3 ޖުލައި 2022 - 11:06 0
ތައިލެންޑާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަން
3 ޖުލައި 2022 - 11:06 0
މެލޭޝިއާގައި މިހާރު ކުރިއަށްދާ ކުއަޑްރަންގިއުލާ ޓީ20 ސީރީސްގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ކުޅުނު ފުރަތަމަ މެޗުން ތައިލެންޑް އަތުން ހަތް ވިކެޓުން މޮޅުވެއްޖެ އެވެ
ހަތަރު ގައުމުގެ މެދުގައި ކުރިއަށްދާ މި މުބާރާތުގައި މުބާރާތުގައި އިއްޔެ ކުޅުނު މެޗުން ހޯސްޓް، މެލޭޝިއާ ވަނީ 155 ލަނޑުން ބޫޓާން ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި މިއަދު ރާއްޖޭން ވަނީ މޮޅު ކުޅުމެއް ދައްކައި ތައިލެންޑްގެ މައްޗަށް ކުރިހޯދައިފަ އެވެ.
މިއަދުގެ މެޗުގައި ޓޮސް ދިމާވުމުން ތައިލެންޑުން ގަސްދުކުރީ ބެޓް ކުރުމަށެވެ. ތައިލެންޑުން 19.3 އޯވަރުގެ ތެރޭ 10 ވިކެޓަށް ހެދުނީ 81 ލަނޑެވެ.
ތައިލެންޑާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަން
ރާއްޖޭގެ ފީލްޑިން ތަފާތުކޮށް ފެނުނު މި މެޗުގެ މޮޅު ކުޅުންތެރިއަކީ، ތިން ވިކެޓް ނެގި ލީމް ޝަފީގް އެވެ. ވައިސް ކެޕްޓަން، އާދަމް ނާސިފް އުމަރު (އާދަޅޭ) އާއި ހަސަން އިބްރާހިމްގެ އުކުންތައް ވެސް މި މެޗުގައި ފެނުނީ ރަނގަޅަށެވެ.
ތައިލެންޑަށް ލަނޑު ހެދުމުގައި މާ ރަނގަޅަށް ނިންމައިނުލެވުމުގެ ފައިދާ ރާއްޖޭން ކުޅެން އަރައި ނެގި އެވެ. އެ ގޮތުން، 15.4 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ރާއްޖޭން ވަނީ 82 ލަނޑު ހަދައި މެޗުން މޮޅުވެފަ އެވެ.
ބެޓިން އަށް ބަލާއިރު، ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ ރިޝްވާން މުހައްމަދު އާއި މުހައްމަދު އައްޒާމް އެވެ. އެ ގޮތުން ރިޝްވާން ވަނީ 33 ބޯޅައިން 38 ލަނޑު ހަދައިފަ އެވެ. އަދި އައްޒާމްގެ ސްކޯރިން އަށް ބަލާއިރު، 27 ބޯޅައިން 17 ލަނޑު ހެދި އެވެ.
ތައިލެންޑާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަން
މުބާރާތުގެ ފޯމެޓް ރޭވިފައި އޮތްގޮތުން ހަތަރު ޓީމު އެއް ޓީމު އަނެއް ޓީމަކާ ދެކޮޅަށް ދެ ފަހަރު ކުޅޭނެ އެވެ. އެ އަށް ފަހު، ޕޮއިންޓް ތާވަލުގެ ކުރީގައި އޮންނަ ދެ ޓީމެއްގެ މެދުގައި ފައިނަލް ކުޅޭނެ އެވެ. ރާއްޖޭން ކުޅޭ ދެ ވަނަ މެޗުގައި މާދަމާ މެންދުރު ބޫޓާނާ ދެކޮޅަށް ކުޅޭނެ އެވެ.
މެލޭޝިއާ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ވަނީ ލަންކާގައި ޓުއާއެއް ފުރިހަމަކޮށް ގިނަ މެޗުތަކެއް ކުޅެފަ އެވެ. އަދި ގިނަ މެޗުތަކުން މޮޅުވިއިރު، އެ ކޮންފިޑެންސްގައި މުބާރާތުގައި މި ވަނީ މޮޅަކުން ފަށައިފަ އެވެ.
ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ވަނީ 2018 ވަނަ އަހަރު މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަނުން ބޭއްވި ބައިނަލްއަގްވާމީ ޓްރި-ނޭޝަންސް ޓީޓްވެންޓީ މުބާރާތުން ދެެ ވަނަ ހޯދައިފަ އެވެ. އެ މުބާރާތުގައި ރާއްޖެ ކުޅުނު ހަތަރު މެޗުގެ ތެރެއިން މެލޭޝިއާ އަތުން ފުރަތަމަ މެޗުން ބަލިވީ އެވެ. އެކަމަކު، ދެ ވަނަ މެޗުން ތައިލެންޑް އަތުން މޮޅުވި އެވެ. އަދި ތިން ވަނަ މެޗުގައި މެލޭޝިއާއާ ދެކޮޅަށް ކުޅުނު މެޗު ހުއްޓާލިއިރު ބަލިވެފައި އޮތްއިރު، ފަހު މެޗުން ތައިލެންޑް އަތުން ބަލިވީ އެވެ. އެހެންވެ، ދެ ވަނައިން ފަރުޖައްސާލަން ޖެހުނީ އެވެ.
Comment