Advertisement

ވެއްޓުނު ފޮއިގެ ރިހުން ބޮޑުވާނީ ރައްޔިތުންނަށް!

6 ޖުލައި 2022 - 14:34 2

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ފިހާރައަކުން މުދާ ގަތުމަށްފަހު މީހަކު ފައިސާ ދައްކަނީ. -އަދަދު ފައިލް ފޮޓޯ


ވެއްޓުނު ފޮއިގެ ރިހުން ބޮޑުވާނީ ރައްޔިތުންނަށް!

6 ޖުލައި 2022 - 14:34 2

ރާއްޖޭގެ މިވަގުތުގެ އިގުތިސޯދީ މާލީ ހާލަތު، ގައުމުގެ މާލީ ވަޒީރު އިބްރާހިމް އަމީރު އިއްޔެ ކުރައްސައިދެއްވިއިރު، ސިފަވެގެން ދިޔައީ ވަރަށް ވެސް ބަނަ އަދި އަނދިރި މުސްތަގުބަލެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މީގެ ކުރިން އިޝާރާތް ކުރައްވާފައި ފަދައިން، އަމީރު ވެސް ތަފްސީލުކޮށްދެއްވީ ކުރިއަށްއޮތް ދަތި، އުނދަގޫ ދުވަސްވަރެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދައްކައިލި ޕްރެސެންޓޭޝަންގައި ހުރި ގްރާފްތަކުގެ ރޮނގުތައް ހުރީ ތިރިއަށް ސޮއްސާލައިފަ އެވެ. އަމީރު ހިއްސާކޮށްދެއްވި ނަންބަރުތައް އާންމު މީހެއްގެ ނަޒަރުން ފުރާނާލާއިރު، އެއް ކަމެއް ވަރަށް ސާފެވެ. ދައުލަތަށް ލިބޭ އާމްދަނީން ކުރާ ބޮޑެތި ހަރަދުތައް ދެކޮޅު ޖެއްސޭނެ ހަމަ އެއް ގޮތެއް ވެސް ނެތެވެ. އޭގެ ސަބަބެއްގެ ގޮތުގައި އަމީރު ދެއްކެވީ ކޮވިޑުގެ ހާލަތުން ރަނގަޅަށް އަރައިނުގަނެވިގެން އުޅެނިކޮށް، ރަޝިއާ-ޔޫކްރޭނު ހަނގުރާމަ އާއެކު ދުނިޔޭގެ ބާޒާރުގައި މުދަލާއި ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާ ކަމެވެ.

"ގޮދަން ފަދަ ކޮމޯޑިޓީ ފުޑް ޕްރައިސަސް ވަރަށް ބޮޑަށް އުފުލިފައިމިވަނީ. އެހެންވީމާ ހުރިހާ އެއްޗެއް އިމްޕޯޓް ކުރާ ރާއްޖެ ފަދަ ގައުމަކަށް މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް، އަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ މުދަލާއި ތަކެތީގެ އަގު ނޫނީ އިންފްލޭޝަން އެ މިންވަރަށް މަތިވަމުން ނުދަނީ، ތެލާއި ކާޑު ފަދަ ތަކެތިން ރައްޔިތުންނަށް ސަބްސިޑީ ދެމުންދާތީ އެވެ.

ދުނިޔޭގެ އަގުތައް މަތިވުމުގެ މައިގަނޑު ސަބްސިޑީގެ ސިފައިގައި ސީދާ ދައުލަތުން އުފުލުމުގެ ނަތީޖާއަކީ ބަޖެޓު ކުރި މިންވަރަށް ވުރެ އެތައް ގުނައެއް ރިކަރެންޓު ހަރަދު އިތުރުވެގެން ދިޔުން ކަން އަމީރު ފާހަގަކުރެއްވި އެވެ.

މިގޮތުން، ރައްޔިތުންނަށް ތެލާއި ކަރަންޓު އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް، ތެލުގެ ސަބްސިޑީގެ ގޮތުގައި ބަޖެޓުގައި ހިމެނީ 343 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް، މިއަހަރުގެ ފުރަތަމަ ހަ މަހަށް 910 މިލިއަން ހަރަދުވެފައިވާ ކަމަށް އޭނާ ހާމަކުރެއްވި އެވެ.

