30 ޖޫން 2022 - 19:54 0
ސިފައިންގެ ޓީމުގެ ލޯންގޭ ފޮނުވާލާ ބޯޅަ ބްލޮކްކުރަން ގުޑީސްގެ މިމްރާހު މަސައްކަތްކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
30 ޖޫން 2022 - 19:54 0
ގައުމީ ވޮލީބޯޅަ ލީގުގައި މިއަދު ހަވީރު ކުުޅުނު މެޗުން ގުޑީސް ސްޕޯޓްސް ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ދިވެހި ސިފައިންގެ ކްލަބުން ލީގުގެ ގަދަ ހަތަރެއް ކަށަވަރުކޮށްފި އެވެ.
ހަ ޓީމުގެ މެދުގައި ކުޅެވޭ ގައުމީ ލީގުގެ ގަދަ ހަތަރަކަށް ކުރިއަށް އޮތް ގައުމީ މުބާރާތުން ފުރުސަތު ލިބޭނެ އެވެ. މިހާރު އޮތްގޮތުން ގައުމީ މުބާރާުތުގެ ދެ ޖާގަ ވަނީ މިހާރު ޔަގީންވެފަ އެވެ. އެއީ ލީގުގައި ބާކީ މެޗެއް އޮއްވައި، ޗެމްޕިއަންކަން ހޯދި ސްޕޯޓްސް ކްލަބް ސިޓީ އާއި ސިފައިންނެވެ.
ލީގު ބުރުގެ އެއް ވަނައިގައި އޮތް ސިޓީ އަށް ވަނީ ހަތަރު މެޗުން 12 ޕޮއިންޓް ލިބިފަ އެވެ. ސިފައިންނަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ކްލަބް ވެމްކޯ އަށް ވަނީ ތިން މެޗުން ފަސް ޕޮއިންޓް ލިބިފަ އެވެ.
ހަތަރު ވަަނައިގައި އޮތް ޕޮލިހަށް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. ދެން އޮތް، އޮއްފު އެފްސީ އާއި ގުޑީސް އިން ތިން މެޗު ކުޅުނުއިރު، އަދި މޮޅެއް ނުލިބެ އެވެ. މި ދެ ޓީމަށް ވެސް ވަނީ ގަދަ ހަތަރެއްގައި ނިންމުމުގެ އަމިއްލަ ބާރު ގެއްލިފަ އެވެ.
ސިފައިންގެ އެޑަމް (ވ) ފޮނުވާލާ ބޯޅައެއް ބްލޮކްކުރަން ގުޑީސްގެ ދެ ކުޅުންތެރިން މަސައްކަތްކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ސެޓުތައް ސިފައިންގެ ޓީމުން ގެންދިޔައީ، 29-27، 25-17 އަދި 25-20 އިންނެވެ.
މިއަދުގެ މެޗުގައި ގުޑީސް އިން ވަނީ ފުރަތަމަ ސެޓުގައި ސިފައިންނަށް ރަނގަޅު ފައިޓެއް ދީފަ އެވެ. ގުޑީސް އިން ސެޓު ފަށައިގެން، އެ ޓީމުގެ ސެޓަރު، ހުސެއިން ވިޝާމް (ބުޅިކެ)ގެ ރަނގަޅު ބޯޅަތަކާ އެކު ހަސަން ނިލާމް (ޕާޓޭ)ގެ ޝޮޓްތައް ފެނިގެންދިޔައިރު، 06-12 އިން ވެސް ލީޑުގައި އޮތެވެ.
އެކަމަކު، އާދަމް ނަސީމް (އެޑަމް)ގެ ރަނގަޅު ބޯޅަތަކާއި ޑިފެންސްގައި ތަފާތު ދައްކައި، ސިފައިން ވަނީ 13-13 އިން އެއްވަރުކޮށްފަ އެވެ. ސެޓުގެ މެދަކާ ހަމައިން ސިފައިން ލީޑުނެގީ 15-14 އިންނެވެ.
ސިފައިންގެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ، އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ވެސް މޮޅު ކުޅުމެއް ދެއްކި މި މެޗުގައި އެ ޓީމުން ފުރަތަމަ ސެޓުގައި 24-20 އިން ލީޑުގައި އޮތް ނަމަވެސް ގުޑީސް އިން ވަނީ 24-24 އިން އެއްވަރުކޮށްފަ އެވެ. އޭގެ ފަހުން ވަރަށް ވާންކޮށް ދިއުމަށް ފަހު، ސިފައިން 29-27 އިން ސެޓު ގެންދިޔައީ، އިންޑިއާގެ ކުޅުންތެރިޔާ، މަނޫ ޖޯސެފްގެ ދެ އެޓޭކުންނެވެ.
ފުރަތަމަ ސެޓުގައި ގުޑީސްގެ ފަރާތުން އެ ފެނުނު ހިތްވަރު ދެން ކުޅުނު ދެ ސެޓުގައި ނުފެނުނެވެ. އޭގެ ބަދަލުގައި ސިފައިން ފެނުނީ ރަނގަޅު ރޫހެއްގައި ކުޅެލިތަނެވެ. ސިފައިންގެ ސެޓަރު، ހުސެއިން ޝާހިދު (ޝާޑު) ހިއްލައިދިން ބޯޅަތަކުގައި މި މެޗުގައި ތަފާތަކަށްވީ ލޯންގޭ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ލޯންގޭ ވަނީ އެ ޓީމަށް މި މެޗުގައި ގިނަ ޕޮއިންޓްތަކެއް ހޯދައިދީފަ އެވެ.
ސިފައިން ވަނީ މި މެޗުގައި އެ ޓީމުގައި ހިމެނޭ ފުރުސަތު ނުލިބި ތިބި ކުޅުންތެރިންނަށް ކުޅެން ޖާގަ ދީފަ އެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި އޮއްފު ނުކުންނާނީ ޕޮލިހާ ދެކޮޅަށެވެ. މެޗު ފަށާނީ 20:30 ގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment