Advertisement

ބޯނޯގެ އެއްބަފާ ބޭބެއެއް ހުންނަކަން އެނގުނީ 40 އަހަރުގައި

ޔޫޓޫގެ ލަވަކިޔުންތެރިޔާ ބޯނޯ. -- ފޮޓޯ: ބީބީސީ


ބޯނޯގެ އެއްބަފާ ބޭބެއެއް ހުންނަކަން އެނގުނީ 40 އަހަރުގައި

ޔޫޓޫ ބޭންޑުގެ ލަވަކިޔުންތެރިޔާ ބޯނޯގެ އެއްބަފާ ބޭބެއެއް ހުންނަކަން އެނގުނީ އޭނާގެ އުމުރުން 40 އަހަރުގައި ކަމަށް ބުނެފި އެވެ.

"އަހަރެން ވަރަށް ލޯބިވާ އެހެން ބޭބެއެއް ވެސް އެބަ ހުރި. އަހަރެންގެ އިތުރު ބޭބެއެއް ހުރިކަން ކުރިން ނޭނގޭ،" ބީބީސީ ރޭޑިއޯ4 ގެ ޑެޒަޓް އައިލެންޑް ޑިސްކްސްއަަށް ދިން އިންޓަވިއުގައި ބޯނޯ ބުންޏެވެ.

ބޯނޯ ބުނީ އިތުރު ބޭބެއެއް ހުންނަކަން އެނގުނީ 2000 ވަނ އަހަރުގައި ކަމަށެވެ. އޭރު އުމުރުން 40 އަހަރެވެ. އެ ހަބަރު "ބަލައިގަތް" ކަމަށް ބޯނޯ ބުންޏެވެ.

މިހާރު އުމުރުން 62 އަހަރުގެ ބޯނޯ ބުނީ 1974 ވަނަ އަހަރު އޭނާގެ މަންމަ އައިރިސް މަރުވި އިރު، ފިރިމީހާގެ އިތުރު ދަރިއަކު ހުރިކަން މަންމައަށް ނޭނގޭ ކަމަށެވެ.

"އާއިލާ އުޅުނީ ވަރަށް ގާތްކޮށް. ބައްޕަ އާއި އެ އަންހެން މީހާއާ ގާތް ރަހްމަތްތެރިކަމެއް އޮތްކަން އަހަންނަށް އެނގުނު. އެ އަންހެން މީހާާ ވެސް އުޅުނީ އާއިލާގެ މެމްބަރެއްގެ ގޮތުގައި. ދެން ދަރިއަކު ލިބުމުން، ބައްޕަ އެ ވާހަކަ ސިއްރު ކުރީ،" ބޯނޯ ބުންޏެވެ.

ނަމަވެސް ބޯނޯއަށް އެކަން އެނގުމުން ބައްޕައާ އެ ވާހަކަ ދެއްކި އެވެ. ބޯނޯގެ ބައްޕަ ބޮބް މަރުވީ 2001 ވަނަ އަހަރު އެވެ.

"އަަހަރެން ބައްޕަ ކައިރީގައި އެހިން މަަންމަ ދެކެ ލޯބިނުވަނީ ހެއްޔޭ. ބައްޕަ ބުނި ލޯބިވަމޭ. ދެން އަހަރެން އެހިން މިކަހަލަ ކަމެއް މިވީ ކީއްވެ ހެއްޔޭ. ބައްޕަ ބުނީ ވެދާނެޔޭ. އެކަން ރަނގަޅު ކުރެވޭތޯއޭ މި ބަލަނީ،" ބޯނޯ ބުންޏެވެ.

ބޯނޯ ތައްޔާރުވަމުން ދަނީ އޭނާގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ އޮޓޯބަޔޮގްރަފީއެއް ރިލީޒް ކުރުމަށެވެ. އޭނާއަކީ 1980 ގެ އަހަރުތަކުގައި މަޝްހޫރުވެ، އެންމެ ބޮޑެތި ރޮކްސްޓާރުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ބޯނޯއާ އެކު ޔޫޓޫއިން ނެރުނު ހިޓް ލަވަތަކުގެ ތެރޭގައި "ވާޓިގޯ"، "ބިޔުޓިފުލް ޑޭ"، "ވިތް އޯ ވިތައުޓް ޔޫ" ހިމެނެ އެވެ. ބޭންޑުގެ އެންމެ ކާމިޔާބު ގިނަ ލަވަތައް ލިޔުނީ ބޯނޯ އެވެ.