Advertisement

މެލޭޝިއާ ކުއަޑްރަންގިއުލާ ސީރީސް: ބޫޓާނުން ހަ ލަނޑުން ރާއްޖެ ބަލިކޮށްފި

4 ޖުލައި 2022 - 20:19 0

މެލޭޝިއާގެ ކުއަޑްރަންގިއުލާ ޓީ20 ސީރީސްގައި މިއަދު ރާއްޖެ އާއި ބޫޓާން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަން


މެލޭޝިއާ ކުއަޑްރަންގިއުލާ ސީރީސް: ބޫޓާނުން ހަ ލަނޑުން ރާއްޖެ ބަލިކޮށްފި

4 ޖުލައި 2022 - 20:19 0

މެލޭޝިއާގައި މިހާރު ކުރިއަށްދާ ކުއަޑްރަންގިއުލާ ޓީ20 ސީރީސްގައި ރާއްޖޭގެ ކްރިކްޓް ޓީމު ކުޅުނު ދެ ވަނަ މެޗުން ހަ ލަނޑުން ބޫޓާން އަތުން ބަލިވެއްޖެ އެވެ.

ހަތަރު ގައުމުގެ މެދުގައި ކުރިއަށްދާ މި މުބާރާތުގައި މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ރާއްޖޭން އިއްޔެ ވަނީ ތައިލެންޑް އަތުން ހަތް ވިކެޓުން މޮޅުވެފަ އެވެ. އެކަމަކު، މިއަދު ބޫޓާން ކައިރިން ފޯރިގަދަ މެޗަކަށް ފަހު ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ އެވެ.

ޓޮސް ދިމާވުމުން ރާއްޖޭން ނިންމީ އުކުމަށެވެ. އެއީ ތައިލެންޑާ ދެކޮޅަށް ވެސް ރާއްޖޭން ފުރަތަމަ ފީލްޑިން އަށް ނުކުމެ ތަފާތު ދެއްކިފައިވާތީ އެވެ. ބޫޓާނުން ފުރަތަމަ ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ވަނީ ހެދުނީ 110 ލަނޑެވެ.

ބޫޓާނާ ދެކޮޅަށް ނުކުތް ރާއްޖޭގެ ޓީމު ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަން


ބޫޓާން ޓީމަށް އެންމެ ގިނަ ލަނޑު އެއްކޮށްދިނީ 17 ލަނޑު ހެދި، ނަމްގޭއި ތިންލޭ އާއި ގަކުލް ކުމާރް ގާލީ އެވެ. ރާއްޖޭން ޖަވާބުގައި ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު، އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 104 ލަނޑެވެ. ރާއްޖޭން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 12 ބޯޅައިން 19 ލަނޑު އެއްކުރި މުހައްމަދު ރިޝްވާން އެވެ. އަދި ޓީމުގެ ކެޕްޓަން، ޔޫސުފް އަޒްޔާން ފަރުހަތު ވަނީ، 34 ބޯޅައިން 17 ލަނޑު ހަދައިފަ އެވެ.

މެލޭޝިއާ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ވަނީ ލަންކާގައި ޓުއާއެއް ފުރިހަމަކޮށް ގިނަ މެޗުތަކެއް ކުޅެފަ އެވެ. މުބާރާތުގެ ފޯމެޓް ރޭވިފައި އޮތްގޮތުން ހަތަރު ޓީމު އެއް ޓީމު އަނެއް ޓީމަކާ ދެކޮޅަށް ދެ ފަހަރު ކުޅޭނެ އެވެ. އެ އަށް ފަހު، ޕޮއިންޓް ތާވަލުގެ ކުރީގައި އޮންނަ ދެ ޓީމެއްގެ މެދުގައި ފައިނަލް ކުޅޭނެ އެވެ. ރާއްޖޭން ދެން ކުޅޭ މެޗުގައި ބުދަ ދުވަހު ބައްދަލުކުރާނީ ހޯސްޓް، މެލޭޝިއާއާ އެެވެ.

ބޫޓާނާ ދެކޮޅަށް މިއަދު ކުޅުނު މެޗުގެ ތެރެއިން ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިން.-- ފޮޓޯ: މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަން


ކުޅުނު ފުރަތަމަ މެޗުން މެލޭޝިއާ ވަނީ އިއްޔެ 39 ލަނޑުން ބޫޓާން ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި ތައިލެންޑް އަތުން މެލޭޝިއާ މޮޅުވީ ނުވަ ވިކެޓުންނެވެ.

ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ވަނީ 2018 ވަނަ އަހަރު މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަނުން ބޭއްވި ބައިނަލްއަގްވާމީ ޓްރި-ނޭޝަންސް ޓީ20 މުބާރާތުން ދެެ ވަނަ ހޯދައިފަ އެވެ.

އެ ފަަހަރުގެ މުބާރާތުގައި ރާއްޖެ ކުޅުނު ހަތަރު މެޗުގެ ތެރެއިން މެލޭޝިއާ އަތުން ފުރަތަމަ މެޗުން ބަލިވީ އެވެ. އެކަމަކު، ދެ ވަނަ މެޗުން ތައިލެންޑް އަތުން މޮޅުވި އެވެ. އަދި ތިން ވަނަ މެޗުގައި މެލޭޝިއާއާ ދެކޮޅަށް ކުޅުނު މެޗު ހުއްޓާލިއިރު ބަލިވެފައި އޮތްއިރު، ފަހު މެޗުން ތައިލެންޑް އަތުން ބަލިވީ އެވެ.