Advertisement

ސިޓީ އަށް ކާމިޔާބު ހޯދައިދޭން ހުޒަންޓެގެ އޮތީ "ހާއްސަ" އަމާޒެއް

2 ޖުލައި 2022 - 08:38 0

އެސޯސިއޭޝަން ކަޕްގެ ފައިނަލް މެޗުގެ ތެރެއިން ހުޒަންޓެ އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ސިޓީ އަށް ކާމިޔާބު ހޯދައިދޭން ހުޒަންޓެގެ އޮތީ "ހާއްސަ" އަމާޒެއް

2 ޖުލައި 2022 - 08:38 0

ރާއްޖޭގެ މަތީ ފަންތީގެ ވޮލީގެ ތެރެއަށް އޭނާ ނެރެދިން މެނޭޖުމަންޓުން ހިންގަމުން އަންނަ ސްޕޯޓްސް ކުލަބް ސިޓީ އަށް ކެޕްޓަނެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދައިދޭން ބޭނުންވާ ކަމަށް، ގައުމީ ވޮލީބޯޅަ ޓީމުގެ ވައިސް ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ) ބުނެފި އެވެ.

ވޮލީން ގިނަ ކަންތައްތަކެއް ހާސިލްކުރަން 2009 ވަނަ އަހަރު ސްޕޯޓްސް ކުލަބު ސިޓީ އުފެއްދިއިރު، ހާއްސަ އަމާޒަކަށްވެފައި އޮތީ، ޒުވާން ކުޅުންތެރިން ނެރެދޭ ޓީމަކަށް ނުވަތަ ޕްލެޓްފޯމަކަށް އެ ޓީމު ހެދުމަށެވެ. ސިޓީ އުފެދުނުތާ ދެ އަހަރެއްގެ ތެރޭގައި، އިންޓަ ސްކޫލްގެ ވ. އަތޮޅު ޓީމުތައް ކުޅުނުއިރު، ފާހަގަވި ހުޒަންޓެ އަށް ފުރުސަތު ތަނަވަސްކޮށްދިން ޓީމަކީ ހުޒަންޓެ އެވެ. އޭގެ ފަހުން އޭނާ އަކީ ގަވާއިދުން ގައުމީ ޓީމުގައި ހިމެނެމުން އައި ކުޅުންތެރިއެކެވެ. ރާއްޖޭގެ އެންމެ ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދިއިރު، ލޯކަލް މުބާރާތްތަކުގައި ވެސް ހުޒަންޓެ ކާމިޔާބެވެ.

މި އަހަރަކީ ސިޓީގެ ތާރީހުގައި ވޮލީގައި އެ ޓީމު އެންމެ ކާމިޔާބު އަހަރެވެ. ސިޓީ ޓީމަށް ފުރަތަމަ ޑިވިޝަނުގައި ލިބުނު ފުރަތަމަ ތަށި ލިބުނީ ހުޒާންޓެގެ ކެޕްޓަން ކަމުގެ ދަށުން މި އަހަރެވެ. މިއަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލުގައި ވެމްކޯ ބަލިކޮށް ސިޓީ އިން ތަށި ހޯދިއިރު، ބާކީ އެއް މެޗު އޮއްވާ ގައުމީ ލީގު ވެސް އެޓީމުން ވަނީ ޔަގީންކޮށްފަ އެވެ. ސީޒަން ކާމިޔާބުކުރަން ގައުމީ މުބާރާތަށް ސިޓީ ޓީމު ވަރުގަދަކުރާނެކަން އެނގިފައިވެ އެވެ.

ސިޓި އިން ހޯދަމުން އަންނަ ކާމިޔާބީތަކާ ގުޅޭ ގޮތުން ހުޒަންޓެ ބުނީ މި ކުލަބު ހިންގުމުގައި އުޅޭ ފަރާތްތަކަކީ ވޮލީގެ ތެރެއަށް އޭނާ ނުކުތުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި މީހުން ކަމަށެވެ. އެހެންކަމުން، މި ކުލަބުން ހޯދާ މުހިންމު ބޮޑެތި ކާމިޔާބީތަކުގައި ކެޕްޓަނެއްގެ ހައިސިއްޔަތުން ބައިވެރިވެވޭތީ ހުޒަންޓެ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ.

