25 ޖޫން 2022 - 08:03 0
25 ޖޫން 2022 - 08:03 0
ލަންޑަން (ޖޫން 25) - އަންނަ ސީޒަނުގައި އިނގިރޭސި ތިން ވަނަ ޑިވިޝަނުގައި ވާދަކުރަން ޖެހިފައިވާ ޑާބީ ކައުންޓީގެ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާކަން ވޭން ރޫނީ، އެ ކްލަބްގެ ވެރިންނަށް އަންގައިފި އެވެ.
އެޑްމިނިސްޓްރޭޝަނުގެ ގިނަ މައްސަލަތަކެއްގައި ހައްލެއް ނުލިބި، ބޮޑު މައްސަލަތަކެއް ކުރިމަތިިވި ޑާބީ އަންނަ ސީޒަނުގައި އިނގިރޭސި ފުޓްބޯޅައިގެ ތިން ވަނަ ފަންތީގައި ވާދަކުރަން ޖެހިފައިވާއިރު، މިއީ ފާއިތުވި 36 އަހަރު ތެރޭ އެ ކްލަބް އިނގިރޭސި އެއް ވަނަ އަދި ދެ ވަނަ ޑިވިޝަނުން ވެއްޓުނު ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ޑީސީ ޔުނައިޓެޑް ދޫކޮށް، 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ރޫނީ، ޑާބީއާ ގުޅުނީ ޕްލޭޔާ-ކޯޗެއްގެ ގޮތުގަ އެވެ. އޭރު ޑާބީގެ ކޯޗަކަށް ހުރި، ފިލިޕް ކޮކޫ އަށް އެހީތެރިވެދިނުމުގައި ވެސް ރޫނީ މަސައްކަތްކުރިއިރު، ކޮކޫ އަށް ޓީމުގެ ނަތީޖާތައް ރަނގަޅުކުރެވޭ ގޮތްނުވެ، ދިގުލައިދިއުމުން ވަޒީފާ ގެއްލުނެވެ.
ރޫނީ، ފުލްޓައިމްކޮށް ޑާބީ ކޯޗަކަށް ހަމަޖެއްސީ 2021 ވަނަ އަހަރުގެ ޖެނުއަރީ 15 ގަ އެވެ. ރޫނީ ކޯޗަކަށް ހުރި ފުރަތަމަ ސީޒަނުގައި ޑާބީ ވަނީ ރެލިގޭޝަނުން ސަލާމަތްވެފަ އެވެ. އެކަމަކު، މިދިޔަ ސީޒަނުގައި އެޑްމިނިސްޓްރޭޝަނުގެ މައްސަލަތަކެއް ދިމާވެ، ޑާބީގެ ޕޮއިންޓް އުނިކުރުމުން ދެން އަރައިގަންނަން ޖެހުނު އަޑިގަނޑު ބޮޑުވެ، ޑާބީ ރެލިގޭޓްވީ އެވެ.
ޑާބީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރޫނީ ވަނީ އެ ކްލަބް ދޫކޮށްލަން އެދިފައި ކަމަށެވެ.
އިނގިރޭސި މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ރުނީ ބުނީ ޑާބީ ދޫކޮށްލަން ނިންމީ އެ ކްލަބްގައި އޭނާ ހޭދަކުރި އުނދަގޫ ދުވަސްތަކުގައި އެކި ކަހަލަ ތަޖުރިބާ ކުރަން ޖެހިފައިވުމާއި އެ ނެގެޓިވް ކަންތައްތަކުގެ ހަނދާންތައް ހިފައިގެން ކްލަބް ކުރިއަށް ގެންދަން އުނދަގޫތަކެއް ހުރުމުން ކަމަށެވެ.
މާލީ ގޮތުން ޑާބީ ބޮޑު އަޑިގަނޑެއްގައި ފާއިތުވި އަހަރެއްހާ ދުވަސް ހޭދަކުރިއިރު، ރޫނީ ވަނީ އަމިއްލަ ޖީބުން ވެެސް ކްލަބްގެ ކަންކަން ފުރިހަމަކުރުމާއި ކުޅުންތެރިންގެ ޒަރޫރީ ބޭނުންތަށް ފުރިހަމަކުރަން ހަރަދުކޮށްފަ އެވެ.
ރޫނީ ބުނީ، ދެން، ޑާބީ އަށް އަންނަ ކޯޗަކު ވާންޖެހޭނީ އެ ކްލަބްގެ އާ ވެރިންނާ އެކު ޕޮޒިޓިވް ވިސްނުންތައް ހިފައިގެން ކުރިއަށްދާ މީހަކަށް ކަމަށެވެ.
ރޫނީ އޭނާގެ ކެރިއަރުގައި ދެ ފަހަރެއްގެ މަތިން ކުޅުނު އެވަޓަން އިން ރޫނީ އަށް އެ ޓީމުގެ ކޯޗުގެ ވަޒީފާ މިދިޔަ އަހަރު ހުށަހެޅި އެވެ. އެއީ އެވަޓަންގެ ކޯޗުކަމުން ރަފައެލް ބެނިޓޭޒް ވަކިކުރުމަށް ފަހު އެވެ. އެވަޓަންގެ ކޯޗުގެ ވަޒީފާ ހުސްކޮށް އޮތްވަގުތުގައި، ރޫނީ އަށް އެވަޓަންގެ ވަޒީފާގެ އިންޓަވިއުއެއްގެ ހުށަހެޅުމެއް ވެސް ލިބުނެވެ. އެކަމަކު، އޭރު ޑާބީ އަށް ވަގުތު ދޭން ބޭނުންވާތީ ރޫނީ ނިންމީ އެވަޓަންގެ އިންޓަވިއު އަށް ހާޒިރު ނުވުމަށެވެ.
Comment