"އަޅުގަނޑުމެން އޭރު އަންދާޒާ ކުރި ހާލަތު މުޅީން ބަދަލުވެފައި މިއޮތީ. ޓޫރިސްޓުން އައުން އިތުރުވިޔަސް ހަރަދުތައް ދެމެހެއްޓެނެވި ގޮތެއްގައި ހިފަހައްޓަން ސިޔާސަތުތަކެއް އެބަ އެކުލަވާލަންޖެހޭ،" ކޮވިޑާއެކު ޔޫކްރެއިން ހަނގުރާމައަށް އިޝާރާތް ކުރައްވަމުން އަމީރު ވިދާޅުވި އެވެ.

ރިހޭ ފައި މައްޗަށް ފޮއި މި ވެއްޓުނީ،"

ހަރަދު ދެކޮޅު ޖެއްސެން ނެތް

އަމީރު އިއްޔެ ވެސް ތަކުރާރުކޮށް ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން ދުނިޔޭގެ ވެސް އެންމެ ބާރަށް ކުރިއަރާ އެއް އިގުތިސޯދުގެ ލަގަބު ރާއްޖެއަށް ލިބުނީ ސަރުކާރުން ވިޔަފާރިތަކާއި އާންމުންނަށް ދިން ސްޓިމިއުލަސް އަދި ރީލީފް ލޯނާއި އެޅި ވަރުގަދަ ފިޔަވަޅުތަކުގެ ނަތީޖާ ކަމެވެ.

އެކަމަކު ރަޝިއާ-ޔޫކްރެއިން ހަނގުރާމައަކީ ސަރުކާރުގެ ބާރު ނުފޯރާ، ކޮވިޑާ ވިދިގެން އައި އަނެއް ބޮޑު ގޮންޖެހުމެވެ. ކޮވިޑުން އަރައިގަންނަން އޭރު ނެގި ދަރަނިތައް އަނބުރާ ދެއްކުން ވެސް އިސާހިތަކު އަރާ ހަމަކުރާނެއިރު، އުފެންދުތެރިކަމުގެ ނިސްބަތުން ހަ ޕަސަންޓުގެ ކަރެކްޝަނެއް އެބަ ގެންނަންޖެހެ އެވެ.

ވަޒީރު ވިދާޅުވި ގޮތުންނަމަ، ސަރުކާރުގެ ހަރަދުތައް އެކަނި ކުޑަކޮށްގެން މިފަހަރު ދެކޮޅެއް ޖެއްސޭނެ ގޮތެއް ނެތެވެ. މިފަހަރު، އާމްދަނީ އިތުރުވާނެ ގޮތެއް ހޯދުން ވެސް ސަރުކާރަށް މިވަނީ މަޖުބޫރުވެފަ އެވެ.

"އަޅުގަނޑުމެން މި މަޝްވަރާކުރީ ޓީޖެސްޓީ ހަތަރު ޕަސަންޓުން އިތުރުކުރަން އަދި ޖީއެސްޓީ ހަ ޕަސަންޓުން އަށް ޕަސަންޓަށް ބޮޑުކުރަން،" އަންނަ އަހަރު މެދުތެރޭގައި ބޮޑުވާނެ ޓެކްސްގެ އަދަދުތައް އަމީރު ފުރަތަމަ ފަހަރަށް އިއްޔެ އިއުލާނު ކުރެއްވި އެވެ.

ބައިނަލްއަގުވާމީ މާލީ އިދާރާ، އައިއެމްއެފްއިން ކުރި ދިރާސާއަކަށް ހަވާލާ ދެއްވައި، އެ ނިންމުން އަމީރު ދިފާއުކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް، ރާއްޖޭގައި އޮތީ މުސްކުޅި ޓެކްސް ނިޒާމެކެވެ. އަދި ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ގޮތުގައި ރާއްޖޭން ނަގަމުންދަނީ ނިސްބަތުން ކުޑަ މިންވަރެއް ކަމަށް އައިއެމްއެފްއިން ކުރި ދިރާސާއަށް ހަވާލާ ދެއްވައި އަމީރު ތަކުރާރުކޮށް ވިދާޅުވި އެވެ.