"މި ޓީމަކީ އަސްލު، އަހަރުމެން ވޮލީގެ ތެރެއަށް ގެނައި މެނޭޖުމަންޓުގެ ކުލަބެއް. އެހެންވީމަ ކެޕްޓަނެއްގައި ހުރެ މި ކާމިޔާބީތައް މި ޓީމަށް ހޯދައިދެވޭތީ ވަރަށް ބޮޑަށް ހިތްހަމަޖެހޭ. ވަރަށް ބޮޑަށް ބޭނުންވޭ އެންމެންވެގެން ގިނަ ކާމިޔާބީތަކެއް މި ޓީމަށް ހޯދައިދޭން،" ހުޒަންޓެ ބުންޏެވެ.

އޭނާ ބުނީ ސިޓީ އިން މި ސީޒަންގައި ހޯދަމުން އަންނަ ކާމިޔާބީތަކުގެ އެންމެ ބޮޑު އަސްލަކީ ޓީމެއްގެ ގޮތުގައި ހުރިހާ އެންމެ ކުރަމުން އަންނަ ބުރަ މަސައްކަތް ކަމަށެވެ. އެ ބގޮތުން މި ސީޒަންގައި އެ ޓީމަށް ކުޅޭ ބިދޭސީ ތިން ކުޅުންތެރިންގެ ފަރާތުން ޓީމަށް ލިބެމުން އަންނަ އެއްބާރުލުން އޭނާ ފާހަގަކުރި އެވެ.

"އަސްލު ބޭރުން އައިސް ޓީމާ ގުޅިފައި ތިބި ކުޅުންތެރިންނަކީ ވަރަށް ޑިސިޕްލިން ކުޅުންތެރިންނޭ ބުނެވޭނީ. ޓީމު ވޯކް ވަރަށް ރަނގަޅު. ޓީމެއްގެ ގޮތުގައި ކުޅެން އުޅޭ ތިން ކުޅުންތެރިން މިތިބީ. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް." އިންޑިއާގެ ތިން ކުޅުންތެރިންކަމަށްވާ ވިނީތު ކުމާރު، ހަރްދީޕް ސިންގް އަދި ވިނަޔާކު ރޯކަޅޭ އަށް ތައުރީފު ކުރަމުން ހުޒަންޓެ ބުންޏެވެ.

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ސެޓަރު، އިޝާން މުހައްމަދު (ބަޓިސް) އެ ޓީމުގައި ހުރުމުން އެކަން ވެސް ހުޒަންޓެ ވަނީ ފާހަގަކޮށްފަ އެވެ. އެ ގޮތުން ހުރިހާ މެޗެއްގައި ނުކުޅުނު ކަމުގައިވިޔަސް ބެންޗުގައި އިނދެ ޓީމުގެ އެންމެންނަށް ބަޓިސް ދެމުން އަންނަ ހިތްވަރު ހުޒަންޓެ ފާހަގަކުރި އެވެ.

"ކުރިން ގައުމީ ޓީމަށް ކުޅުނު ސެޓަރު، ބަޓިސް ހުރީމަވެސް އެބައާދޭ ތަފާތު. އޭނާގެ ފަރާތުން ވެސް ކުޅުންތެރިންނަށް ވަރަށް ބޮޑަށް އެހީތެރިކަން ލިބޭ. އޭނާގެ ތަޖުރިބާ ހިއްސާކޮށް ޕްރެޝަރު ވަގުތު ކުޅޭނެ ގޮތާ އެއްޗެހި ކިޔައިދޭ. އެހެންވެ ވަރަށް ފަސޭހަވޭ މެޗު ކުޅޭ ގަޑީގައި" ހުޒަންޓެ ބުންޏެވެ.

ހުޒަންޓެ ބުނީ ގައުމީ ލީގު ޔަގީންވެފައި އޮތް ކަމުގައިވިޔަސް ސިޓީގެ އަމާޒަކީ ފޯމު ދަމަހައްޓައި ލީގުގެ ފަހު މެޗުން ވެސް މޮޅުވުން ކަމަށެވެ. އަދި ކުރިއަށް އޮތް ގައުމީ މުބާރާތް ކާމިޔާބުކޮށް އެއް ސީޒަނެއްގައި ތިން މުބާރާތް ކާމިޔާބުކޮށްގެން ދިވެހި ސިފައިންގެ ކުލަބުން ހަދާފައިވާ ރެކޯޑާއި އަރާ ހަމަކުރުމަކީ މިހާރުގެ އަމާޒުކަމަށް ވެސް ހުޒަންޓެ ވަނީ ބުނެފަ އެވެ.

ސިޓީއާ ލީގުގެ ޝީލްޑް ހަވާލުކުރާނީ މިރޭ ކްލަބް ވެމްކޯއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ދިވެހި ސިފައިންގެ ކްލަބް ކުޅޭނީ ޕޮލިސް ކްލަބާ އެވެ.