30 ޖޫން 2022 - 15:10 0
އަމަން ހަލީމް
ހއ. އަލިދުއްފަރުފިނޮޅު: މި ރަށަށް ބިޑު ހުށަހެޅި ފަރާތުން އެކުއިޒިޝަން ކޮސްޓު ނުދެއްކުމުން ބިޑު ވަނީ ބާތިލުކޮށްފައި. -- ފޮޓޯ: ގޫގްލް އާތް
30 ޖޫން 2022 - 15:10 0
މިދިޔަ އަހަރު ފެށި ޑުބާއީ އެކްސްޕޯގެ ތެރެއިން ރިސޯޓު ތަރައްގީކުރަން ކުއްޔަށް ދޭން ބީލަން ހުޅުވާލި 18 ރަށުގެ ތެރެއިން ވިކުނު ހަތަރު ރަށުން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 154.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.
ޑުބާއި އެކްސްޕޯގައި ބީލަން ހުޅުވާލި ރަށްތަކުގެ ތެރެއިން ނުވަ ރަށަކަށް 18 ބީލަމެއް ލިބުނެވެ. ބީލަންތައް އިވެލުއޭޓުކުރުމަށް ފަހު އެވޯޑުކުރަން ނިންމީ ހަތް ރަށެކެވެ.
ނަމަވެސް އެތަނުން ތިން ރަށަކަށް ބިޑު ހުށަހެޅި ފަރާތުގެ "ޕްރޫފް އޮފް ފަންޑްސް"އަކީ އެންމެ ރަށަކަށްވާ ވަރުގެ އަދަދެއް ކަމުން ތިން ރަށުގެ ތެރެއިން ބޭނުން ރަށެއް އިހުތިޔާރުކުރަން ފުރުސަތު ދިނީ އެވެ. މިހެންވެ އޮފާ ލެޓާ ދިނީ ފަސް ރަށަކަށެވެ.
އޮފާ ލެޓާ ދިން ރަށްތަކުގެ ތެރެއިން ޓޫރިޒަމް މިނިސްޓްރީން ދިން 60 ދުވަހުގެ މުއްދަތުގެ ތެރޭގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ނުކުރުމުން ހއ. އަލިދުއްފަރުފިނޮޅުގެ ބީލަން ކާމިޔާބުކުރި ފަރާތުގެ ބިޑް ސެކިޔުރިޓީ "ފޯފިޓް" ކުރުމުގެ ކަންކަން ފަށާފައިވާ ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
މި ރަށްތައް ކުއްޔަށް ދީގެން ލިބުނު އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު އާމްދަނީގެ އިތުރުން ޓޫރިޒަމް ޓްރޭނިން ފަންޑަށް 9.5 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ފ. އެނބުލުފުށީ: މިއީ ބިލެތްދޫ ކައިރިން ބޮޑު ފަޅެއްގައި އޮންނަ ކުޑަކުޑަ ރަށެއް. -- ފޮޓޯ: ގޫގްލް އާތް
ފ. ޖިންނަތުގައު: މި ރަށް އޮންނަނީ މިހާރު ފ. އަތޮޅުގައި ހިންގާ ހަމައެކަނި ރިސޯޓު ފިލިތެޔޮ ކައިރީގަ. -- ފޮޓޯ: ގޫގްލް އާތް
ގދ. ކަނޑަހަލަގަލާ: ކުއްޔަށް ދިން ރަށްތަކުގެ ތެރެއިން އެންމެ ބިން ބޮޑު ރަށަކީ މިއީ. -- ފޮޓޯ: ގޫގްލް އާތް
މ. ސީދިހުރާ އާއި ސީދިހުރާ ވެލިގަނޑު: މި ރަށް އޮންނަނީ ހަކުރާހުރާ ކައިރީގައި. -- ފޮޓޯ: ގޫގްލް އާތް
މިފަހަރު ކުއްޔަށް ދޫކުރި ރަށްތަކުގެ ތެރޭގައި ގިނައީ ނިސްބަތުން ރިސޯޓުތައް މަދު އަތޮޅުތަކެވެ. އެ އަތޮޅުތަކުން ގިނަ ރަށްތަކެއް ކުއްޔަށް ދޫކޮށްފައި ހުރި ނަމަވެސް، ގިނައީ އަހަރުތަކެއް ވަންދެން މަސައްކަތް ހުއްޓިފައި ނޫނީ އެއްވެސް ވަރަކަށް މަސައްކަތް ކުރިޔަށް ނުދާ ރަށްތަކެވެ.
ރަށްތައް ކުއްޔަށް ނެގި ފަރާތްތަކުގެ ތެރޭގައި ވެސް ގިނައީ މި ދާއިރާއަށް އާ ވިޔަފާރިތަކެވެ. އެކަމަކު ގިނަ ފަހަރު މިހެން ލީސް ނަގާ ފަރާތުން ރަށްތައް އަމިއްލައަށް ތަރައްގީކުރުމުގެ ބަދަލުގައި އެހެން ބަޔަކަށް ލީސް އެއްކޮށް ވިއްކާލަނީ އެވެ.
Comment