Advertisement

ޝަމީމް މަރުވީ މެއަށް ލިބުނު ޒަހަމަކުން، ޚާންޖީ ރެސްޓޯރަންޓްގައި ތިބި މީހުނަށް އެ ޒަހަމެއް ނުފެނޭ

5 ޖުލައި 2022 - 15:12 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޚާންޖީ ރެސްޓޯރަންޓްގެ ވެއިޓަރު ޝަމީމް މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އެ ރެސްޓޯރަންޓްގެ ވެއިޓަރު އާބިދު: ޝަރީއަތުގެ ކުރިއަށް ހެކިބަަސް ނަގަން ފަށައިފި


ޝަމީމް މަރުވީ މެއަށް ލިބުނު ޒަހަމަކުން، ޚާންޖީ ރެސްޓޯރަންޓްގައި ތިބި މީހުނަށް އެ ޒަހަމެއް ނުފެނޭ

5 ޖުލައި 2022 - 15:12 0

ހުޅުމާާލޭގެ ޚާންޖީ ރެސްޓޯރެންޓްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝަމީމް މަރުވީ އޭނާގެ މެއަށް ލިބިފައިވާ ޒަހަމްތަކުން ކަމަށް ހޮސްޕިޓަލުން ބުނި ނަމަވެސް, ހާދިސާ ހިނގި ވަގުތު އޭނާގެ މެއަށް އެ ވަރުގެ ޒަހަމެއް ލިބުނު ތަން ނުފެންނަ ކަމަށް ކޯޓަށް މިއަދު ހެކިބަސް ދިން މީހުން ބުނެފި އެވެ.

ޝަމީމް މެރި ކަމުގެ ދައުވާ ކޮށްފައިވާ ޕާކިސްތާނު ޝެފު، މުހައްމަދު އާބިދުއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ 11 މީހެއްގެ ހެކިބަސް ޝަރީއަތް ފެށުމުގެ ކުރިއަށް ކުރިއާލާ ނެގުމަށް ދައުލަތުން އެދިފައިވެ އެވެ. އެއީ މިއިން ބައެއް މީހުން ވީ އަވަހަކަށް ރާއްޖެ ދޫކޮށް ދާން ބޭނުންވާ ކަން އެނގިފައި އޮތުމުންނެވެ.

އެ މީހުންގެ ތެރެއިން މިއަދު ކޯޓަށް ހާޒިރުކޮށް ހަތަރު މީހެއްގެ ހެކިބަސް ނެގި އެވެ. އެ ހަތަރު މީހުންނަކީ އޭރު ރެސްޓޯރަންޓްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންތަކެކެވެ. އެ މީހުން މަސައްކަތް ކުރަމުން ދިޔައީ ކައްކާގެ އެހީތެރިއެއްގެ ގޮތުގައި ބަދިގެ ފަޅީގަ އެވެ. ހަތަރު މީހުނަކީ ވެސް ޕާކިސްތާނު މީހުނެވެ.

އެ ހަތަރު މީހުން ވެސް ބުނި ގޮތުގައި ހާދިސާ ހިނގި ވަގުތު ފެނުނު ހަމައެކަނި ޒަހަމަކީ ޝަމީމްގެ ވާތު ލޮލުގެ ތަންކޮޅެއް ތިރިން މޫނު މައްޗަ ލިބިފައިވާ ޒަހަމް އެކަންޏެވެ.

އޭނާގެ މެއަށް އެއްވެސް ހަމަލާއެއް ދެނިކޮށް އަދި މޭމައްޗަށް އެއްވެސް ޒާތެއްގެ ޒަހަމެއް ލިބިފައިވަނިކޮށް ނުފެންނަ ކަމަށް ހަތަރު މީހުން ވެސް ބުންޏެވެ. ޝަމީމް މަރުވީ މޭމައްޗަށް ލިބިފައިވާ ޒަހަމަކުން ކަން އެނގުނީ އެ ގޮތަށް ހޮސްޕިޓަލުންނާއި ފުލުހުން އެންގުމުން ކަމަށް ހަތަރު މީހުން ވެސް ބުނެފައިވެ އެވެ.

