Advertisement

ގައުމީ މުބާރާތަށް ދިގު އައްޔަ، ބުޅިކެ އަދި ނިލާމް ސިޓީ އަށް

4 ޖުލައި 2022 - 12:37 0


ގައުމީ މުބާރާތަށް ދިގު އައްޔަ، ބުޅިކެ އަދި ނިލާމް ސިޓީ އަށް

4 ޖުލައި 2022 - 12:37 0

ގައުމީ ވޮލީބޯޅަ މުބާރާތް ކާމިޔާބުކުރުމަށް ސްޕޯޓްސް ކްލަބް ސިޓީ އިތުރަށް ވަރުގަދަކޮށްފި އެވެ.

ސީޒަނުގައި މިހާތަނަށް ކުުޅުނު އެސޯސިއޭޝަން ކަޕާއި ގައުމީ ލީގުގެ ޗެމްޕިއަންކަން ހޯދި ސިޓީން ގައުމީ މުބާރާތަށް ނުކުންނާނީ ގުޑީސް ސްޕޯޓްސް ކްލަބަށް ފުރަތަމަ ތިން މުބާރާތުގައި ކުޅުނު ތިން ކުޅުންތެރިންނާ އެކު އެވެ. ގައުމީ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ނުލިބުމުން ގުޑީސް އަށް ވަނީ ސީޒަން ނިމިފަ އެވެ.

ގުޑީސް އަށް ކުޅުނު އަލީ އާމިރު (ދިގު އައްޔަ)، ހުސެއިން ވިޝާމް (ބުޅިކެ) އަދި ހަސަން ނިލާމް (ޕާޓޭ) ގައުމީ މުބާރާތުގައި ނުކުންނާނީ ސިޓީ ޖޯޒީގަ އެވެ. މީގެ ކުރިން ވެސް މި ތިން ކުޅުންތެރިން ވަނީ އެކި އަހަރުތަކުގައި ސިޓީ އަށް ކުޅެފަ އެވެ.

މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގައި ސިޓީން މިހާތަނަށް ކުޅުނު 11 މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ. އެއީ އެސޯސިއޭޝަން ކަޕްގެ ލީގު ބުުރުގައި ކްލަބް ވެމްކޯ އަތުންނެވެ.

ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ސިޓީން ހޯދައިފިނަމަ ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްގެން މީގެ ކުރިން ދިވެހި ސިފައިންގެ ކްލަބް ހަދާފައިވާ ރެކޯޑާ ހަމަކުރާނެ އެވެ. ސިފައިންގެ ކްލަބް ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރީ 2010 ވަނަ އަހަރު އެވެ.

ގައުމީ މުބާރާތުގެ ކުޅުން ފަށާނީ މިއަދު ހަވިރު އެވެ. ސެމީ ފައިނަލް ފުރަތަމަ މެޗުގައި މިއަދު 16:30 ގައި ވާދަކުރާނީ ޕޮލިހާއި ވެމްކޯ އެވެ. މިރޭ، 21:00 ގައި ކުޅޭ ސެމީ ފައިނަލް ދެ ވަނަ މެޗުގައި ވާދަކުރާނީ ލީގުގެ ޗެމްޕިއަން ސިޓީ އާއި ދެ ވަނަ ހޯދި ސިފައިންނެވެ.

ސިޓީ އާއި ސިފައިން ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގަ ލިބޭނެ އެވެ. އެކަމަކު، ބަލިވާ ޓީމެއް ޖެހޭނީ ވެމްކޯ އާއި ޕޮލިސް ކްލަބް ކުޅޭ ސެމީ ފައިނަލުން މޮޅުވާ ޓީމަކާ ކުޅޭށެވެ. މާދަމާރޭ ކުޅޭ އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެ އެވެ. ގައުމީ މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރޭގަ އެވެ.