ގުޑީސްގެ ރިޔާޒު (ވ) ފޮނުވާލާ ޝޮޓެއް ސިޓީގެ ހުޒަންޓެ އާއި ޔޫސުފް ބްލޮކްކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ގައުމީ ވޮލީބޯޅަ ލީގުގައި ސްޕޯޓްސް ކްލަބް ސިޓީން ކުޅުނު ފުރަތަމަ މެޗުގައި މިރޭ ގުޑީސް ސްޕޯޓްސް ކްލަބް އަތުން ފުރިހަމަ މޮޅެއް ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު މެޗުން ގުޑީސްގެ މައްޗަށް ސިޓީ ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. ސިޓީން ސެޓުތައް ގެންދިޔައީ، 25-16، 25-20 އަދި 25-11 އިންނެވެ.
އެސޯސިއޭޝަން ކަޕް ޗެމްޕިއަންކަން ހޯދައި، ރަނގަޅު ފޯމެއްގައި އޮތް ސިޓީން މިރޭގެ މެޗުގައި ވަނީ ރަނގަޅު ފޯމެއްގައި ތަފާތު މޮޅަށް ކުޅެފަ އެވެ. ގުޑީސް އަށް މާ ބޮޑު ފުރުސަތެއް ނުދީ ސިޓީން މޮޅު ކުޅުން ދެއްކުމުގައި ތަފާތަކަށްވީ، ސިޓީގެ ބިދޭސީ ތިން ކުޅުންތެރިން ކަމަށްވާ ވިނާޔަކް ރޮކާޑޭ، ހަރްދީޕް ސިންގް އަދި ވިނީތު ކުމާރު އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހަރްދީޕްގެ ފައިދާ ސިޓީން ރަނގަޅަށް ނެގި މި މެޗުގައި އެ ޓީމުގެ ރިސީވް ވެސް ފެނުނީ ރަނގަޅަށެވެ. އެޓޭކްގައި ވިނީތު އާއި ސިޓީގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) ވެސް ރަނގަޅު އެޓޭކްތަކެއް ކޮށްފައިވެ އެވެ.
ޕޮއިންޓެއް ހޯދުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ގުޑީސް އަށް ބަލާއިރު، އެ ޓީމުގެ ކެޕްޓަން އަދި ސެޓަރު، ހުސެއިން ވިޝާމް (ބުޅިކެ) ހިތްލައިދޭ ބޯޅަތަކުން އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، އިންޑިއާގެ މުހައްމަދު ރިޔާޒުއްދީން އާއި ގައުމީ ޓީމުގެ ސްޕައިކަރު، ހަސަން ނިލާމް (ޕާޓޭ) ރަނގަޅު ޝޮޓްތަކެއް ފޮނުވާލި ނަމަވެސް ސިޓީން ވަނީ އެ ބޯޅަތައް ބްލޮކްކުރުމުގައި ވެސް ގިނަ ބޯޅަތަކުގައި ކާމިޔާބު ހޯދައިފަ އެވެ.
މި ފަަހަރުގެ ވޮލީބޯޅަ ސީޒަން ކުރިއަށްދަނީ އެސޯސިއޭޝަން މެދުވެރިކޮށް، "ޑްރާފްޓް ސިސްޓަމް" އެއްގެ ތެރެއިން ބިދޭސީ ކުޅުންތެރިން ޓީމުތަކަށް ހަމަޖައްސައިދީގެން ކަމަށްވާތީ، ޓީމެއްގެ ކުޅުންތެރިއަކު އިންޖަރީއެއް ވިޔަސް އާ ކުޅުންތެރިއަކު ގެނެވޭ ގޮތަށް ގަވާއިދު ތަން ނުދެ އެވެ. އެސޯސިއޭޝަން ކަޕްގައި ތިން ޓީމެއްގެ ތިން ބިދޭސީ ކުޅުންތެރިއަކަށް އަނިޔާވެ، މި ސީޒަނުގައި ދެން ނުކުޅެވޭނެ އެވެ. ބިދޭސީ ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހޭ ޓީމުތަކުގެ ތެރޭގައި ގުޑީސް ޓީމު ވެސް ހިމެނެ އެވެ.
ގައުމީ ލީގުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު، ކްލަބް ވެމްކޯ އިން ވަނީ ފަހަތުން އަރައި 3-1 ސެޓުން އޮއްފު އެފްސީ ބަލިކޮށްފަ އެވެ. މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ވެމްކޯ ބައްދަލުކުރާނީ އެންމެ ފަހުގެ ލީގު ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބާ އެވެ. އެސޯސިއޭޝަން ކަޕްގެ ލީގު ބުރުގައި ސިފައިން ވަނީ ސީދާ ތިން ސެޓުން ވެމްކޯ ބަލިކޮށްފަ އެވެ. އެކަަމަކު، އެސޯސިއޭޝަން ކަޕްގެ ޕްލޭއޮފް މެޗުގައި ވެމްކޯ އިން ވަނީ ސިފައިން ކަޓުވާލައި ފައިނަލަށް ދަތުރުކޮށްފަ އެވެ. ފައިނަލުގައި ވެމްކޯ ބަލިވީ ސިޓީ އަތުންނެވެ.
ގައުމީ ލީގުގައި މާދަމާރޭ ޕޮލިސް ކްލަބުން ސިޓީއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނެ އެވެ
Comment