މިއަދު ހެކިބަސް ދިން ހަތަރު މީހުންގެ ތެރެއިން މާރާމާރީގެ މަންޒަރު ދުށީ ތިން މީހުންނެވެ. ހެކިބަސް ދިން އެކަކު ކަމުގައިވާ މުހައްމަދު ކަހަބު ބުނި ގޮތުގައި އޭނާ ދެވުނީ މާރާމާރީ ހިނގި ފަހުންނެވެ. އޭރު ބަދިގެ ދޮރު ކައިރީ ޝަމީމް ވެއްޓިފައި އޮތް ކަމަށާއި މޫނުމަތީގައިވާ ޒަހަމް ދުށް ކަމަށް އޭނާ ބުންޏެވެ.

ކަަހަބު ބުނި ގޮތުން ނަމަ އެ ވަގުތު އެ ތަނުގައި އަދީބެއް ނެތެވެ. އަދި ބަދިގެ ތެރެއަށް އޭނާ ވަދެފައެއް ނުވެ އެވެ. ފަހުން ރެސްޓޯރަންޓްގައި މަސައްކަތް ކުރާ ނަދީމް ނަމަކަށް ކިޔާ މީހަކާ އެކު ޓެކްސީއެއް ހޯދަން ބޭރަށް ނުކުތީ އެވެ. ޓެކްސީއެއް ލިބުމުން، ޝަމީމް އެއަށް އެރުވީ ކަމަށް އޭނާ ބުންޏެވެ.

ހެކިބަސް ދިން ހަތަރު މީހުންގެ ތެރެއިން އަބޫ ޒާހިރު އަލީއަށް ޝަމީމްގެ މޭމައްޗަށް ޒަހަމެއް ލިބިފައިވާކަން އެނގުނީ ޖެހިގެން އައި ދުވަހު ހެނދުނު ޕޮލިސް ސްޓޭޝަނަށް ދިއުމުންނެވެ.

އަބްދުލް ހަމީދާއި އަބްދުލް ސާމީއަށް ވެސް އެކަން އެނގުނީ ހޮސްޕިޓަލުން އެ ގޮތަށް އަންގައި ރެސްޓޯރަންޓަށް ގުޅުންނެވެ. ރެސްޓޯރަންޓަށް ގުޅުމުން ޖަވާބު ދިނީ އަލީ ނަމަކަށް ކިޔާ ޝެފެކެވެ. އޭރު ހަމީދާއި ސާމީ ވެސް އެ ތަނުގައި ތިބި ކަމަށް އެ ދެ މީހުން ވެސް ބުންޏެވެ. ކަހަބު ވެސް ބުނި ގޮތުން، މޭމައްޗަށް ޒަހަމް ލިބުނު ކަން އެނގުނީ ޝެފް އަލީ އޭނާ ކައިރީގައި އެ ވާހަކަ ބުނުމުންނެވެ.

ދެ ފަހަރު މާރާމާރީ ހިނގި، މައްސަލަ ޖެހުނީ ޝަމީމް މަދުން އަލުވި ކޮށައިގެން

މާރާމާރީގެ މަންޒަރު ދުށް ތިން މީހުން ވެސް ބުނި ގޮތުގައި އެ ދުވަހު ދެ ފަހަރެއްގެ މަތިން މާރާމާރީ ހިނގި އެވެ. ފުރަތަމަ މާރާމާރީގައި ދެ މީހުން ވެސް އެކަކު އަނެއްކަކު ގައިގައި ޖަހައި އަތުން ހަމަލާދީފައިވާ ކަމަށް އެ ތިން މީހުން ވެސް ބުނެފައިވެ އެވެ.

އެ ދުވަހު ޝަމީމް އާއި އާބިދުއާ މެދު ދެބަސްވުންތަކެއް އުފެދުނީ ބިރިޔާނީ ތައްޔާރު ކުރުމަށް ޓަކައި ޝަމީމް އަލުވި ކޮށިވަރު މަދުވެގެން އާބިދު ޝަކުވާ ކުރަން ފެށުމުންނެވެ. ޝަމީމް ބުނަމުން ދިޔައީ އަލުވި ފަހުން އިތުރަށް ކޮށާނެ ކަމުގަ އެވެ. އެކަމާ ހިތްހަމަނުޖެހި އެކަކު އެނެއްކަކަށް ހުތުރު ބަހުން ވެސް ގޮވާ ހެދީ އެވެ.

ކައްކާގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ އަބްދުލް ހަމީދު ހެކިބަސް ދެމުން ބުނި ގޮތުގައި އެ ޒުވާބުގެ ތެރޭގައި އާބިދު ހިތްހަމަނުޖެހިގެން ޝަމީމްއާ ދިމާއަށް ސަމުސަލެއް އެއްލި އެވެ. އެއަށް ފަހު މައްސަލަ އިތުރަށް ހޫނުވެ ދެ މީހުން އެކަކު އަނެއްކަކު ގައިގައި ޖަހަން ފެށީ ކަމުގައި ހަމީދު ބުންޏެވެ.

ހަމީދު އާއި ދެން އެ ތަނުގައި ހުރި އަބްދުލް ސާމީ އާއި އަބޫ ޒާހިރު އަލީ ގޮސް ދެ މީހުން ދުރުކުރީ ކަމަށް ހާމިދު ބުންޏެވެ. އޭގެ ފަހުން އަނެއްކާ ވެސް މާރާމާރީ ހިންގަން ފެށުމުން ހާމިދު ގޮސް ދެ މީހުންގެ ދެމެދަށް ދިޔަ ކަމަށާއި ނަމަވެސް ހާމިދު ކުރުކަމުން ދެ މީހުން މުޅިއަކުން ހިފެހެއްޓޭ ގޮތް ނުވި ކަމަށް ބުންޏެވެ.

ހާމިދުގެ ބޯމަތިން ޝަމީމް އާއި އަބީދު އެކަކު އެނެއްކަކު ގައިގައި ޖަހަމުން ދަނިކޮށް ޝަމީމްގެ މޫނުމަތީގައި ޒަހަމެއް އެޅުނު ތަން ދުށް ކަމަށް ހާމިދު ބުންޏެވެ. އެއީ ވަޅިއަކުން ލިބުނު ޒަހަމެއް ކަމަށް ބެލެވުނަސް އެއްވެސް ވަޅިއެއް އޭނާ ނުދެކޭ ކަމަށް ހާމިދު ބުންޏެވެ.

އާބޫ ޒާހިރު އަލީ ކިޔައިދިން ގޮތުން ނަމަ ދެވަނަ މާރާމާރީގައި އާބިދު ދުރަށް ޖެއްސީ އޭނާ އެވެ. އޭރު އާބިދުގެ އަތުގައި ވަޅިއެއް އޮތް ކަމަށާއި އޭނާގެ އަތުން ވަޅި އަތުލައި އަބޫ ޒާހިރު އެ ވަޅި އެއްލާލީ ކަމުގައި އޭނާ ބުންޏެވެ. ނަމަވެސް އޭރު ހާސްވެފައި ހުރި ވަރުން ވަޅިއަށް މާ ބޮޑަށް ސަމާލުކަން ނުދެވޭ ކަމަށާއި އެހެންވެ ވަޅީގައި ލޭ ހުރި ކަމެއް ނުވަތަ ނެތް ކެމެއް އޭނާއަކަށް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

ސާމީ ވެސް ހެކިބަސް ދެމުން ބުނި ގޮތުގައި އޭނާއަށް މާރާމާރީ ހިނގިކަން އެނގިގެން ޝަމީމް ކައިރިއަށް ދިޔައިރު އޭނާގެ މޫނު މައްޗަށް ޒަހަމް ލިބިފައިވާ ކަމަށެވެ. އާބިދުއާ ދިމާއަށް އެއް ފަހަރު ބަލާލިއިރު ވަޅިއެއް އޭނާގެ އަތުގައި އޮތް ކަމަށް ބުންޏެވެ. ނަމަވެސް މާ ބޮޑަށް ޝަމީމްއަށް ސަމާލުކަން ދޭން ހުރެވުމުން ވަޅީގައި ލޭ ހުރި ކަމެއް އަދި ނެތް ކަމެއް އޭނާއަކަށް ވެސް ނޭނގޭ ކަމަށް ބުންޏެވެ.

