Advertisement

ޔޯގާއާ ގުޅިގެން ފަތުވާ ނުނެރުނު މައްސަލަ ބަލަން މަޖިލީހަށް ހުށަހަޅައިފި

28 ޖޫން 2022 - 19:31 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް: ލޯގާއަށް ފަތުވާ ނުނެރުނު މައްސަލަ ބަލައިދޭން މަޖިލީހަށް ހުށަހަޅައިފި - ފޮޓޯ: މަޖިލީސް


ޔޯގާއާ ގުޅިގެން ފަތުވާ ނުނެރުނު މައްސަލަ ބަލަން މަޖިލީހަށް ހުށަހަޅައިފި

28 ޖޫން 2022 - 19:31 0

ޔޯގާއާ ގުޅިގެން ސުވާލު އުފެދިފައިވަނިކޮށް އިސްލާމް ދީނުގައި އެ ކަން ބަޔާންކޮށްފައި އޮންނަ ގޮތް ފަތުވާ މަޖިލީހުުގެ ބަލާފައި ނެތް ސަބަބެއް ހޯދަން ރައްޔިތުންގެ މަޖިލީހަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް މިއަދު ހުށަހަޅުއްވައިފި އެވެ.

އަންގާރަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވަން ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި، ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އާދަމް ޝަރީފް ވަނީ ތިން ސިޓީއެއް ފޮނުއްވައިފަ އެވެ.

ފުރަތަމަ ސިޓީގައި އެދިފައިވަނީ ރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި އިސްލާމިކް މިނިސްޓްރީއަށް ލަފާ ދިނުމަށް އުފައްދާފައި އޮންނަ ފަތުވާ މަޖިލީހުން ޔޯގާއާ ގުޅޭ ގޮތުން ފަތުވާ ނުނެރުނު ސަބަބެއް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަކުން ބަލައިދިނުމަށެވެ.

"ފަތުވާ މަޖިލީހުގެ ޒިންމާ އަދާކޮށްފައި ނުވަނީ ކީއްވެތޯއާއި އަދި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ސަރުކާރުން ކަންކަން ރާވާފައިވާ ގޮތްތަކަކީ ކޮބައިކަމާއި ޔޯގާ ހެދުމާ ގުޅޭ ގޮތުން ފަތުވާ މަޖިލީހުގެ ރައުޔަކީ ކޮބައިކަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީ މެދުވެރިކޮށް ސާފުކޮށް ދިނުމަށް އެދެމެވެ." އާދަމް ޝަރީފް ފޮނުވި ސިޓީގައިވެ އެވެ.

ދެވަަނަ ސިޓީގައި އެދިފައިވަނީ އިޖުރާއަތްތަކާ ހިލާފަށް އިސްލާމިކް މިނިސްޓްރީގެ ތެރެއިން ޔޯގާއާ ގުޅޭ ގޮތުން ފަތުވާއެއް ނެރެ، ޔޯގާ ހަރަކާތް ހުއްޓުވަން އަންގައި ދިވެހި ފުލުހުންގެ ހިދުމަތަށް ސިޓީއެއް ފޮނުވި ގޮތެއް، މަޖިލީހުގައި އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބަލައިދިނުމަށެވެ.

ތިންވަަނަ ސިޓީގައި އެދިފައިވަނީ ގަލޮޅު ދަނޑުގައި ހަރަކާތް އޮތް ދުވަހު އެ ތަނުގެ ތެރެއަށް ބަޔަކު ވަދެގަތީ ފުލުހުންގެ ސެކިއުރިޓީ ބްރީޗް ކުރުމަށް ފަހު ކަމާއި އެއީ ފުލުހުންގެ ފެއިލާއެއް ކަމަށް އެއްބަސްވެފައިވާތީ އެ ކަން ހިނގައިދިޔަ ގޮތެއް ސަލާމަތީ ހިދުމަތްތަކަށް މަޖިލީހުގައި އޮންނަ 241 ކޮމިޓީން ބަލައިދިނުމަށެވެ.