ފުރަތަމަ ވެސް ރައްޔިތުންގެ ޖީބަށް؟

ވަޒީރު ވިދާޅުވި ގޮތަށް އެ ދިރާސާގައި އައިއެމްއެފުން ވެސް ބުނަނީ، ދައުލަތުގެ އާމްދަނީގައި އެންމެ ބޮޑު ހިއްސާ އޮންނަ ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރަންޖެހޭ ކަމަށެވެ. އެއީ ރާއްޖޭން އެ ދާއިރާއިން ނަގަމުންދާ ޓެކްސް ރޭޓަކީ، ރާއްޖެ ފަދަ އިގުތިސޯދުތައް އޮތް އެހެން ގައުމުތަކުގައި ހުރި ރޭޓަށް ވުރެ ކުޑަވީމަ އެވެ.

އައިއެމްއެފް ފަދަ ދުނިޔޭގެ ބިޔަ މާލީ އިދާރާއަކާ ދެބަސްވެވޭނެ ގޮތެއް ނެތެވެ. އެކަމަކު ރާއްޖޭގެ މާލީ ނިޒާމު އިސްލާހުކުރަން، ހަމަ އައިއެމްއެފް ފަދަ އިދާރާތަކުން ދެމުންދާ އެހެން ހުރިހާ ލަފާތަކެއްއް ބާއްވާފައި، ފުރަތަމަ ވެސް ރައްޔިތުންގެ ޖީބާ ދިމާއަށް މިސްރާބު ޖަހާތީ ގިނަ ބައެއްގެ ކަންބޮޑުވުންތައް ވަނީ ބަންޑުންވެފަ އެވެ.

"ރައްޔިތުމީހާ ގެ ބަތްތައްޓަށް އަތް ބޭނުމުގެ ކުރީން ފުރަތަމަ ކުޑަކުރަންވީ ސަރުކާރުގެ ހަރަދުތައް، މައިތިރި ކުރަންވީ ސަރުކާރުގެ 32 ކުންފުނިން ހިންގަމުންދާ ކޮރަޕްޝަންތައް. އުވާލަން ބުނި ބޭކާރު ކުންފުނިތައް އުވާނުލާ ޖީއެސްޓީ އިތުރު ކުރުމަކީ ފޫނެތްފަޔަށް ފެން ފުރުންފަދަ ކަމެއް،" ސަރުކާރުގެ އެ ނިންމުމަށް ފާޑުވިދާޅުވަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

އިބްރާހިމް ރަޝީދު އެ ފާޅުކުރެއްވި ކަންބޮޑުވުން މާލީ އަދި އިގުތިސޯދީ ދާއިރާގެ ބައެއް މާހިރުން ވެސް ހިއްސާކުރައްވަ އެވެ.

ރާއްޖޭގެ އިގުތިސޯދު ދިރާސާ ކުުރައްވާ، އާތިފު ޝަކޫރު ވިދާޅުވި ގޮތުގައި ދައުލަތުގެ ހަރަދު ދެކޮޅު ނުޖެހޭ ނަމަ، ސަރުކާރުން އަޅަން ރަނގަޅު ފިޔަވަޅު ތަކުގެ ތަރުތީބެއް އޮންނަންޖެހެ އެވެ.

މިގޮތުން، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ސަރުކާރުގެ ހިންގުމުގެ ހަރަދު ކުޑަކުރުމާއި އުފެއްދުން ތެރިކަމަށް ހިއްސާ ނުކުރާ ހޭދަ މަޑުޖައްސާލުމުގެ އިތުރުން ސަބްސިޑީގެ ހިޔަލުގައި ތިބި ވިޔަފާރިތަކާއި ފޯރުންތެރިން އެއްފަރާތް ކުރުން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އަދި ޓެކްސް ބޮޑުކުރަން ހިފާނަމަ، އެކަން ވެސް ފުރަތަމަ ކުރަންވީ ޕްރޮގްރެސިވް ކޮށް މުއްސަނދިންގެ އާމްދަނީންނެވެ.

"ޖީއެސްޓީ ފަދަ ނިކަމެތިންނަށް ބަރުބޮޑު ޓެކްސް އިތުރު ކުރުން ރަނގަޅީ އެންމެ ފަހުން. އިސްފަސްކޮށް ކުރެވޭ މަސައްކަތުން އިތުބާރު ގެއްލުމުގެ އިތުރުން މަގްސަދު ހާސިލުވުން ދުރުވާނެ،" އާތިފް ވިދާޅުވި އެވެ.

ޖީއެސްޓީގެ އިތުރުން ޓީޖީއެސްޓީ އިތުރުކުރާތީ ޓޫރިޒަމް ދާއިރާއިން ވެސް ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. މިގޮތުން، ޓެކްސް ބޮޑުކުރުމުގެ ނޭދެވޭ އަސަރު ރާއްޖެއަށް އަންނަން ތިބި ފަތުރުވެރިންނަށް ކުރާނެކަމުގެ އިންޒާރު ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންގެ ޖަމިއްޔާ މަޓާޓޯއިން ވެސް ވަނީ ދީފަ އެވެ.

އޭނާ އެ އިޝާރާތް ކުރެއްވި ތަރުތީބާ ގުޅުވައި އިއްޔެ އަމީރަށް ވެސް ނޫސްވެރިން ސުވަލުތައް އަމާޒުކުރި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ސަރުކާރުގެ އޮފީސްތަކުގެ ހަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން މިހާރު ވެސް އަންގާފައިވާ ކަމަށެވެ. އަދި މިހާރު ފައިސާ ހަމަޖެހިފައިނެތް، ކެޕިޓަލް ހަރަދުތައް ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަރަދުތައް ކުޑަ ކޮށްފައި ވެސް އެބަ ޖެހޭ ކަރެކްޓިވް މެޝާސްތައް [ޓެކްސް ބޮޑުކުރަން] ނަގަން،" އަމީރު ވިދާޅުވި އެވެ.

އެކަމަކު އެއީ ހަގީގަތުގައި މި ނިންމުމާމެދު އޮތް އެންމެ ބޮޑު ޝަކުވާ އެވެ. ދައުލަތުގެ އާމްދަނީއާ ބަލާއިރު، ރިކަރަންޓް ނޫނީ ސަރުކާރު ހިންގުމުގެ ހަރަދު އިންތިހާއަށް ބޮޑު ކަމަށް ތަކުރާރުކޮށް ބުނަނީ ވެސް ހަމަ އައިއެމްއެފްއިންނެވެ. އެކަމަކީ އިގުތިސޯދީ ހީނަރުކަމެއް އަންނަ ކޮންމެ ފަހަރަކު، އަޅާ ބޭސް މަލަންގަނޑެއްހެން ވަގުތީ ގޮތުން ކުރާ ކަމެއްގެ ބަދަލުގައި، އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް އެދި އެވެ. ދޭސީ، ބިދޭސީއެއް، މުއްސަނޖެއް ފަގީރެއް ނެތި ކާޑާއި، ތެލާއި ބޭސްފަރުވާ ފަދަ ކަންކަމުގައި މުތުލަގަށް ހުރިހާ އެންމެންނަށް ސަބްސިޑީ ދެމުންދާ އުސޫލު ބަދަލުކުރަން ވެސް އެކި ފަހަރު މަތިން ބުނެފައި އެބަ ހުއްޓެވެ.

ސަބްސިޑީގެ އިސްރާފު ހުއްޓުވަން ޑައިރެކްޓް ސަބްސިޑީއަށް ބަދަލުކުރަންޖެހޭ ކަން ހުދު ފިނޭންސް މިނިސްޓްރީންވެސް ގަބޫލުކުރާއިރު، އެކަން ވެސް ދުވަހަކު ވާތަނެއް ނުފެނެ އެވެ. ސަރުކާރުގެ ހޭދަ ވެސް ދަނީ އެއް އަހަރުން އަހަރަށް މަތިވަމުންނެވެ.