ދެވަނަ ފަހަރު މާރާމާރީ ހިނގިއިރު އެ މީހުނަށް ޝަމީމާއި އާބިދު ފެނުނީ ޝަމީމް އާންމުކޮށް މަަސައްކަތް ކުރާ މޭޒު ކައިރީގައި ކަމަށް ސާމީއާއި އަބޫ ޒާހިރު އަލީ އާއި ހާމިދު ވެސް ބުންޏެވެ.

އީދު ބަންދަށް ފަހު ބާކީ ހަތް ހެކިންގެ ހެކިބަސް ނަގަނީ

މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ފާހަގަ ކުރެއްވި ގޮތުގައި، ކުރިއާލާ ހެކިބަސް ނެގުމަށް ދައުލަތުން އެދިފައިވާ 11 ހެކިންގެ ތެރެއިން މިހާރު ހެކިބަސް ނެގިފައިނުވާ ހަތް މީހުންގެ ހެކިބަސް ނަގަން ފަށާނީ އީދު ބަންދަށް ފަހުގަ އެވެ.

މި ގޮތުން އީދު ބަންދު ހަފުތާއަށް ފަހު އެންމެ ފުރަތަމަ ފެށޭ ރަސްމީ ދުވަސް ކަމުގައިވާ މި މަހުގެ 17 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި ބާކީ ހަތް ހެކިންގެ ހެކިބަސް ނެގުމަށް ގަސްތު ކުރައްވަނީ ތިން ދުވަސް ނުވަތަ ހަތަރު ދުވަހަށް ބަހާލައިގެނެވެ. އަދި ވީ އަވަހަކަށް އެ ހެކިބަސް ނަގައި ނިންމުމަށް ފަހު، ޝަރީއަތުގެ މަރުހަލާ ފެށުމަށް ފަހު ހެކިބަސްތައް ބަލައިގަނެވޭނެ ގޮތަށް ރައްކާކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލައިގެ ފަސްފަހަތް

އާބިދަށް ކުރާ ދައުވާގައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ނިރޮޅުމަގު 19 ނަންބަރު ގޯޅިގައި ހުންނަ ޚާންޖީ ރެސްޓޯރެންޓްގެ ބަދިގެ ތެރޭގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ޝާމީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި ކަމަށެވެ.

އާބިދު ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ދެވަނަ ފޭސްގެ ގޮނޑުދޮށުގައި ފިލައިގެން އުޅެނިކޮށެވެ. އާބިދު އަތުލައިގަތީ ވެއިޓަރަށް ހަމަލާދިނުމަށް ފަހު ފިލައިގެން އުޅޭތާ ނުވަ ވަރަކަށް ގަޑިއިރު ފަހުންނެވެ. އޭނާ ހޯދަން ވެގެން އޭނާގެ ފޮޓޯ ވެސް ފުލުހުން އޭރު އޮތީ އާއްމުކޮށްފަ އެވެ.

އާބިދު ދަންނަ މީހުން ބުނާ ގޮތުގައި އޭނާއަކީ ވަރަށް އަވަހަށް ރުޅި އަންނަ މީހެކެވެ. މީގެ ކުރިން ވެސް ރެސްޓޯރެންޓް ތެރޭގައި އޭނާ މާރާމާރީއެއް ހިންގާފައިވެ އެވެ.

ޚާންޖީ ރެސްޓޯރެންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝާހިން މަރާލީ ރެސްޓޯރެންޓް ބަދިގެ ތެރޭގައި އާބިދުއާ އެ ވެއިޓަރާ ދެމެދު ހިނގި ދެބަސްވުމަކަށްފަހު އެވެ. އާބިދު އޭނާ މަރާލިކަމަށް ތުހުމަތުކުރެވެނީ ވަޅިއަކުން ކަރަށާއި މެޔަށް ހަމަލާދީގެންނެވެ.