓްޝޯ އެވެ.

ޖަވާބުގައި ރާއްޖޭން ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު، 10 ކުޅުންތެރިން ނުބައިވެގެން ހެދުނީ 108 ލަނޑެވެ. ރާއްޖޭގެ ކުޅުންތެރިންނަށް ބަލާއިރު، ސްކޯރިން އެންމެ ރަނގަޅީ 27 ލަނޑު ހެދި ހަސަން ހާޒިގް ރަޝީދު އާއި 26 ލަނޑު އެއްކުރި އަހުމަދު ހަސަން އެެވެ.

ރާއްޖޭގެ ކެޕްޓަން، ޔޫސުފް އަޒްޔާން ފަރުހަތު އާއި މުހައްމަދު ރިޝްވާން އަދި އާދަމް ނާސިފް އުމަރު (އާދަޅޭ) އަށް މިއަދު މިއީ އެންމެ ރަނގަޅު ކުޅުން ދެއްކުނު ދުވަހެއް ނޫނެވެ.

ގައުމީ ކްރިކެޓް ޓީމަށް ދެން މުބާރާތުގެ ފައިނަލަށް ދިއުމުގެ ކިރިޔާ ވެސް ފުރުސަތެއް އޮތީ ދެން އޮތް ދެ މެޗުން ރަނގަޅު ނަތީޖާ އަކުން މޮޅުވެގެންނެވެ. މާދަމާ ރާއްޖޭން ދެ ވަނަ ބުރުގައި ތައިލެންޑާ ކުޅޭ މެޗު އޮންނާނެ އެވެ.