އިޖުރާއަތާ ހިލާފަށް ނެރުނު ފަތުވާ ހިމެނޭ ސިޓީގައި އޮތީ ކީކޭ؟

އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ މިހާރަކަށް އައިސް މެޑިޓޭޝަންގެ ގޮތުގައި ކަސްރަތެއްގެ ގޮތުގައި ރާއްޖޭގައި ތަފާތު ބަލިބައްޔަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާ ކަމަށެވެ. އަދި އެއީ ހިންދޫންގެ އަޅުކަމެއް ކަމަށެވެ.

ހިންދޫންގެ ދީނީ ސަގާފަތާ ގުޅޭގޮތުން މެޑިޓޭޝަންގެ ނަމުން ނަންދީ، އިރުއަރާވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުންކުރާ މިއުޒިކެއް ހިމެނޭ ހަރަކާތެއް ކަމަށެވެ. އަދި އެފަދަ ކަންކަމަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމަކަށްވާތީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ކަންތައްތަކެއް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

2004 ވަނަ އަހަރު މިސްރުގެ ފަތުވާދޭ މަޖިލީހުންނާއި، 2008 ވަނަ އަހަރު މެލޭޝިޔާގެ ފަތުވާދޭ މަޖިލީހުން، ޔޯގާއަކީ މުސްލިމުންގެ މައްޗަށް ހަރާމް ކުޅިވަރެއް ކަމަށް ފަތުވާ ނެރެފައިވާ ކަމަށް ސިޓީގައިވެ އެވެ.

އެގޮތުން، އެއީ ހިންދޫ ދީނުގެ އަޅުކަމާ ގުޅިފައިވާ ކަމެއް ކަމަށާއި ކުޅިވަރެއްގެ ގޮތުގައި ވެސް އަދި އަޅުކަމެއްގެ ގޮތުގައި ވެސް އެކަން ކުރުން ހުއްދަވެގެން ނުވާ ކަމަށް ވެއެވެ. އަދި އެ ކުޅިވަރުގެ ސަބަބުން މުސްލިމުންގެ އަގީދާއަށް އަސަރުކުރާ ކަމަށް ވެސް ދެ ގައުމުގެ ފަތުވާއާ ހަވާލާދީ ފުލުހުންނަށް ފޮނުވި އެ ސިޓީގައި ބުނެފައިވެ އެވެ.

ފަތުވާއާ ގުޅޭ ގޮތުން ގާނޫނުގައި އޮތް ގޮތް

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ (7) ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ގާއިމްކޮށް ދެމެހެއްޓުމަށްޓަކައި މުޖުތަމައަށް ބޭނުންވާ ދީނީ ފަތުވާ ދިނުމަކީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މަސްއޫލިއްޔަތެކެވެ. އެ މާއްދާގެ (ށ) ގައިވާ ގޮތުން، ދައުލަތުގެ މުއައްސަސާތަކަށް ވެސް އިސްތިޝާރީ ލަފާ ދޭނީ އެ މަޖިލީހުންނެވެ.

ފިގުހީ މައްސަލަތަކުގައި ދިވެހިންނަށް ފަތުވާ ދޭން ޖެހޭ މައްސަަލަތަކަކީ ކޮބައިކަން ދެނެގަތުމަކީ ވެސް އެ ގާނޫނުގައިވާ ގޮތުން ފަތުވާ މަޖިލީހުގެ މަސްއޫލިއްޔަތެކެވެ. ކޮވިޑް ދުވަސްވަރު ނެރުނު ފަތުވާތަކާއި އެނޫން ބައެއް ފަތުވާ ވެސް އެ މަޖިލީހުން ނެރުނީ އެ އުސޫލުންނެވެ.

ހިޔާލުތަފާތުވާ މައްސަލަތަކުގައި ފަތުވާ މަޖިލީހުގެ މަސްއޫލިއްޔަތަކީ ހަމަ އެކަނި ފަތުވާ ނެރުމެއް ވެސް ނޫނެވެ. ދީނީ ހިޔާލުތަފާތުވުންތައް ކުޑަކުރުމަށްޓަކައި ހިޔާލު ހޯދައި މަޝްވަރާކުުރުމަކީ ވެސް ފަތުވާ މަޖިލީހުގެ ގާނޫނީ މަސްއޫލިއްޔަތެކެވެ.