about 12 hours 1
ލީވާން އަލީ ނާސިރު
ދިވެހިން ހައްޖުގެ އަޅުކަން އަދާކުރަން ސައުދީގައި: އާ އުސޫލުގައި ވަނީ އަލަށް ހައްޖަށް ދާ މީހުންނަށް ފަހިވާ ގޮތަށް -- ފޮޓޯ: ހައްޖު ކޯޕަރޭޝަން
about 12 hours 1
ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް އަލުން ފުރުސަތެއް ދެވޭނީ، ހިޖުރީ ސަނަތުން ފަސް އަހަރު ފަހުން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ކަނޑައަޅައިފި އެވެ.
އިސްލާމިކް މިނިސްޓްރީން އާންމުކުރި "ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް މީހުން ސައުދީ އަރަބިއްޔާއަށް ގެންދިޔުމާ ބެހޭ އާ އުސޫލު" ގައި މިގޮތަށް ކަނޑައެޅީ ފުރަތަމަ ފަހަރަށް ހައްޖަށް ދާން ބޭނުންވާ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
އާ އުސޫލުގެ ދަށުން އަލަށް ހައްޖަށް ދާ އިސްކަން ދިނުމުގެ އިތުރުން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ މީހުންގެ ތެރެއިން 65 އަހަރުން ފެށިގެން މަތީގެ މީހުންނަށް ކޮންމެ އަހަރަކު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ވަކި އިންސައްތައެއް ކަނޑައަޅާނެ އެވެ.
އޭގެ އިތުރުން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ 75 އަހަރުން ފެށިގެން މަތީގެ މީހުންގެ ތެރެއިން ސިއްހީ ހާލަތަށް ބަލައި އެހީތެރިއަކު ހަމަޖެއްސުމުގެ އުސޫލުތައް ވެސް ވަނީ އަލަށް ހައްޖަށްދާ މީހުންނަށް ފުރުސަތު ފަހިވާ ގޮތަށް ބަދަލުކޮށްފަ އެވެ.
އެ އުސޫލުގައިވާ ގޮތުގައި އެހީތެރިއެއްގެ ގޮތުގައި ފުރުސަތު ދިނުމުގައި އިސްކަން ދޭނީ، ހައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި ހިމެނޭ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ އާއިލާ މީހުންނަށެވެ. ކުރިން ހައްޖަށް ގޮސްފައިވާ މީހަކަށް އެހީތެރިއެއްގެ ގޮތުގައި ދެވެނީ އަލަށް ދާން ބޭނުންވާ އާއިލާގެ މީހަކު ނެތިފައި, ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހަކު އޭނާއަށް ލިބެން ނެތް ހާލަތުގަ އެވެ.
ފަސް އަހަރު ފަހުން އަލުން ހައްޖަށް ދެވޭ ގޮތަށް އުސޫލުތައް ބަދަލުކުރިއިރު, މިއީ އެހެން ގައުމުތަކުން މިހާރު ވެސް އަމަލުކުރަމުން އަންނަ އުސޫލެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އާ އުސޫލުގެ ދަށުން ހައްޖަށް ގެންދާ މީހުންނަށް ހުއްދަ ދިނުމާއި، ހައްޖުގެ ކޯޓާއާ މެދު އަމަލު ކުރާނެ ގޮތާއި ހައްޖުގެ ކަންތައްތައް ބެލެހެއްޓުމާ ގުޅޭ އެންމެހައި ސިޔާސަތުތަކާއި އުސޫލުތައް ކަނޑައަޅައި، އެ ކަންކަމާ އެއްގޮތަށް އަމަލު ކުރާތޯ ކަށަވަރުކުރެވޭނެ ކަމަށެވެ.
33.33%
0.00%
33.33%
33.33%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment