29 ޖޫން 2022 - 14:23 0
ނިމާ ހަސަން
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު: އޭނާ އެކައުންޓުގައި ނެތް ފައިސާ ޗެކަކަށް ދޫކުރި މައްސަލާގައި އިއްވި ހުކުމުގައި ވަނީ އޯވާޑްރާފްޓް ކުރުމަކީ ދޫކުރާ ލޯނެއް ކަމަށް ކަނޑައާޅާފައި
29 ޖޫން 2022 - 14:23 0
އޯވަޑްރާފްޓުގެ ގޮތުގައި ބޭންކުން ދޫކުރާ ފައިސާއަކީ އެކައުންޓުގެ ވެރިފަރާތަށް ބޭންކުން ދޫކުރާ ލޯނެއް ކަމަށާއި އަދި, އެ ފައިސާ އަނބުރާ ދެއްކުމަކީ އެކައުންޓުގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.
ހައިކޯޓުން މިހެން ކަނޑައެޅީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ލިޔުނު ޗެކަކަށް އޭނާގެ އެކައުންޓުގައި ނެތް ފައިސާތަކެއް ދޫކުރި މައްސަލައެއްގައި އިއްވި ހުކުމުގަ އެވެ. އެ ހުކުމުގައި ހައި ކޯޓުން ބުނީ، އަލީ ޒާހިރުގެ ކަރަންޓު އެކައުންޓުން އޯވާޑްރޯކުރި ފައިސާއަކީ ބޭންކުން އޭނާއަށް ދިން "ފްރީ ގިފްޓެއް" ކަމުގައި ބެލެވެން ނެތް ކަމަށެވެ.
މޮރިޝަސް ކޮމާޝަލް ބޭންކުގައި އަލީ ޒާހިރު ހުޅުވާފައިވާ އެކައުންޓުން 2.3 މިލިއަން ޑޮލަރު ނެގޭ ގޮތަށް އަބްދުﷲ ނަސީރު މުހައްމަދު ކިޔާ މީހަކަށް އޭނާ ޗެކެއް ލިޔުނެވެ. އޭނާ އެ ޗެކު ލިޔުނީ، ނަސީރު އޭނާގެ އެކައުންޓަށް 4.1 މިލިއަން ރުފިޔާގެ ޗެކެެއް ޑިޕޮސިޓް ކުރިކަމުގެ ލިޔުން ބޭންކުން އޭނާއަށް ހަވާލުކުރުމުންނެވެ. ނަމަވެސް, ނަސީރުގެ ޗެކުގެ ފައިސާ އަލީ ޒާހިރުގެ އެކައުންޓަށް ޖަމާވެފައި ނުވުމުން، އޭނާގެ އެކައުންޓުން 2.3 މިލިއަން ރުފިޔާ ނަގާފައި ވަނީ އޯވާޑްރާފްޓުގެ ގޮތުގަ އެވެ.
އެ ފައިސާ އަނބުރާ ބޭންކަށް ދައްކަން ޖެހުނުއިރު، ނަސީރު ވަނީ އެ ފައިސާ ބޭނުންކޮށްފަ އެވެ. އެހެންކަމުން، ނަސީރުއާ އަލީ ޒާހިރުއާ ދެމެދު އެއްބެސްވެފައިވާ ގޮތުގެ މަތިން އަލީ ޒާހިރު ވަނީ އެ ފައިސާ ލޯނެއްގެ ގޮތުގައި ދެއްކޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދި ބޭންކަށް ސިޓީއެއް ފޮނުވާފަ އެވެ. ނަމަވެސް, 2018 ވަނަ އަހަރު ބޭންކުން ވަނީ 10 ދުވަސް ތެރޭ އެ ފައިސާ ދެއްކުމަށް އަންގާ އަލީ ޒާހިރަށް ޑިމާންޑް ލެޓާއެއް ފޮނުވާފަ އެވެ. މައްސަލަ ކޯޓާ ހަމައަށް ދިޔައީ އެ ހިސާބުންނެވެ.
އަލީ ޒާހިރުގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ، ކޮމާޝަލް ބޭންކުގެ ސިޓީއަކީ ބާތިލު ސިޓީއެއް ކަމަށް ކަނޑައަޅައި، ބޭންކުން ދީފައިވާ ނޯޓިހުގެ ދަށުން އޭނާ އެއްވެސް ޒިންމާއެއް އުފުލަން ނުޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ، މޮރިޝަސް ބޭންކުގެ ސިޓީ ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއިދުކޮށްފަ އެވެ. ހައިކޯޓުން އެގޮތަށް ނިންމީ، މައްސަލަ ބެއްލެވި ބެންޗުގެ އަގުލަބިއްޔަތުން ކަމަށްވާތީ، މި މައްސަލާގައި ފަނޑިޔާރުންގެ ރައުޔު ތަފާތެވެ.
މި މައްސަލާގައި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހަސަން ޝަފީއު ރައުޔު އިއްވެވީ އަލީ ޒާހިރާ ދެކޮޅަށެވެ. ފަނޑިޔާރު ޝަފީއުގެ ރައުޔުގައިވާ ގޮތުން އަލީ ޒާހިރުގެ އެކައުންޓުގައި ނެތް ފައިސާ ދޫކުރުމަށް ބޭންކުގެ މައްޗަށް އަމުރުކޮށް އޭނާ ދޫކުރި ޗެކަށް ފައިސާ ދޫކުރެވޭނެ އެވެ. އެއީ އޯވާޑްރާފްޓެއް ކަމުން އެ ފައިސާއަށް އަލީ ޒާހިރު ޒިންމާވާން ޖެހޭނެ ކަމަށެވެ. ފަނޑިޔާރު ޝުއައިބުގެ ރައުޔުގައި ވަނީ ސިވިލް ކޯޓުގެ ހުކުމާއި، ބޭންކުން ފޮނުވި ނޯޓިސް ބާތިލުކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށާއި، ނޯޓިސްގެ ދަށުން އަލީ ޒާހިރުގެ އެއްވެސް ޒިންމާއެއް އުފުލަން ނުޖެހޭނެ ކަމަށް ކަނޑައަޅާނެ ސަބަބެއް ނެތް ކަމަށެވެ.
ރައުޔު ތަފާތުވި ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވީ ޗެކެއް މެދުވެރިކޮށް އަލީ ޒާހިރުގެ އެކައުންޓުން ފައިސާ ދޫކުރުމަށް ބޭންކުގެ މައްޗަށް އަމުރުކުރި ނަމަވެސް, އެކައުންޓުގައި ފައިސާ ނެތް ހާލަތުގައި އެއީ ބޭންކުގެ މައްޗަށް ލާޒިމު ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެކައުންޓުގައި ނެތް ފައިސާ ދޫކުރުމަކީ އެއީ ބޭންކުގެ ބެސްޓް ޕްރެކްޓިސްއާ ހިލާފު ކަމެއް ކަމަށެވެ.
ފަނޑިޔާރު ފައިސަލް ވިދާޅުވީ އެ ފައިސާ އަނބުރާ ދެއްކުމުގައި އަލީ ޒާހިރު ޒިންމާވާން ނުޖެހޭނެ ކަމަށާއި، ސަބަބަކީ އޭނާ އެ ޗެކު ލިޔުނީ، އޭނާގެ އެކައުންޓަށް 4.1 މިލިއަން ރުފިޔާ ޖަމާވެއްޖެ ކަމަށް ބުނެ ބެންކުން އޭނާއަށް ހަވާލުކުރި ލިޔުމެއްގެ މައްޗަށް ބަރޯސާވެގެން ކަމަށްވާތީ އޭނާ ޗެކު ލިޔުނީ ހެޔޮ ނިޔަތުގައި ކަމަށް ވާތީ އެވެ.
ހަމައެއާއެކު، އެ ފައިސާއިން ނުހައްގު މަންފާއެއް ލިބިފައި ވަނީ އަލީ ޒާހިރަށް ނޫން ކަމަށްވާތީ އެ ފައިސާ އަނބުރާ ހޯދުމަށް އޭނާގެ މައްޗަށް ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމަށެވެ. އެހެންކަމުން، އެ ފައިސާ އަނބުރާ ދެއްކުމަށް އަންގާ ބޭންކުން އަލީ ޒާހިރަށް ފޮނުވި ނޯޓިސް ބާތިލުކުރަން ޖެހޭ ކަމަށް ވެސް ފަނޑިޔާރު ފައިސަލްގެ ރައުޔުގައި ވެއެވެ.
Comment