1 ޖުލައި 2022 - 20:39 0
ހަސަން މުހައްމަދު
މަޑަވެއްޔަށް އުދަ އަރައި ގެއްލުންވެފައި: އެ ރަށުގެ 90 ޕަސެންޓު ގެތަކަށް ލޮނު ވަން -- ފޮޓޯ: ފިޔާޒް/މަޑަވެލި ކައުންސިލް
1 ޖުލައި 2022 - 20:39 0
ދިވެހިރާއްޖޭގެ މެދު އަދި ދެކުނުގެ ހަތް އަތޮޅެއްގެ 18 ރަށަށް ވަރަށް ބޮޑަށް އުދަ އަރައި 200 އަށް ވުރެ ގިނަ ގޭބީސީތަކަށް ލޮނު ވަދެ ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ބުނީ އުދަ އެރީ އދ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅު އަދި އައްޑުއަށް ކަމަށެވެ. އެ އަތޮޅުތަކުގެ 18 ރަށަކަށް އުދަ އަރައި 200 އަށް ވުރެ ގިނަ ގޭބީސީތަކަށް ލޮނު ވަދެފައިވެ އެވެ.
އުދަ އެރުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ ގދ. މަޑަވެއްޔަށެވެ. އެ ރަށުގެ 90 ޕަސެންޓު ގެތަކަށް ލޮނު ވަދެފައިވާ ކަމަށް މި ނޫހާ ވާހަކަ ދައްކަމުން އެ ރަށު ކައުންސިލުން ބުނެފައިވެ އެވެ.
"އަޅުގަނޑުމެން މި ތިބީ ހާލުގައި ޖެހިފަ. ހިފައިގެންގުޅޭ ހުރިހާ ސާމާނުތަކެއް ވެސް ހަލާކުވެއްޖެ. ރަށުގެ ރައްޔިތުން މި ތިބީ މަގުމަތީ. މިހާރު މި ދަނީ އިންޖީނުގެ ސަލާމަތް ކުރެވޭތޯ،" މިއަދު ހަވީރު ވާހަކަ ދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް ފިޔާޒް ހަސަން ވިދާޅުވި އެވެ.
ދެން އެންމެ ބޮޑު ގެއްލުމެއް ލިބުނު ކަމަށް ބެލެވެނީ އައްޑުއަށެވެ. އެ އަތޮޅުގެ މަރަދޫގެ 50 ގެއަކަށް އަދި އަދި މަރަދޫފޭދޫގެ 30 ގެއަކަށް ވަނީ ލޮނު ވަދެފަ އެވެ.
"އަދިވެސް އަރަމުންދަނީ، މަރަދޫ، ހިތަދޫ. އަޅުގަނޑު ހުއްޓާ ހަންކެޑޭ ބޭރުން ބްރިޖުން އަޅަން ހިއްކާފައި އޮތް ސަރަހައްދެއް ގިރައިގެންދިޔަ،" އައްޑުއަށް އުދަ އެރި މަންޒަރު ދުށް މީހަކު މިއަދު ކިޔައިދިނެވެ.
އޭގެ އިތުރުން، ގދ. އަތޮޅުން ރަތަފަންދޫއަށް ވެސް ވަރަށް ބޮޑަށް އުދައިގެ އަސަރު ކުރި އެވެ.
"މި ވަރަށް އުދަ އަރަން ފެށީ މެންދުރު 2:00 ގައި. ގާތްގަނޑަކަށް 90 ގެއަށް ވަރަށް ބޮޑަށް ގެއްލުން ލޮނު އެރި. އަދި 40 ގެއަކަށް ވަރަށް ބޮޑަށް ގެއްލުންވި. އަދި ވެސް އުދަ އަރަމުންދަނީ،" ރަތަފަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ނިޒާމް އިބްރާހިމް ވިދާޅުވި އެވެ.
Comment