Advertisement

ގައުމީ ވޮލީ ލީގު: ގުޑީސް ބަލިކޮށް އޮއްފުން މޮޅަކާ އެކު ސީޒަން ނިންމާލައިފި

4 ޖުލައި 2022 - 01:18 0

އޮއްފުގެ ގުރޫ ޕްރަސާންތު (ވ) ޖަހާ ބޯޅަ ގުޑީސްގެ ބުޅިކެ (މ) އާއި ދިގު އައްޔަ ބްލޮކްކުރަން މަސައްކަތް ކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ/ އިސްމާއިލް ތޯރިގު


ގައުމީ ވޮލީ ލީގު: ގުޑީސް ބަލިކޮށް އޮއްފުން މޮޅަކާ އެކު ސީޒަން ނިންމާލައިފި

4 ޖުލައި 2022 - 01:18 0

މައިލޯ ގައުމީ ވޮލީބޯޅަ ލީގުގައި މިރޭ ކުޅުނު މެޗުން ގުޑީސް ސްޕޯޓްސް ކްލަބް 3-1 ސެޓުން ބަލިކޮށް، އޮއްފު އެފްސީ މޮޅަކާ އެކު ސީޒަން ނިންމާލައިފި އެވެ.

މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގައި އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރުން ފެށިގެން އޮއްފު އިން ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވީ ދެ ފަހަރު ވެސް ގުޑީސް އަތުންނެވެ. ގުޑީސް އަތުން އެސޯސިއޭޝަން ކަޕްގެ ލީގު ބުރުގައި އޮއްފު މޮޅުވީ މިރެއެކޭ އެއްގޮތަށް 3-1 ސެޓުންނެވެ. މިރޭގެ މެޗުގެ ސެޓުތައް ގޮސްފައިވަނީ 25-22، 25-17، 26-28 އަދި 25-14 އިންނެވެ.

މިރޭގެ މެޗު ނިމުމާ އެކު ގުޑީސް އާއި އޮއްފު އަށް ވޮލީ ސީޒަން ނިމުނީ އެވެ. އެއީ ގައުމީ ލީގުގެ ގަދަ ހަތަރަކުން މި ދެ ޓީމަށް ޖާގަ ނުލިބުމުން މާދަމާ ފަށާ ގައުމީ މުބާރާތުގައި ވާދަކުރަން ފުރުސަތު ނެތުމުންނެވެ. ގައުމީ މުބާރާތުގައި ވާދަކުރާނީ ލީގުގެ ގަދަ ހަތަރެއް ކަމަށްވާ ސްޕޯޓްސް ކްލަބް ސިޓީ، ދިވެހި ސިފައިންގެ ކްލަބް، ކްލަބް ވެމްކޯ އަދި ޕޮލިސް ކްލަބް އެވެ.

ލީގު ނިމުނުއިރު، ޕޮއިންޓް ތާވަލަށް ބަލާއިރު، އެއް ވަނައިގައި އޮތީ 15 ޕޮއިންޓާ އެކު ސިޓީ އެވެ. ދެ ވަނައިގައި އޮތީ 12 ޕޮއިންޓް ހޯދި ސިފައިންނެވެ. ވެމްކޯ ތިން ވަނަ އަށް ދިޔައީ އަށް ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ޕޮލިސް ކްލަބަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ފަސް ވަނައިގައި އޮތް އޮއްފު އަށް ލިބުނީ ތިން ޕޮއިންޓެވެ. ގުޑީސް ސީޒަނުގައި މޮޅެއް ނުލިބި ނިންމާލިއިރު، ލީގުގައި އެ ޓީމަށް ޕޮއިންޓެއް ނުހޯދެ އެވެ.

