Advertisement

ގައުމީ ވޮލީ ލީގު: ސިޓީ ތިން މޮޅު ހަމަކޮށް ގަދަ ހަތަރެއް ޔަގީންކޮށްފި

28 ޖޫން 2022 - 18:32 0

ސިޓީގެ ކުޅުންތެރިން މިއަދުގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ގައުމީ ވޮލީ ލީގު: ސިޓީ ތިން މޮޅު ހަމަކޮށް ގަދަ ހަތަރެއް ޔަގީންކޮށްފި

28 ޖޫން 2022 - 18:32 0

ގައުމީ ވޮލީބޯޅަ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ސްޕޯޓްސް ކްލަބް ސިޓީން މުބާރާތުގެ ގަދަ ހަތަރެއް ކަށަވަރުކޮށްފި އެވެ.

ސިޓީން ވަނީ ފުރަތަމަ ދެ މެޗުން ގުޑީސް ސްޕޯޓްސް ކްލަބާއި ޕޮލިސް ކްލަބް ބަލިކޮށްފަ އެވެ. މިއަދު ހަވީރު އޮއްފު އެފްސީ އަތުން ސިޓީ މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދި ސިޓީން ލީގުގެ ގަދަ ހަތަރެއް ޔަގީންކުރުމާ އެކު އެ ޓީމަށް ވަނީ ގައުމީ މުބާރާތުން ފުރުސަތު ލިބިފަ އެެވެ.

ގައުމީ ލީގުގައި ކުޅޭ ހަ ޓީމުގެ ތެރެއިން ގައުމީ މުބާރާތަށް ކޮލިފައިވާނީ ގަދަ ހަތަރު ޓީމެވެ.

ގައުމީ ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް އޮތީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ކްލަބް ވެމްކޯ އަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ޕޮލިސް ކްލަބަށް ވެސް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ފަަސް ވަނައިގައި އޮތް ގުޑީސް ސްޕޯޓްސް ކްލަބާއި ހަ ވަނައިގައި އޮތް އޮއްފު އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ގުޑީސް ދެ މެޗު ކުޅުނުއިރު، އޮއްފު ވަނީ ތިން މެޗު ކުޅެފަ އެވެ.

ސިޓީގެ ހުސެއިން ޔޫސުފް (ވ) ޝޮޓެއް ފޮނުވާލާއިރު، ބްލޮކްކުރަން އޮއްފުގެ ކުޅުންތެރިން މަސައްކަތް ކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ސެޓުތައް ސިޓީން ގެންދިޔައީ 25-16، 25-19 އަދި 25-16 އިންނެވެ.

ސަސްޕެންޝަނުގެ ސަބަބުން އޮއްފު އިން މި މެޗުގައި ކުޅުނީ އެ ޓީމުގެ ހުސެއިން ސައީދު (ސޭންޑީ) ނުލަ އެވެ. ސިޓީން މި މެޗު ފަށައިގެން ކޮންޓްރޯލް ނަގައިގެން މޮޅު ކުޅުމެއް ދައްކަމުން ދިޔައިރު، އެ ޓީމުގެ ސެޓަރު، ވިނާޔަކް ރޮކާޑޭ ދޭ ބޯޅަތަކުގައި އަލީ ހުޒާމް (ހުޒަންޓެ) އާއި އިންޑިއާގެ ސްޕައިކަރު، ވިނީތު ކުމާރްގެ ބާރު ޖެހުންތައް ފެނިގެންދިޔަ އެވެ. އޮއްފުގެ އިންޑިއާ ކުޅުންތެރިޔާ، ގުރޫ ޕްރަސާންތުގެ ހަމަލާތަކެއް ވެސް މި މެޗުގައި ފެނުނުއިރު، ސިޓީ ހާސްކޮށްލެވޭނެ ކުޅުމެއް އޮއްފު އަކަށް ނުދެއްކެ އެވެ.

ދެ ވަނަ ސެޓުގައި އޮއްފު އިން ކޮންމެ ވެސް ރަނގަޅަކަށް ކުޅުން ރަނގަޅުކުރި އެވެ. ޑިފެންސް ބޯޅަތަކުގައި ފަރުވާތެރިކަމާ އެކު ކުޅުނެވެ. އެހެން ނަމަވެސް ސެޓުގެ ފަހުކޮޅުގައި އަމިއްލަ އަށް ގޯސްތަކެއް ހެދި، ސިޓީ އަށް ލީޑުފުޅާކުރަން ފުރުސަތު ދެވުނީ އެވެ.

ސިޓީން ވަނީ މި މެޗުގެ ފަހު ދެ ސެޓުގައި ޓީމުގައި ކުޅެން ފުރުސަތު މަދުން ދެވޭ ކުޅުންތެރިން ބޭނުންކޮށްފަ އެވެ. އޭގެ ތެރޭގައި ދެ ވަނަ ލިބަރޯ، އަލީ ނާއިފު އާއި އަހުމަދު ނާސިހު އަދި އިސްމާއިލް ޒައިން އާދަމް ހިމެނެ އެވެ.

މި މެޗުގައި ސިޓީ މޮޅުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރީ މެޗުގެ މޮޅު ކުޅުންތެރިޔާ، ހުޒަންޓެ އެވެ. އޭނާ އަންނަނީ މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަމުންނެވެ.

ސިޓީ އަށް ލީގުގައި ބާކީ އޮތީ ސިފައިންނާއި ވެމްކޯއާ ދެކޮޅަށް ކުޅޭ މެޗެެވެ.

މުބާރާތުގައި މިރޭ ވެމްކޯ އާއި ޕޮލިސް ކުޅެން އޮތް މެޗު ފަސްކޮށް، ޝެޑިއުލަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެ މެޗު ކުޅޭނީ މާދަމާ ރޭގަ އެވެ. ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ގުޑީސް އެވެ. އެ މެޗު ފަށާނީ މާދަމާ ހަވީރު 16:15 ގަ އެވެ.