Advertisement

ޗެލްސީން ރަފީނިއާގެ ޑީލް ހައިޖެކްކޮށްފި

29 ޖޫން 2022 - 00:03 0

ލީޑްސް އަށް ލަނޑެއް ޖަހައިދިނުމަށް ފަހު ރަފީނިއާ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ޗެލްސީން ރަފީނިއާގެ ޑީލް ހައިޖެކްކޮށްފި

29 ޖޫން 2022 - 00:03 0

ލަންޑަން (ޖޫން 28) - ލީޑްސް ޔުނައިޓެޑް އަށް ކުޅެމުން އައި ހަލުވި ވިންގް، ރަފީނިއާ ހޯދަން އާސެނަލާއި ބާސެލޯނާ އިން މަޝްވަރާތަކެއް ކުރަމުން އަންނަނިކޮށް، ޗެލްސީ އިން އެ ޑީލް ތެރެއަށް ވަދެ ރަފީނިއާގެ ސޮއި ހޯދުމުގެ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކުރިން ސްޕޯޓިން ލިޒްބަން އާއި ރެނެސް އަށް ކުޅުނު ރަފީނިއާ، 25، ގެ ސޮއި ހޯދަން އާސެނަލާއި ބާސެލޯނާ އިން މަޝްވަރާ ކުރަމުން އަންނަތާ މިހާރު ދެ ހަފްތާ އަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. ޗެލްސީން ބާސެލޯނާގެ ވިންގް، އޮސްމާން ޑެމްބެލޭގެ ސޮއި ހޯދަން ކުރަމުން އައި މަސައްކަތް މަޑުޖައްސާލައި، ރަފީނިއާގެ ޑީލަށް ވަންތާ ދެ ދުވަހެއްގެ ތެރޭ މިހާރު ވަނީ ގާތްގަނޑަކަށް އެއްބަސްވުމަކާ ހަމައަށް އަތުވެފަަ އެވެ.

ލީޑްސްގެ ރަފީނިއާ ގަންނަން ޗެލްސީން ފުރަތަމަ 65 މިލިއަން ޑޮލަރު ދައްކާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ޗެލްސީގައި ރަފީނިއާ ދައްކާ ކުޅުމަށް ބަލާފައި އިތުރު 15-20 މިލިއަން ޑޮލަރު ދޭން ވެސް އެއްބަސްވުމުގައި ހިމަނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޗެލްސީ ކޮޅަށް މި ޑީލް ނިމުމުގެ އެންމެ ބޮޑު ސަބަބަކީ ރަފީނިއާގެ އޭޖެންޓް އެވެ. ރަފީނިއާގެ އޭޖެންޓް އަކީ ކުރިން ބާސެލޯނާ އާއި ޗެލްސީ އަށް ކުޅުނު ޑެކޯ އެވެ. ޑެކޯ އެންމެ ފުރަތަމަ ބޭނުންވީ ބާސެލޯނާ އަށް ރަފީނިއާ ގެންދަން ނަމަވެސް އެ ކްލަބްގެ މާލީ ހާލަތުގެ ސަބަބުން ރަފީނިއާ އަށް ބަދަލުވެވޭގޮތްނުވީ އެވެ.

ރަފީނިއާ މި ވަގުތު ލީޑްސްގެ ކޮންޓްރެކްޓްގައި ހުރީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ލީޑްސް އިން 2019 ވަނަ އަހަރު ރަފީނިއާ ގަތީ ފްރާންސްގެ ރެނެސް އަށް 25 މިލިއަން ޑޮލަރު ދީފަ އެވެ. އޭނާ ވަނީ ލީޑްސް އަށް ލީގުގައި ކުޅެދިން 65 މެޗުގައި އެ ޓީމަށް 17 ގޯލު ޖަހައިދީފަ އެވެ.

މިދިޔަ ސީޒަނުގައި ލީޑްސް ޕްރިމިއާ ލީގުގެ ރެލިގޭޝަނުން ސަލާމަތްވުމުގައި ވެސް ރަފީނިއާ އިސް ރޯލެއް އަދާކުރި އެވެ.

ލީޑްސް ދޫކޮށް ރަފީނިއާ ބޮޑު ކްލަބަކަށް ދާން ބޭނުންވީ ގަތަރުގައި މި އަހަރު ފަހުކޮޅު ބާއްވާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ބްރެޒިލް ގައުމީ ޓީމުގެ ސްކޮޑުން ޖާގަ ހޯދަން ބޭނުންވާތީ އެވެ. ބްރެޒިލްގެ ކޯޗު ޓީޓޭ ފަހަކަށް އައިސް ރަފީނިއާ އަށް ގައުމީ ޓީމުގެ މެޗުތަކުން އަންނަނީ ފުރުސަތު ދެމުންނެވެ.

ޗެލްސީން ރަފިނިއާގެ ސޮއި ހޯދައިފިނަމަ އޭނާ ވެގެންދާނީ ޗެލްސީގެ އާ ވެރިޔާ، ޓޮޑް ބޯލީގެ ލީޑަޝިޕުން ސޮއިކުރި ފުރަތަމަ ސީނިއާ ކުޅުންތެރިޔާ އަށެވެ. ޗެލްސީން އަންނަނީ ސެވިއްޔާގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ ނޫނީ ޔުވެންޓަސްގެ މަތައިސް ޑިލިޓްގެ ސޮއި ހޯދަން މަސައްކަތް ކުރަމުންނެވެ. އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި މެންޗެސްޓާ ސިޓީގެ ރަހީމް ސްޓާލިން އާއި ނޭތަން އަކޭގެ ސޮއި ހޯދަން ޗެލްސީން ވަރަށް އަވަހަށް ބިޑްކުރާނެ އެވެ.