Advertisement

ގައުމީ ވޮލީ ލީގު: ގުޑީސް ބަލިކޮށް ޕޮލިހަށް ފުރަތަމަ މޮޅު

28 ޖޫން 2022 - 00:27 0

ޕޮލިހުގެ މާއިޝް (ވ) ފޮނުވާލާ ބޯޅަ ބްލޮކްކުރަން ގުޑީސްގެ މޯހިތު (ކ) އާއި ބުޅިކެ (މ) މަސައްކަތް ކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ގައުމީ ވޮލީ ލީގު: ގުޑީސް ބަލިކޮށް ޕޮލިހަށް ފުރަތަމަ މޮޅު

28 ޖޫން 2022 - 00:27 0

ގައުމީ ވޮލީ ލީގުގެ އެންމެ ފަހުގެ ރަނަރަޕް ޕޮލިސް ކްލަބުން ގުޑީސް ސްޕޯޓްސް ކްލަބް ބަލިކޮށް މި ފަަހަރުގެ މުބާރާތުގައި ފުރަތަމަ މޮޅު މިރޭ ހޯދައިފި އެވެ.

ޕޮލިހުން މި ފަހަރުގެ ގައުމީ ލީގު ފަށަން ޖެހުނީ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަން ސްޕޯޓްސް ކްލަބް ސިޓީ އަތުން ސީދާ ތިން ސެޓުން ބަލިވެގެންނެވެ. އެކަމަކު، މިރޭ ގުޑީސް އަތުން 3-1 ސެޓުން މޮޅުވެގެން ޕޮލިސް މި ވަނީ މޮޅެއް ހޯދައި، ހިންދެމިލައިފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗުގެ ސެޓުތައް ދިޔައީ 25-12، 23-25، 25-19 އަދި 25-18 އިންނެވެ.

ގުޑީސް އިން މިރޭގެ މެޗަށް ނުކުތީ އަނިޔާގެ ސަބަބުން ކުރިން މެޗުތަކުގައި ނުކުޅެވުނު ވަރުން ސިޔާމްސުއްދަރު ޓީމުގައި ހިމަނައިގެންނެވެ. އެކަމަކު، އޭނާ އަށް ނުޅެވިގެން ފަހުން ބަދަލުކުރަން ޖެހުނެވެ.

ޕޮލިހުން ފުރަތަމަ ސެޓު ފެށީ ވަރަށް ރަނގަޅު ފޯމެއްގަ އެވެ. ދިހަ އަކަށް ވުރެ ގިނަ ޕޮއިންޓުގެ ލީޑެއް މި ސެޓުގެ ތެރެއިން ނެގިއިރު، އެ ޓީމުގެ މާއިޝް އަހުމަދު އާއި އަނޫ ޖޭމްސް ވަނީ ރަނގަޅު އެޓޭކްތަކެއް ކޮށްފަ އެވެ. މާ ބޮޑު އުނދަގުލެއް ނެތި، ޕޮލިހުން ފުރަަތަމަ ސެޓު 25-12 އިން ގެންދިޔަ އެވެ.

ޕޮލިހުގެ ހައިލަމް (މ) އާއި އަކިން (ކ) ކައިރިން ގުޑީސްގެ ނިލާމް ބޯޅައެއް ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


އެކަމަކު، ދެ ވަނަ ސެޓު ފަށައިގެން ވަރަށް ވާދަވެރިކޮށް ދިޔައިރު، ޕޮލިސް ލީޑުގައި އޮތް ނަމަވެސް ގުޑީސް އިން ދުލެއް ނުދެ އެވެ. ގުޑީސްގެ ކެޕްޓަން ހުސެއިން ވިޝާމް (ބުޅިކެ) ސެޓު ކޮށްދޭ ބޯޅަތަކުން އެ ޓީމުގެ ހަސަން ނިލާމް (ޕާޓޭ) އަދި އަލީ އާމިރު (ދިގު އައްޔަ) ރަނގަޅު ތަނަށް ބޯޅަ ފޮނުވާލަމުންދިޔައިރު، ގުޑީސް އިން އެއްވަރުކުރީ 19-19 އިންނެވެ. އޭގެ ފަހުން ސެޓުގެ ނަތީޖާ ގުޑީސް ކޮޅަށް އަނބުރާލައި، އެ ފޯމުގައި މޮޅަށް ކުޅެ ސެޓު ގެންދިޔަ އެވެ. ގުޑީސްގެ މުހައްމަދު ރިޔާޒުއްދީން (ރިޔާޒު) ވެސް މި ސެޓުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. ގުޑީސް މި ސެޓު ގެންދިޔައީ 23-25 އިންނެވެ.

ދެން ކުޅުނު ދެ ސެޓުގައި ވެސް ގުޑީސް އަށް ދިމާވީ އެއް ކަހަލަ މައްސަލަ އެކެވެ. ވާދަވެރިކޮށް ފަށާފައި ވަކި ހިސާބަކުން އަތުން ކޮންޓްރޯލް ގެއްލި ޕޮލިހަށް ލީޑުފުޅާކުރަން ފުރުސަތު ލިބެނީ އެވެ. ޕޮލިހުގެ ސެޓަރު، އިންޑިއާގެ މުއްތުސާމީ އަޕަވޫ ހިއްލައިދޭ ބޯޅަތަކުގައި އެ ޓީމުގެ އަނޫ ޖޭމްސް އާއި އަކިން އައްމާލްގެ ބާރު ޝޮޓްތަކެއް ފެންނަމުންދިޔައިރު، ފަހު ދެ ސެޓު ވެސް ކޮންޓްރޯލްގައި އޮވެގެން ކުޅެ، ޕޮލިހުން މެޗު ކާމިޔާބުކުރީ އެވެ.

ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު، 25-19، 25-18 އިން ގެންގޮސް ޕޮލިސް މޮޅުވީ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިހުގެ އަނޫ ޖޭމްސް އެވެ.

އެސޯސިއޭޝަން ކަޕްގައި ޕޮލިހަށް ގުޑީސްގެ މައްޗަށް ކުރިހޯދުނީ 3-2 ސެޓުންނެވެ.

މުބާރާތުގައި މާދަމާ ހަވީރު އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވި ސިޓީ އާއި ކުޅުނު ދެ މެޗުން ވެސް ބަލިވި އޮއްފު އެވެ. ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާ ގުޑީސް އިން މާދަމާރޭ ކުޅޭ މެޗުގައި ވެމްކޯއާ ބައްދަލުކުރާނެ އެވެ. އެސޯސިއޭޝަން ކަޕްގައި ގުޑީސް އަތުން ވެމްކޯ މޮޅުވީ ފަސް ސެޓަށް ގޮސްގެންނެވެ.