Advertisement

ހަމަނުޖެހުމުގައި ޕާޓީއަކުން ބައިވެރިވިކަން ފުލުހުން އެންގުމުން ފިޔަވަޅު އަޅާނަން: އީސީ

21 ޖޫން 2022 - 14:38 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ޔޯގާ އިވެންޓު ހަމަނުޖެހުން: ބައެއް އާލާތްތައް ދިނީ ޕީޕީއެމުން ކަމަށް ފުލުހުން ބުނޭ-- ފޮޓޯ: އަދަދު


ހަމަނުޖެހުމުގައި ޕާޓީއަކުން ބައިވެރިވިކަން ފުލުހުން އެންގުމުން ފިޔަވަޅު އަޅާނަން: އީސީ

21 ޖޫން 2022 - 14:38 1

ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބާއްވަން އުޅުނު ޔޯގާ ހަރަކާތަށް ހުރަސްއަޅާ ހިންގި ހަމަނުޖެހުންތަކުގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްކަން ފުލުހުން އެންގުމުން ފިޔަވަޅު އަޅާނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް، އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފި އެވެ.

އެ ހަމަނުޖެހުން ހިންގި މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ކަޅު ކުލައިން ލިޔެފައިވާ ހުދު ކުލައިގެ ދިދަތަކެއް ހިފައިގެންނެވެ. ޕީޕީއެމް އޮފީހުގައި އެ ދިދަތައް ހުރި މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވެފައިވާއިރު, އެއީ ޕީޕީއެމްއިން އެންމެ ފަހުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ބޭނުންކުރި ދިދަތަކެވެ.

"މިފަދަ މައްސަލައެއްގެ ހިނގައިގެން އުޅޭ ކަން އީސީއަށް މިހާތަނަށް ހުށަހެޅިފައެއް ނެތް، ފުލުހުންގެ ތަހުގީގަށްފަހު ރަސްމީކޮށް އީސީއަށް އެންގުމުން، ޕާޓީއެއްގެ ބައިވެރިވުން އެކަމުގައި އޮތްނަމަ އެ ޕާޓީއަކަށް ފިޔަވަޅު އަޅާނަން،" އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް މި ނޫހަށް ވިދާޅުވި އެވެ.

ހަބީބް އިތުރަށް ވިދާޅުވީ މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ނޯންނަ ކަަމަށާއި އާންމު އުސޫލެއްގެ ގޮތުގައި އަމަލުކުރަނީ ވެސް އެގޮތަށް ކަމަށެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި މިހާތަނަށް ތަހުގީގަށް އެނގިފައިވާ ގޮތުގައި, ހަމަނުޖެހުން ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލަތްތައް ނެރެފައިވަނީ ޕީޕީއެމްގެ އޮފީހުންނެވެ.

އާންމުވެފައިވާ ފޮޓޯތަކަކުން ފެންނަ ގޮތުގައި, ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ޕީޕީއެމް އޮފީހުން ދިދަތައް ނެރޭ މަންޒަރު ފެނެ އެވެ. މުހައްމަދު އިސްމާއިލަކީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ހިންގުމުގައި އިސްކޮށް އުޅުއްވާ ބޭފުޅާ އެވެ.

ޕީޕީއެމްގެ ބައެއް އިސް އޮފިޝަލުން ވެސް ވަނީ އެ ދިދަތައް އެ ޕާޓީގެ ފަރާތުން އެ ހަރަކާތް ހިންގި މީހުންނަށް ފޯރުކޮށްދިން ކަން މި ނޫހަށް ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް, ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވި ގޮތުގައި މިއަދުގެ ހަމަނުޖެހުން ހިންގި މީހުން ބޭނުންކުރި ދިދަތަކަކީ ސީދާ ޕީޕީއެމްގެ އޮފީހުން ނެރުނު ދިދަތަކެއް ކަމެއް ޔަގީން ނުވާ ކަމާއި އެކަން ޖެހޭނީ ބަލާށެވެ.

އެކަމަކު ތޮލާލު ވިދާޅުވި ގޮތުގައި އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފު ނުވާ ކޮންމެ އެފަދަ ކަމަކަށް ވަސީލަތްތައް ފޯރުކޮށްދޭން އާންމު ރައްޔިތުން ހިންގާ ހަރަކާތަކަށް އެދުމުން އަބަދުވެސް ފޯރުކޮށްދޭ ކަމަށެވެ.