Advertisement

ގެވެށި އަނިޔާގެ މައްސަލައިގައި ތާށިވެފައި ހުރި ގިގްސް، ވޭލްސްގެ ކޯޗުކަން ދޫކޮށްލައިފި

21 ޖޫން 2022 - 09:23 0


ގެވެށި އަނިޔާގެ މައްސަލައިގައި ތާށިވެފައި ހުރި ގިގްސް، ވޭލްސްގެ ކޯޗުކަން ދޫކޮށްލައިފި

21 ޖޫން 2022 - 09:23 0

ވޭލްސް (ޖޫން 21) - ގެވެށި އަނިޔާއެއްގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަ ވޭލްސްގެ ކޯޗު ރަޔާން ގިގްސް، ރަސްމީކޮށް ވޭލްސް ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށްލައިފި އެވެ.

ގިގްސް، 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގޭތެރޭގައި ހިނގި ކަމެއްގެ ތެރޭގައި އޭނާގެ ލޯބިވެރިޔާ އާއި އޭނާގެ އަންހެން ކޮއްކޮ އަށް ހަމަލާ ދިނުމުގެ ތުހުމަތުގަ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ގިގްސް، 47، ފަހުން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. ގިގްސް ވަނީ ތުހުމަތުތަކަށް އިންކާރުކޮށް ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ. ކަފާލާތުގެ ދަށުން ގިގްސް ދޫކޮށްލާފައި ހުރި މުއްދަތުގައި އޭނާ ގައުމީ ޓީމުގެ މަސައްކަތުގައި ޝާމިލުވެ، ނޫޅޭގޮތަށް ވޭލްސް ފުޓްބޯލް އެސޯސިއޭޝަނުން ވަނީ އޭރު ނިންމައިފަ އެވެ. ވޭލްސް ޓީމުގެ ކޯޗުކަމުގެ ޒިންމާތަކުން ގިގްސް އެކަހެރި ކުރުމުން އެ މަގާމުގައި ވަގުތީ ގޮތުން މަސައްކަތްކުރީ ރޮބަޓް ޕޭޖް އެވެ.

ޕޭޖް ވަނީ ވޭލްސް އަށް އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިރުޝާދު ދިނުމުގެ އިތުރުން މި އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕުން ވޭލްސް އަށް ފުރުސަތު ހޯދައިދީފަ އެވެ. މިއީ 64 އަހަރަށް ފަހު ވޭލްސް އިން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ގިގްސް މަގާމު ދޫކޮށްލިކަން އިއުލާނުކުރީ ބަޔާނެއް ނެރުމަށް ފަހު އެވެ. ގިގްސް އެ މަގާމު ދޫކޮށްލީ ގަތަރު ވޯލްޑް ކަޕަށް ތައްޔާރުވާން ވޭލްސްގެ މިހާރު އޮތް ކޯޗިން ޓީމަށް ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގަ އެވެ. ގިގްސްގެ މި ނިންމުމަކީ މި ވަގުތު ވޭލްސް ފުޓްބޯޅައިގެ މަސްލަހަތަށް ވެސް މުހިންމު ނިންމުމެއްކަން ފާހަގަކޮށް، ވޭލްސް ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ގިގްސް، ވޭލްސްގެ ކޯޗުކަމަށް ހަމަޖެއްސީ 2018 ވަނަ އަހަރު އެވެ. އިނގިރޭސި ގަދަ ބާރެއް ކަމަށްވާ ޔުނައިޓެޑަށް 700 އަށް ވުރެން ގިނަ މެޗު ކުޅެދީފައިވާ ގިގްސް ވަނީ އެ ޓީމާ އެކު 13 އިނގިރޭސި ޕްރިމިއާ ލީގާއި ދެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ރިޓަޔާކުރުމަށް ފަހު ޔުނައިޓެޑްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރުމުގެ އިތުރުން ވަގުތީ ކޯޗެއްގެ ގޮތުގައި ހެޑް ކޯޗެއްގެ ޒިންމާ ވެސް އުފުލި އެވެ.