Advertisement

ހުލާސާކޮށް އިއްޔެ: ޔޯގާ ދުވަހުގެ ހަރަކާތަށް ހުރަސް އަޅައި ބޮޑު ހަމަނުޖެހުމެއް، ތަހުގީގު ކުރިއަށް

22 ޖޫން 2022 - 07:00 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޔޯގާ ހަރަކާތް ހުއްޓުވަން މަސައްކަތްކުރި މީހުން ނެރެން ފުލުހުން މަސައްކަތްކުރުމުން އެ މީހުން ފުލުހުންނާ ކުރިމަތިލަނީ. -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: ޔޯގާ ދުވަހުގެ ހަރަކާތަށް ހުރަސް އަޅައި ބޮޑު ހަމަނުޖެހުމެއް، ތަހުގީގު ކުރިއަށް

22 ޖޫން 2022 - 07:00 0

އިއްޔެ ފާހަގަކުރި ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ބޭއްވި ހަރަކާތާ ދެކޮޅަށް ބަޔަކު ވަނީ އެތަނަށް ވަދެ ހަމަނުޖެހުން ހިންގައިފަ އެވެ.

އިއްޔެ ހެނދުނު 6:30 ގައި ފެށި ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ. އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައިކޮމިޝަނަރާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.

އެ މައްސަލައިގައި ފުލުހުން ވަނީ ހަ މީހުން ވެސް ހައްޔަރުކޮށްފަ އެވެ.

ފުލުހުން އަމަލުކުރި ގޮތުގެ ރިވިއުއެއް ހަދަނީ

ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުނު ގޮތާމެދު ފުލުހުންނަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

ގަލޮޅު ދަނޑުގެ ގޭޓްތަކުން މީހުންތައް ވަދެގަނެ, ދިދަތަކުން ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައިވެ އެވެ. އެ މީހުންގެ ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެ އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ހާދިސާ ހިނގުމަށް މެދުވެރި ސަބަބުތައް ބަލައި ދިވެހި ފުލުހުންގެ ހިދުމަތުން ރެސްޕޮންޑްކުރި ގޮތުގެ އިންޓާނަލް ރިވިއުއެއް ކުރާނެ ކަމަށެވެ.

ހަމަނުޖެހުން ހިންގި މީހުން ބައެއް އާލަތްތައް ނެރުނީ ޕީޕީއެމް އޮފީހުން

ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ, އެ ހަމަނުޖެހުމާއި ހަމަލާތަކުގެ މައްސަލަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓުމަންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އެކަމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ ކަންކަން ފުލުހުން ކުރަމުންދާނެ ކަމަށް ބުންޏެވެ.

މިހާތަނަށް ތަހުގީގަށް އެނގިފައިވާ ގޮތުގައި, ހަމަނުޖެހުން ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލަތްތައް ނެރެފައިވަނީ ޕީޕީއެމްގެ އޮފީހުން ކަމަށް ފުލުހުން ބުންޏެވެ.

އެ ހަމަނުޖެހުން ހިންގި މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ކަޅު ކުލައިން ލިޔެފައިވާ ހުދު ކުލައިގެ ދިދަތަކެއް ހިފައިގެންނެވެ. ޕީޕީއެމް އޮފީހުގައި އެ ދިދަތައް ހުރި މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާންމުވެފައިވާއިރު, އެއީ ޕީޕީއެމްއިން އެންމެ ފަހުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ބޭނުންކުރި ދިދަތަކެވެ.

އިއްޔެ އާންމުވެފައިވާ ފޮޓޯތަކަކުން ފެންނަ ގޮތުގައި, ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ޕީޕީއެމް އޮފީހުން ދިދަތައް ނެރޭ މަންޒަރު ފެނެ އެވެ. މުހައްމަދު އިސްމާއިލަކީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ހިންގުމުގައި އިސްކޮށް އުޅުއްވާ ބޭފުޅާ އެވެ.

ހަމަނުޖެހުމަށް ހިތްވަރެއް ނުދެން: ސަލަފް

އެ މައްސަލައިގައި އެންމެ ބޮޑަށް މީހުންގެ އިނގިލި އަމާޒުވީ ސަލަފް ޖަމިއްޔާއަށެވެ. ނަަމަވެސް، އެ ޖަމިއްޔާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ވަނީ އިއްޔެ ހާމަކޮށްފަ އެވެ.

