6 ޖުލައި 2022 - 19:39 0
ކުއަޑްރަންގިއުލާ ސީރީސްގައި މެލޭޝިއާ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަން
6 ޖުލައި 2022 - 19:39 0
މެލޭޝިއާގައި މިހާރު ކުރިއަށްދާ ކުއަޑްރަންގިއުލާ ޓީ20 ސީރީސްގައި މިއަދު ކުޅުނު މެޗު، ވިއްސާރައިގެ ސަބަބުން މެދުކަނޑާލަން ޖެހުނުއިރު، އަލުން ފަށައިގެން މެޗު ފުރިހަމަ ކުރިއިރު، ރާއްޖެ އަށް ވިކެޓުން މެލޭޝިއާ އަތުން ބަލިވެއްޖެ އެވެ.
ހަތަރު ގައުމުގެ މެދުގައި މެލޭޝިއާ ކުއަޑްރަންގިއުލާ ސީރީސް ކުރިއަށްދާއިރު، ފުރަތަމަ މެޗުން ރާއްޖެ ވަނީ ތައިލެންޑް ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުން ބޫޓާން އަތުން ރާއްޖެ ބަލިވީ ހަ ލަނޑުންނެވެ. ތިން ވަނަ މެޗުގައި މިއަދު މެލޭޝިއާ އަތުން ރާއްޖެ، ހަތް ވިކެޓުން ބަލިވިއިރު، މި މެޗު ކުޅުނީ 10 އޯވަރަށެވެ. އެއީ ވިއްސާރައިގެ ސަބަބުން މެދުކަނޑާލަން ޖެހުމުންނެވެ.
ޓޮސް ދިމާވުމުން މެލޭޝިއާ ނިންމީ ފީލްޑިން އަށް ދިއުމަށެވެ. ރާއްޖޭން ކުޅެން އަރައި، ފުރަތަމަ އޯވަރުގެ ތެރޭގައި ރާއްޖޭން ހަތް ލަނޑު އެއްކޮށްފައި ވަނިކޮށް، ވިއްސާރަ ބޯކޮށްލުމުން މެޗު މެދުކަނޑާލި އެވެ. މެޗު ހުއްޓާލާފައި އޮތް ވަގުތު މެލޭޝިއާގައި ދިިރިއުޅޭ ދިވެހިންގެ ތެރެއިން މެޗު ބަލަން ދިޔަ ސަޕޯޓަރުންނާ އެކު ވަގުތު ހޭދަކޮށްލަން ދިވެހި ކުޅުންތެރިންނަށް ފުރުސަތު ލިބުނެވެ.
އަލުން މެޗު ފަށައިގެން ކޮންމެ ޓީމެއް ކުޅުނީ 10 އޯވަރެވެ. ރާއްޖޭން 10 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 58 ލަނޑު އެއްކުރި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 20 ލަނޑު ހެދި ހަސަން ހާޒިގް ރަޝީދު އާއި 10 ލަނޑު ހެދި އަބްދުﷲ ޝާހިދު އެވެ. ޖަވާބުގައި މެލޭޝިއާ އިން ކުޅެން އަރައި، 4.2 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 59 ލަނޑު ހަދައި މެޗުން މޮޅުވި އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 26 ލަނޑު ހެދި އަހުމަދު ޒުބައިދީ އާއި 25 ލަނޑު އެއްކުރި ވިރަންދީޕް ސިންގް އެވެ.
މުބާރާތުގެ ފޯމެޓް ރޭވިފައި އޮތްގޮތުން ހަތަރު ޓީމު އެއް ޓީމު އަނެއް ޓީމަކާ ދެކޮޅަށް ދެ ފަހަރު ކުޅޭނެ އެވެ. އެ އަށް ފަހު، ޕޮއިންޓް ތާވަލުގެ ކުރީގައި އޮންނަ ދެ ޓީމެއްގެ މެދުގައި ފައިނަލް ކުޅޭނެ އެވެ. މި ވަގުތު ތާވަލަށް ބަލާއިރު، ހަތަރު މެޗުން އަށް ޕޮއިންޓާ އެކު މެލޭޝިއާ އޮތީ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތީ ހަތަރު މެޗުން ހަތަރު ޕޮއިންޓާ އެކު ބޫޓާން އެވެ. ތިން ވަނައިގައި ރާއްޖެ އޮތީ ތިން މެޗުން ދެ ޕޮއިންޓް ހޯދައިގެންނެެވެ. ފުލުގައި އޮތް ތައިލެންޑަށް ތިން މެޗު ކުޅުނުއިރު އަދި ޕޮއިންޓެއް ނުލިބެ އެވެ.
ރާއްޖޭން ދެން ކުޅޭ މެޗުގައި މާދަމާ ބައްދަލުކުރާނީ ބޫޓާނާ އެެވެ.
Comment