Advertisement

މިފްކޯއިން ވިއްކާ ޑީސެލްގެ އަގު ބޮޑުކޮށްފި، ލީޓަރެއް 17.63ރ. އަށް

24 ޖޫން 2022 - 19:15 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ކޫއްޑޫ ބަނދަރުގައި ދޯނިތައް އަޅާފައި. ހުއްޓުމެއް ނެތި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަންނަނީ އުފުލެމުން.


މިފްކޯއިން ވިއްކާ ޑީސެލްގެ އަގު ބޮޑުކޮށްފި، ލީޓަރެއް 17.63ރ. އަށް

24 ޖޫން 2022 - 19:15 0

ހުއްޓުމެއް ނެތި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ މިފްކޯ އިން ވިއްކާ ޑީސެލްގެ އަގު ވެސް ބޮޑުކޮށްފި އެވެ.

އެ ކުންފުނިން ވަނީ މިއަދުން ފެށިގެން މަސްވެރިންނަށާއި އާންމުންނަށް ވިއްކާ ޑީސެލްގެ އަގުތަކަށް ބަދަލު ގެނެސްފަ އެވެ.

އެގޮތުން، މަސް ދޯނިތަކަށް އެ ކުންފުނިން ޑީސަލް ލީޓަރެއް ވިއްކާނީ 17.63ރ. އަށެވެ. އާންމުންނަށް ޑީސަލް ލީޓަރެއް ވިއްކާނީ 22.66ރ. އަށެވެ.

މިފްކޯ އިން އެންމެފަހުން ޑީސެލްގެ އަގު ބޮޑުކުރީ މާޗް 5، ގަ އެވެ. އެފަހަރު މަސް ދޯނިތަކަށް އެ ކުންފުނިން ޑީސަލް ލީޓަރެއް ވިއްކީ 14.44ރ. އަށެވެ. އާންމުންނަށް ޑީސަލް ލީޓަރެއް ވިއްކީ 17.10ރ. އަށެވެ.

މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފައިވާ އިރު، އެ ކުންފުންޏަށް ތެޔޮ ފޯރުކޮށްދޭ އެސްޓީއޯއިން ވަނީ އެކުންފުނީގެ ދަށުން ހިންގާ އެފްއެސްއެމްއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ވެސް ބޮޑުކޮށްފަ އެވެ. އެފްއެސްއެމް އިން ޑީސަލް ލީޓަރެއް ވިއްކަނީ 16.77ރ. އަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމެއް ނެތި އަންނަނީ އުފުލެމުންނެވެ. ސާފުނުކުރާ ފީފާ ތެޔޮ ފީފާއެއްގެ އަގު ހުރީ 117 ޑޮލަރަށް ވުރެ މަތީގަ އެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މި އަދަދުތައް އުފުލޭނެ ކަމަށް ލަފާކުރެވެ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވާއިރު ރާއްޖޭގައި އެ ނިސްބަތުން ތެލުގެ އަގު ބޮޑުވިޔަ ނުދީ ހިފަހައްޓާފައި ވަނީ ސަރުކާރުން ސަބްސިޑައިޒްކުރާތީ އެވެ. އެހެންވެ، މި އަހަރު ނިމޭއިރު ތެލުގެ ސަބްސިޑީއަށް 1.9 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.