ސަލަފުން ބުނީ އިއްޔެ ހެނދުނު ގަލޮޅު ދަނޑުގައި ބަޔަކު ހިނގި ހަމަނުޖެހުމާއި ޖަމިއްޔަތުއް ސަލަފާ ގުޅުވައި މިނިސްޓަރު މަހުލޫފް އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ހަގީގަތެއް ބެލުމެއް ނެތި މިނިސްޓަރު މަހުލޫފް ދައްކަވާފައިވާ ވާހަކަތަކަކީ އެ ޖަމިއްޔާއާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމުގެ ބޭނުމުގައި ކުރެއްވި ކަމެއް،" ސަލަފުން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީ ރާއްޖޭގައި ޔޯގާގެ ކަންކަން ހިންގަން ފެށި ހިސާބުން ފެށިގެން އަބަދުވެސް އެކަމުގެ ހުކުމާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް އެ ޖަމިއްޔާއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެހެންނަމަވެސް, ޝަރުއީ ހުދޫދުގެ ބޭރުން ގައުމުގެ އަމަން އަމާންކަން ނަގާލައި ފަރުދުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ ސަލާމަތް ބަލަހައްޓާ ފަރާތްތަކާ ކުރިމަތިލައި ހެދުމަކީ ސަލަފުން ތާއީދު ކުރާ ކަމެއް ނޫން ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

ޕާޓީތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު

އީސީން ނެރުނު ބަޔާނެއްގައި ވަނީ އިއްޔެ ހެނދުނު ހިންގި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގުމުގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތް ކަމަށް ފުލުހުންގެ ތަހުގީގަށް ސާބިތުވެއްޖެ ނަމަ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 45 ވަނަ މާއްދާއަށް ރިއާޔަތްކޮށް 49 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވަނީ، ސިޔާސީ ޕާޓީތަކުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑުތަކާއި އެ މިންގަނޑުތަކަށް ޕާޓީތަކުން ތަބާވާން ޖެހޭނެ ކަމާއި ތަބާނުވާ ޕާޓީތަކަށް އީސީން ފިޔަވަޅު އެޅޭނެ ކަމެވެ.

އެ ގާނޫނުގެ 49 ވަނަ މާއްދާގައި ވަނީ އެ ކަމާ ހިލާފަށް އަމަލުކުރާ ޕާޓީއަކާ ދެކޮޅަށް އީސީއަށް އެޅިދާނެ ފިޔަވަޅުތަކެވެ. މި ގޮތުން އޭގައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފުވާ މީހަކު 30،000 ރުފިޔާއާއި، 75،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވިދާނެ ކަމުގަ އެވެ.

ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއިން އެ ފައިސާ އުނިކުރުމުގެ ބާރު ވެސް އީސީއަށް ލިބިގެންވާ ކަމަށް އެ ގާނޫނުގައިވެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލާގައި ދައުވާ އުފުލިފައިވާ މީހުންގެ މައްޗަށް ހިންގާ ޝަރީއަތް ބަލާ ގާޒީންގެ ބެންޗުގެ ރިޔާސަތަށް ކްރިމިނަލް ކޯޓުގެ ގާޒީ ދީބަނާޒް ފަހްމީ ހަމަޖައްސާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބާއްވަން އުޅުނު ހަރަކާތަށް ހުރަސް އަޅައި ހިންގި ހަމަނުޖެހުންތަކުގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްކަން ސާބިތުވެއްޖެނަމަ އެ ޕާޓީއެއް ޖޫރިމަނާ ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އިއްޔެ އެވެ.
  • ގދ. ގައްދޫގައި އަޅަން ގަސްދު ކުރި ގޭދޮށު މަސްޕްލާންޓް ހުއްޓުވީ ސަރުކާރުން ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާމަކުރެއްވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އިއްޔެ ހެނދުނު ގަލޮޅު ދަނޑުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅޭގޮތުން ރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ މީހުންގެ އަމަލުތައް ދިރާސާ ކުރައްވާ އާޒިމް ޒާހިރު "އަދަދު" ނޫހަށް ވިދާޅުވީ:

ޓެރަރިޒަމްގެ ހަމަލާއަކަށް ނުވި ނަމަވެސް މިއީ ޓެރަރައިޒް ކުރުން. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން. ޔޯގާ ހުއްދަތޯ ނޫންތޯ އެއީ އެހެން ސުވާލެއް. އެކަމަކު ގަދަކަމުން އަރައިގަނެއް އެކަންތައްތައް ހުއްޓުވާކަށް ނޫޅެވޭނެ. ދިވެހިން ދިވެހިންނާ މި ޖެހެނީ،

ދުވަހުގެ ފޮޓޯ

މަހަކަށް ވުރެ ގިނަ ދުވަހުގެ ބްރޭކަކަށް ފަހު އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އިއްޔެ ހަވީރު ފެށުން. ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު 2-1 އިން ކާމިޔާބުކުރީ ޔޫވީ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު