Advertisement

ގައުމީ ވޮލީބޯޅަ ލީގު: ވަރުގަދަ ދެ މެޗަށް ނުކުންނައިރު ސިޓީ ކޮންފިޑެންސާ އެކު

29 ޖޫން 2022 - 09:41 0

ސިޓީގެ ކޯޗު ނަލަ ހުސެއިން ޝަރީފް: އޭނަ ދެކޭގޮތުގައި ލީގު އެއް ވަނަ ހޯދޭ ވަރުގެ ރޫހެއް ޓީމުގައި އެބައޮތް.-- ފޮޓޯ: އިމޭޖަސް.އެމްވީ


ގައުމީ ވޮލީބޯޅަ ލީގު: ވަރުގަދަ ދެ މެޗަށް ނުކުންނައިރު ސިޓީ ކޮންފިޑެންސާ އެކު

29 ޖޫން 2022 - 09:41 0

ގައުމީ ވޮލިބޯޅަ ލީގުގެ ފުރަތަމަ ތިން މެޗުން މޮޅުވުމަކީ ހިތްހަމަޖެހުމެއް ކަމަށާއި ދެން މުބާރާތް ކާމިޔާބުކުރަން ކުޅެން ޖެހެނީ ވަރުގަދަ ދެ މެޗު ކަމަށް ސިޓީގެ ކޯޗު ނަލަ ހުސެއިން ޝަރީފް ބުނެފި އެވެ.

ސިޓީ ވަނީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. އެއީ ގުޑީސް ސްޕޯޓްސް ކްލަބާއި ޕޮލިސް ކްލަބް އަދި އޮއްފު އެފްސީ އަތުންނެވެ. ސިޓީ މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ.

އެ ޓީމުން ލީގު ޗެމްޕިއަންކަން ހޯދަން ކުޅެން ޖެހޭނީ، މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށާއި ހޮނިހިރު ދުވަހުގެރޭ ކްލަބް ވެމްކޯއާ ދެކޮޅަށެވެ. ސިޓީ މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގައި މިހާތަނަށް ކުޅުނު ނުވަ މެޗުގެ ތެރެއިން ބަލިވީ އެސޯސިއޭޝަން ކަޕްގެ ލީގު ބުރުގައި ވެމްކޯ އަތުންނެވެ.

"ފުރަތަމަ ވެސް އަލްހަމްދުލިއްލާހި ޝުކުރު މޮޅުވީމަ، ތިން މޮޅަކީ މި ކަހަލަ މުބާރާތެއްގައި ވަރަށް ބޮޑު ކާމިޔާބެއް، ގަދަ ހަތަރެއް ޔަގީންވެފައި މިއޮތީ، ދެން އޮތީ އެއް ވަަނަ އަށް ހިފުން، ދެން އޮތް ދެ މެޗަކީ ވަރަށް ވަރުގަަދަ މެޗު، ދެ މެޗުން ވެސް މޮޅުވާން ﷲ އިރާދަކުރެއްވިއްޔާ ނުކުންނާނީ،" އިއްޔެ ހަވީރު އޮއްފު އަތުން މޮޅުވި މެޗަށް ފަހު ނަލަ ހުސެއިން ބުންޏެވެ.

"ވަރަށް ބޮޑު ހިތްހަމަޖެހުމެއް، ރަނގަޅަށް މި ދަނީ އަޅުގަނޑުމެންނަށް، އަދިވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، ޓީމު އޮތީ އެއް ރޫހެއްގައި އެއް ގޮތަކަށް ހަމަ، އެންމެން ވެސް އެއް މަގުސަދަކަށް ކާމިޔާބު ހޯދަން މަސައްކަތް އެ ކުރަނީ،"

އޮއްފުއާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުގެ ތެރެއިން ނަލަ ހުސެއިން ޝަރީފް.-- ފޮޓޯ: އިމޭޖަސް.އެމްވީ


ގާތްގާތުގައި މެޗުތައް ކުޅެން ޖެހޭއިރު، ކޮންމެ ޓީމަކަށް ވެސް ވަނީ އަނިޔާގެ މައްސަލަތައް ކުރިމަތިވެފަ އެވެ. އެ ފަދަ ކަންކަމާ ކުރިމަތިލާން ބަލާއިރު، ސިޓީ ޓީމުގައި ބިދޭސީ ފިޒިއޯއެއް ކަމަށްވާ، އުތުކަރްޝް ކުލްޝްރެސްތާ ހުރުމަކީ އެ ޓީމަށް އޮތް "ޕްލަސް ޕޮއިންޓް" އެވެ.

ނަލަ ހުސެއިން ބުނީ އުތުކަރްޝް ހުރުމުގެ ފައިދާ، އެހެން ޓީމުތަކަށް ދިމާވާ އަނިޔާގެ މައްސަލަތަކުގައި ވެސް ކުރާ ކަމަށެވެ.

ސިޓީން ހޯދާ ކާމިޔާބީތަކުގައި އެ ޓީމުގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ)ގެ ދައުރު ބޮޑެވެ. މެޗަކަށް ފަހު މެޗެއް ހުޒަންޓެގެ ކުޅުން ރަނގަޅުވަމުން އަންނައިރު، ސިޓީގެ ކޯޗު ނަލަ ހުސެއިންގެ ހިތްހަމަޖެހުމަކީ ވެސް އެއީ އެވެ. ނަލަ ހުސެއިން ބުނީ ހުޒަަންޓެ ރަނގަޅަށް ކުޅެފިނަމަ ސިޓީ އަށް ކާމިޔާބު ހޯދޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.

"ޓީމު ވެސް ވަރަށް ބޮޑަށް ބަލަމުންދާ ކަމެއް އެއީ، ހުޒާމް ރަނގަޅަށް ކުޅެފިއްޔާ މި ޓީމު ރަނގަޅަށް ކުޅޭނެ، މިދިޔަ ހުރިހާ މެޗެއްގައި ހުޒާމް ވަރަށް ރަނގަޅަށް ކުޅެގެން، ވަރަށް ރަނގަޅު ޑިފެންސްތަކެއް ހަދައިގެން އަސްލު ޓީމު ވިންވެފައި އެ ހުރީ،" ނަލަ ހުސެއިން ބުންޏެވެ.

"އަސްލު މި ވަރުގެ މުބާރާތެއް، މި ވަރުގެ ރަނގަޅު ފޮރިން ޕްލޭޔާސް ކުޅޭއިރު މޮޅަށް ޑިފެންސް ކުރާ ޓީމެއް މޮޅުވާނީ، އޭގެ ފައިދާ މި ކުރަނީ،"

ގައުމި ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބުން މިއަދު ހަވީރު ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ 16:15 ގަ އެވެ.