ހަރަދުތައް ދެކޮޅު ޖައްސަން އާމްދަނީ އިތުރުކުރަން ކޮންމެ އަހަރެއްގެ ބަޖެޓުގައި އީޖާދީ މޮޅެތި ވިސްނުންތައް ހިމެނެ އެވެ. އެކަމަކު ކޮންމެ އަހަރެއް ނިމިގެންދަނީ އެކަންކަން ހަމައެކަނި ކަރުދާހުގައި އޮވެގެނެވެ. ކޮވިޑާ ހެދި ދެހާސްއެކާވީހުން މިއަހަރަށް ވެސް ވާރުތަކުރި އާމްދަނީ އިތުރުކުރަން ހުށަހެޅި ކަންކަމުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމާއި ޓޫރިޒަމަށް ބިން ވިއްކުން ފަދަ ކަންކަން ވެސް އޮތް ހިސާބެއް ވެސް ނޭނގެ އެވެ.

މީގެން އެއްވެސް ކަމެއް ނުވެ އޮއްވާ، އިގުތިސޯދު މިވަގުތު މިސްރާބު ޖަހާފައިވާ އޮތް ފުން ވަޅުގަނޑުން ސަލާމަތްވުމަށް، ތަރުތީބު އޮޅުވާލައި، އެންމެ ފުރަތަމަ ވެސް ސީދާ ނިމަކެތި ރައްޔިތު މީހާގެ ޖީބާ ހަމައަށް ދިޔުމަކީ ގިނަ ބަޔަކަށް ގަބޫލުކުރަން ދަތި ނިންމުމަކަށް މިވަނީ ވެފަ އެވެ.

ދުނިޔޭގެ ބާޒާރާއެކު، ރާއްޖޭގައި ވެސް ތަކެތީގެ އަގު މިހާރަށް ވުރެ ބޮޑަށް އުފުލޭނެ ކަމަށް އަމީރު ވެސް ލަފާކުރައްވާއިރު، އިތުރަށް ދައްކަންޖެހޭ ދެ ޕަސަންޓު ވާނީ ރައްޔިތުންނަށް ބުރައަކަށެވެ. ޖީއެސްޓީ ބޮޑުކޮށްގެން މިހާރު ތިން ޕަސަންޓުގައި ހުރި އިންފްލޭޝަން ރޭޓަށް އެންމެ ބޮޑަށް ވެސް އިތުރުވާނީ އެންމެ ޕަސަންޓެއް ކަމަށް ވަޒީރު ވިދާޅުވުމަކީ މާބޮޑު ތަސައްލީއަކަށް ނުވެ އެވެ. ހާއްސަކޮށް ރާއްޖެ އެތެރެކުރާ މުދަލުން ނަގާ އަގު ކަނޑައެޅުމުގެ ބާރު މުދާ އެތެރާކުރާ ފަރާތްތަކަށް ލިބިފައިވާއިރު، މުދަލުގެ އަގު ބޮޑުވާނެ މިންވަރު އަންދާޒާކުރަންވެސް ދަތިވާނެތީ އެވެ.

މި ހުރިހާ ކަމެއް މިހެއް ހުރިއިރު، އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވި އެއް ވާހަކައަކަށް ހުރިހާ ރައްޔިތުން އިއްތިފާގުވާނެ އެވެ.

ކައިރި މުސްތަގުބަލެއްގައި ފެންނާތް އޮތް ދަތި ދުވަސްތަކާއެކު ރިހޭ ފައި މައްޗަށް ހަގީގަތުގައި ވެސް މިވަނީ ފޮއި ވެއްޓިފަ އެވެ. އެކަމަކު އެ ހާލަތު މުޅި ގައުމަށް އަމީރު ނިސްބަތް ކުރެއްވި ނަމަވެސް، އެ ފޮއި ވެއްޓުމުގެ ތަދު ބޮޑުވާނީ އާންމު ރައްޔިތު މީހާއަށެވެ.