Advertisement

ސިފައިން ބަލިކޮށް ސިޓީން ގައުމީ މުބާރާތުގެ ފައިނަލުން ޖާގަހޯދައިފި

4 ޖުލައި 2022 - 23:03 0

ސިޓީގެ ކެޕްޓަން ހުޒާމް މެޗުގެ ތެރެއިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ އިސްމާއިލް ތޯރިގު


ސިފައިން ބަލިކޮށް ސިޓީން ގައުމީ މުބާރާތުގެ ފައިނަލުން ޖާގަހޯދައިފި

4 ޖުލައި 2022 - 23:03 0

ސީދާ ތިން ސެޓުން ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް، ސްޕޯޓްސް ކްލަބް ސިޓީ ގައުމީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ބުރާސްފަތި ދުވަހުގެރޭ ގައުމީ ފައިނަލުގައި ސިޓީއާ ދެކޮޅަށް ކުޅޭ ޓީމެއް ކަނޑައެޅޭނީ މާދަމާރޭ ކުޅޭ ތިން ވަނަ ސެމީ ފައިނަލަށް ފަހު އެވެ. ތިން ވަނަ ސެމީގައި ސިފައިން ކުޅޭނީ ޕޮލިސް ކްލަބާ އެވެ. ޕޮލިސް ތިން ވަނަ ސެމީން ފުރުސަތު ހޯދީ މިއަދު ހަވީރު ކުޅުނު ފުރަތަމަ ސެމީގައި ކްލަބް ވެމްކޯ އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗުގެ ސެޓުތައް ދިޔައީ 25-21، 25-18 އަދި 25-11 އިންނެވެ. މި ފަަަހަރުގެ ވޮލީ ސީޒަނުގައި ސިފައިން އަތުން ސިޓީ ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. ލީގާއި ގައުމީ މުބާރާތުގައި މޮޅުވީ ސީދާ ތިން ސެޓުންނެވެ.

އެސޯސިއޭޝަން ކަޕާއި ގައުމީ ލީގު ކާމިޔާބުކުރި ސިިޓީ، މި ފަހަރުގެ ވޮލީ ސީޒަނުގައި މިރޭގެ މެޗާ ހަމައަށް އައިއިރު، ކުޅުނު 11 މެޗުގެ ތެރެއިން ބަލިވީ އެސޯސިއޭޝަން ކަޕްގެ ލީގު ބުރުގައި ވެމްކޯ އަތުންނެވެ. ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ލީގު ކާމިޔާބުކުރި، ސިޓީން ވަނީ މިރޭ ވެސް ތަފާތު ދައްކައިފަ އެވެ.

މިރޭގެ މެޗުގެ ތެރެއިން ސިޓީގެ ކުޅުންތެރިން ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ އިސްމާއިލް ތޯރިގު


މެޗު ފަށައިގެން ސިޓީން ވަނީ އެ ޓީމުގެ ސެޓަރު، އިންޑިއާގެ ވިނާޔަކް ރޮކާޅޭގެ ރަނގަޅު ކުޅުމުގެ ބޭނުންހިފައި، އިންޑިއާގެ އަނެއް ދެ ކުޅުންތެރިން ކަމަށްވާ، ހަރްދީޕް ސިންގް، ވިނީތު ކުމާރު އަދި ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ)ގެ ބޭނުން ހިފައިފަ އެވެ.

ސިފައިންގެ ޓީމުގެ އާދަމް ނަސީމް (އެޑަމް) އަށް މިރޭ އެޓޭކްގައި މާ ބޮޑު ތަފާތެއް ނުދެއްކުނުއިރު، އެ ޓީމުގެ ބިދޭސީ އެޓޭކަރު، ޝޯން ޓީ ޖޯން އަށް ވެސް ޖުމްލަކޮށް ރަނގަޅަށް ނުކުޅެވުނެވެ. މިއީ ސިފައިންނަށް ދިމާވި އެންމެ ބޮޑު އެއް މައްސަލަ އެވެ. އަނެއް ކޮޅުން ޝޯން ޓީ ޖޯން އަތުން މުހިންމު ސާވިސްތަކެއް ވެސް ގެއްލުނުއިރު، ސިފައިން ބަދަލުތަކެއް ގެނެސްގެން ވެސް މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ދެ ވަނަ ސެޓު ފަށައިގެން ސިފައިން ކޮންމެ ވެސް ވަރަކަށް ކުޅުން ރަނގަޅުކުރި އެވެ. އެކަމަކު، ސެޓުގެ މެދަކާ ހަމައިން ރިސީވް އާއި ޑިފެންސްގައި މައްސަލަ ޖެހިގެން، ސިފައިންނަށް ލީޑެއް ވެސް ނުނެގި ދިޔައީ އެވެ. ސެޓުގެ މެދަކާ ހަމައަށް ދިޔައިރު، ސިޓީ އަށް ލީޑު ލިބުމާ އެކު، ސިފައިންނަށް ފުރުސަތެއް ނުދީ ލީޑު ދެމެހެއްޓި އެވެ.

ދެ ވަނަ ސެޓުގައި ސިފައިން ވަނީ އެޑަމް ބަދަލުކޮށްފަ އެވެ. ސިފައިން ވަނީ ބަދަލަކަށް ތަޖުރިބާކާރު ކުޅުންތެރިޔާ، އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ވެސް ގިނަ ވަގުތު ބޭނުންކޮށްފަ އެވެ. އެކަމަކު، ޖުމްލަކޮށް ލޯންގޭގެ ބޭނުންވެސް މި މެޗުގައި ރަނގަޅަށް ނުހިފުނެވެ.

ތިން ވަނަ ސެޓުުގައި ސިފައިންނަށް ޗެލެންޖެއް ވެސް ނުދެވި، ސިޓީ ރަނގަޅު ލީޑަކާ އެކު ސެޓު ނިންމައި، މެޗުން މޮޅުވީ އެވެ.

ސީޒަނުގެ ފުރަތަމަ ދެ މުބާރާތުގައި ގުޑީސް އަށް ކުޅުނު އަލީ އާމިރު (ދިގު އައްޔަ)، ހުސެއިން ވިޝާމް (ބުޅިކެ) އަދި ހަސަން ނިލާމް (ޕާޓޭ) ވަނީ ގައުމީ މުބާރާތަށް ސިޓީ އަށް ބަދަލުވެފަ އެވެ. މީގެ ތެރެއިން ދިގު އައްޔަ ވަނީ މިރޭގެ މެޗުގެ ތިން ވަނަ ސެޓުގައި، ހުސެއިން ޔޫސުފް (ޓޯއި)ގެ ބަދަލުގައި ކުޅެން އަރުވައިފަ އެވެ.

ގައުމީ މުބާރާތުގެ ތިން ވަނަ ސެމީގައި މާދަމާރޭ ސިފައިންނާއި ޕޮލިސް ކުޅޭ މެޗު ފަށާނީ 21:00 ގަ އެވެ.