Advertisement

ރަށު ނޯޓު: ފަންނުވެރި ހުނަރުވެރި ތުޅާދޫ

2 ޖުލައި 2022 - 13:32 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ތުޅާދޫ: މި ރަށަކީ ލިޔެލާ ޖެހުމުގައި ރާއްޖޭގެ އެންމެ މަޝްހޫރު ރަށް. -- ފޮޓޯ: އަދަދު


ރަށު ނޯޓު: ފަންނުވެރި ހުނަރުވެރި ތުޅާދޫ

2 ޖުލައި 2022 - 13:32 0

ރަށު ވަށައި ބުރެއް ޖަހާލިއިރު ފެނިގެން ދިޔައީ މަސައްކަތްތެރި އާބާދީއެއް އަވަދިނެތި ކުރަމުން އަންނަ މަސައްކަތްތަކެވެ. އާންމު ވިޔަފާރިތަކާއި، އިމާރާތްކުރުމާއި، މަސް ކެނޑުމާއި މަސް ކެއްކުމާއި، ރަށުގެ ފަހުރެއް ކަމުގައި ވެފައިވާ ލިޔެލާ ޖެހުމުގެ މަސައްކަތެވެ.

މިއީ މާޅޮސްމަޑުލް ދެކުނު ބުރި (ބ. އަތޮޅު) ތުޅާދޫ އެވެ. މާ ދިގު ތައާރަފަކަށް ބޭނުން ނުވާނެ މި ރަށަކީ މުޅި ރާއްޖޭގައި ހުނަރާއި ފަންނުގެ ކަވި މަސައްކަތްތަކާއި ލިޔެލާ ޖެހުމުގައި އެންމެ އަރައިހުރި ރަށެވެ. އެ ދާއިރާގައި ފަންނުވެރިން އެންމެ ގިނަ ރަށެވެ. ބުނެވޭ ގޮތުގައި މި ރަށުގައި ލިޔެލާ ޖެހުމުގެ މަސައްކަތް ފެށުނީ މީގެ 300 ވަރަކަށް އަހަރު ކުރީންނެވެ. ތުޅާދޫގައި ކުރިން ހުރި ދެއްވަދޫ ރަސްގެފާނު ބެހެއްޓެވި މިސްކިތުގެ މަސައްކަތަށް ބަލާއިރު އެކަން ސާބިތުވެ އެވެ.

1999 ވަނަ އަހަރުގެ އަތްތެރި މަސައްކަތުގެ މައުރަޒުގައި ތުޅާދޫ އިބްރާހިމް ޒުބައިރު ހިމެނި އުނދޯއްޔާއި އޭނާގެ ބައެއް ލިޔެލާޖެހުމުގެ މަސައްކަތްތައް -- ފޮޓޯ: އާއިމް ޒަމީރު / އަދަދު


ސާޅީސް އެއް ހެކްޓަރުގެ މި ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އެފް-12 އެވެ. ރަށުގެ ޖުމުލަ އާބާދީއަކީ 3058 އެވެ. އެއީ 1588 ފިރިހެނުންނާއި 1470 އަންހެނުންނެވެ. ނަމަވެސް ރަށުގައި ދިރިއުޅޭ އާބާދީއަކީ 1836 އެވެ. ރަށުގެ ގިނަ ބަޔަކު ދިރިއުޅެނީ މާލެ އާއި ރިސޯޓްތަކުގަ އެވެ. މި ރަށުގައި 100 އަށް ވުރެ ގިނަ ބިދޭސީން ވެސް އުޅެ އެެވެ.

ރަށުގެ މައިގަނޑު އިގުތިސޯދީ ހަރަކާތްތަކަކީ މަސްވެރިކަމާއި ލިޔެލާ ޖެހުމާއި ވަޑާމުގެ މަސައްކަތާއި ކާބޯތަކެތި އުފައްދައި ވިއްކުމެވެ. ރަށު އިގުތިސޯދުގައި ދިރުމާއި ފަންވަރު ނަންބަރުތަކުން އެނގެ އެވެ. ރަނގަޅަށް ހިންގާ 20 ފިހާރަ އާއި ދެ ބުކްޝޮޕާއި ހަތަރު ކެފޭ ތުޅާދޫގައި އެބަ ހުއްޓެވެ. ބައެއް ކެފޭތަކަކީ ޒަމާނީ ފެންވަރުގެ ހިތްގައިމު ތަންތަނެވެ. ރަށުގައި ހަތަރު ގަރާޖާއި ތެލާއި ގޭސް ވިއްކާ ހަތަރު ތަނެއް ހިންގަ އެވެ. ޓޫރިސްޓް ގެސްޓް ހައުސް ވިޔަފާރި ރަށްރަށުގައި ތައާރަފު ވަމުން އަންނައިރު، މި ރަށުގައި މިހާރު ގެސްޓް ހައުސްއެއް ހަދައި ވަނީ ހުޅުވައިފަ އެވެ.

މަސްވެރި މި ރަށުގައި 20 މަސް ދޯންޏާއި 14 ޑިންގީ އޮވެ އެވެ. މާލެ ދަތުރުކުރާ ދެ ބޯޓު ގެންގުޅެ އެވެ. އަދި ލޯންޗު ފަހަރު ވެސް ހުރެ އެވެ. މި ރަށުގެ މަސްވެރިން ބާނާ މަހާއި އެހެން ބައެއް ރަށްރަށުގެ މަސްވެރިން މި ރަށަށް ވިއްކާ މަސް ކައްކައި ހިއްކައި ހަދަ އެވެ. ރަށުގެ މަސްކަނޑާ ސަރަހައްދާއި މަސް ކައްކައި ހިއްކާ ގެތަކުން، އެ މަސައްކަތުގެ ފުޅާމިން ފެނިގެންދެ އެވެ. މި ރަށުގައި ދިލަޖައްސައި ވަޅޯކޮށްފައި ހުންނަ މަހާއި، ހިކި މަހާއި ރިހާކުރު އެހާމެ މީރެވެ. ފެންވަރު ރަނގަޅެވެ.