ގުޑީސް އާއި އޮއްފު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް،އެމްވީ/ އިސްމާއިލް ތޯރިގު


ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭގެ ފުރަތަމަ ދެ ސެޓު ވެސް އޮއްފު އިން ގެންދިޔައިރު، އެ ޓީމުގެ އިންޑިއާ ކުޅުންތެރިޔާ ގުރޫ ޕްރަސާންތު މޮޅު ކުޅުމެއް ދެއްކިއިރު، އޮއްފުގެ ސެޓަރު، އަލީ މައުރޫފް (މާއްޓެ) ވެސް މޮޅަށް ކުޅުނެވެ.

ފުރަތަމަ ދެ ސެޓު އޮއްފު އިން ގެންދިއުމުން ތިން ވަނަ ސެޓު ގެންގޮސް އެ ޓީމު މޮޅުވާނެ ކަމަށް ބެލެވިފައިވަނިކޮށް، ގުޑީސް އިން ތިން ވަނަ ސެޓުގައި ހިތްވަރު ދެއްކި އެވެ. ނަތީޖާ އަކަށްވީ ސެޓުގެ ފަހުކޮޅުގައި ގުޑީސްގެ ހަސަން ނިލާމް (ޕާޓޭ)ގެ ރަނގަޅު އެޓޭކްތަކާ އެކު އެ ޓީމުން ސެޓު ގެންދިއުމެވެ. އެކަމަކު، ޖެހިގެން އައި ސެޓުގައި އޮއްފު އިން ފުރަތަމަ ދެ ސެޓުގެ މޮޅު ކުޅުން ދައްކައި، ފަސޭހަ ކަމާ އެކު މި ސެޓު ގެންގޮސް މެޗުން މޮޅުވީ އެވެ.

މެޗަށް ފަހު ލީގު ނިމުމުން ވަނީ ވަނަތަކަށް ހޮވުނު ފަރާތްތައް ކަނޑައަޅައިފަ އެވެ. އެންމެ މޮޅު ކޯޗަކީ ސިޓީގެ ނަލަ ހުސެއިން ޝަރީފް އެވެ. އެންމެ މޮޅު ކުޅުންތެރިއަކީ ސިޓީގެ އަލީ ހުޒާމް (ހުޒަންޓެ) އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކީ ސިޓީގެ ވިނާޔަކް އެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިޔަކީ ޕޮލިހުގެ ހައިލަމް ހަަސަން އެވެ.

ލީގުގެ ޑްރީމް ޓީމުގައި ހިމެނެނީ، ވެމްކޯގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)، އާދަމް ފަައިރޫޒް، ސިފައިންގެ އާދަމް ނަސީމް (އެޑަމް)، ހުސެއިން ޝާހިދު (ޝާޑު)، ސިޓީގެ އަހުމަދު ނަބީލް (ނައްބަ)، ހުސެއިން ފަޒީލް އަދި ގުޑީސްގެ ނިލާމް އެވެ.

ގައުމީ މުބާރާތުގެ ކުޅުން ފަށާނީ މާދަމާ ހަވިރު އެވެ. ސެމީ ފައިނަލް ފުރަތަމަ މެޗުގައި މާދަމާ 16:15 ގައި ވާދަކުރާނީ ޕޮލިހާއި ވެމްކޯ އެވެ. މާދަމާރޭ، 20:30 ގައި ކުޅޭ ސެމީ ފައިނަލް ދެ ވަނަ މެޗުގައި ވާދަކުރާނީ ލީގުގެ ޗެމްޕިއަން ސިޓީ އާއި ދެ ވަނަ ހޯދި ސިފައިންނެވެ.

ސިޓީ އާއި ސިފައިން ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގަ ލިބޭނެ އެވެ. އެކަމަކު، ބަލިވާ ޓީމެއް ޖެހޭނީ ވެމްކޯ އާއި ޕޮލިސް ކުޅޭ ސެމީ ފައިނަލުން މޮޅުވާ ޓީމަކާ ކުޅޭށެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެ އެވެ. ގައުމީ މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރޭގަ އެވެ.