މި ރަށުގައި 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ލިބޭއިރު ނަރުދަމާ އާއި ފެނުގެ ހިދުމަތް ފެނަކަ ކޯޕަރޭޝަނުން އަންނަނީ ދެމުންނެވެ. އާންމު އެހެން ހިދުމަތްތައް ވެސް ހުރީ އިންތިޒާމެއްގަ އެވެ. ގޭގެއިން ކުނި ނަގައިގެން ރައްކާތެރި ގޮތުގައި ނައްތާލުމުގެ މަސައްކަތް ކުރަނީ ކައުންސިލްގެ އިދާރާއިންނެވެ.

"އިހުގެ ތުޅާދޫ" ސަރަހައްދުގައި ހުރި ބަދިގެއެއް. -- ފޮޓޯ: އަދަދު


ޒިޔާރަތްކުރާ ކޮންމެ މީހަކު ވެސް ބަލާލަން ޖެހޭނެ ބައެއް ތަންތަން މި ރަށުގައި އެބަ ހުއްޓެވެ. ރަށު މީހެއްގެ ގާތުގައި ކުރީގެ ތުޅާދޫ ދައްކާލަދޭށޭ ބުނާށެވެ. ހަނި މަގުތަކާއި ގޯޅިތަކުުގެ ތެރެއިން ގޮސް ވަދެވޭނީ މުޅިން ތަފާތު ތުޅާދޫ އަކަށެވެ. އެއީ ރަށުގައި އެންމެ ކުރީ ޒަމާނުގައި މީހުން އާބާދުވެ އުޅުނު ސަރަހައްދެވެ. އެ ސަރަހައްދުގެ ބައެއް ގެތައް ޒަމާނީ ގޮތަށް ތަރައްގީ ކުރި ނަމަވެސް، ބައެއް އިމާރާތްތައް އިހު ހުރި ގޮތަށް އެބަ ހުއްޓެވެ. ބޭނުންކުރި ބައެއް އާލާތަތްތައް ވެސް އެ ގޮތަށް އެބަ ހުއްޓެވެ. ރަށަށް ޓޫރިޒަމް ތައާރަފުވެގެން އަންނައިރު މި ސަރަހައްދަކީ ޓޫރިސްޓުންގެ ޝައުގުވެރިކަން ލިބޭނެ ތަނެކެވެ.

ދެން އޮތީ ކަދުރު ރުއްގަނޑެވެ. ރަށެއްގައި އެންމެ ބޯކޮށް ކަދުރު ރުއް ހެދިފައިވަނީ މިރަށުގަ އެވެ. އެއީ ބަޔަކު ރުއް އިންދައިގެން ހެއްދި ތަނެއް ނޫނެވެ. އުކާލާފައިވާ އޮށްތަކުން ފަޅައިގެން ހެދި ބޮޑުވެ ރުއްގަނޑަކަށް ވީއެވެ.

މުޅި ބާ އަކީ ވެސް ރީތި ފަޅެއް އޮތް މުރަކައިގެ ބަގީޗާތައް ހުރި އަތޮޅެކެވެ. ތުޅާދޫ އަށް ޒިޔާރަތްކޮށް ރަށުގެ ފަޅުތެރެއާއި ފަޅު ބޭރަށް ފީނާލާއިރު އަޖައިބުވާ މަންޒަރުތައް ފެންނާނެ އެވެ. ކުރިއަށް މިއޮތް އީދުގައި ތުޅާދޫ އަކީ ވެސް ޒިޔާރަތްކޮށްލަން ފުރިހަމަ ރަށެކެވެ. ދަތުރުފަތުރު ފަސޭހަ ރަށެކެވެ. ހިތްހެޔޮ، މަސައްކަތްތެރި، ހުނަރުވެރި، ފަންނުވެރިން ގިނަ ރަށެކެވެ.

މުހިންމު މައުލޫމާތު


ރަށުގެ ނަން: ތުޅާދޫ އަތޮޅު: މާޅޮސްމަޑުލު ދެކުނު ބުރި (ބ. އަތޮޅު) އިނގިރޭސި އަކުރާއި ނަންބަރު: އެފް-12 އާބާދީ: 3058، ފިރިހެނުން: 1588، އަންހެނުން: 1470 ރަށުގައި ދިރިއުޅޭ އާބާދީ: 1836 ރަށުގައި އުޅޭ ބިދޭސީ: 107 ފިހާރަ: 20 ކެފޭ، ރެސްޓޯރެންޓް: 4 ތެލާއި ގޭސް ވިއްކާ: 4 ތަން ބުކްޝޮޕް:2 ގެސްޓް ހައުސް:1 ތައުލީމު ދޭ ފެންވަރު: ގްރޭޑް 10 އަށް ކަރަންޓް: 24 ގަޑިއިރު ލިބޭ ފެނާއި ނަރުދަމާ ގާއިމުކުރެވިފައި ކުރިއަށްދާ މަޝްރޫއުތައް: 1. 100 ހައުސިން ޔުނިޓް އިމާރާތްކުރުން 2. ސްކޫލް މަލްޓި ޕާޕަސް ހޯލް ހެދުން 3. ފުޓުބޯޅަ ދަނޑު ތަރައްގީކުރުން * މައުލޫމާތު: https://isles.gov.mv ކައުންސިލްގެ ފޯން ނަންބަރު: 6600006 އީމެއިލް:[email protected]