10 އޮކްޓޯބަރު 2025 - 08:16 0
10 އޮކްޓޯބަރު 2025 - 08:16 0
ލަންޑަން (އޮކްޓޫބަރު 10) - ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ އިންގްލެންޑުން ފުރަތަމަ ހާފުގައި ޖެހި ގޯލުތަކާ އެކު، 3-0 އިން ވޭލްސްގެ މައްޗަށް ކުރިހޯދައިފި އެވެ.
ތޯމަސް ޓުޗެލްގެ ކޯޗުކަމުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އިންގްލެންޑުން ރޭގެ މެޗުގައި ތިން ލަނޑު ވެސް ޖެހީ މެޗުގެ ފުރަތަމަ 20 މިނިޓް ތެރޭގަ އެވެ. އެ ގޮތުން، މެޗުގެ ތިން ވަަަނަ މިިނިޓްގައި، އިންގްލެންޑްގެ ޑިފެންޑަރު، މާކް ގޭހީ ދިން ބޯޅައަކުން ފުރަތަމަ ލަނޑު ޖެހީ މޯގަން ރޮޖާސް އެވެ.
އޭގެ ހަތް މިނިޓް ފަހުން، މެޗުގެ 11 ވަަނަ މިނިޓްގައި ގޭހީ ދިން ބޯޅައަކުން އިންގްލެންޑްގެ ލީޑުފުޅާކޮށްދިނީ އޮލީ ވަޓްކިންސް އެވެ. އަދި، މެޗުގެ 20 ވަނަ މިނިޓްގައި ބުކާޔޯ ސަކާ އިންގްލެންޑްގެ ތިން ވަނަ ލަނޑު ޖެހި އެވެ. މި ލަނޑާ އެކު، ސަކާ ވެފައިވަނީ، އާސެނަލަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން އިންގްލެންޑަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އަށެވެ. މިއީ، ސަކާ އިންގްލެންޑަށް ޖަހައިދިން 13 ވަނަ ގޯލެވެ.
ރޭގެ މެޗުގެ ބާކީ ބައިގައި އިންގްލެންޑުން އިތުރު ގޯލު ޖަހަން ކުރި މަސައްކަތުގައި، ރޮޖާސް ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.
މެޗަށް ފަހު، އިންގްލެންޑްގެ ކޯޗު ޓުޗެލް ވަނީ މި މެޗުން އިންގްލެންޑުން ކާމިޔާބު ހޯދަން ކުރި މަސައްކަތާ އެއްވަރުގެ ތަރުހީބެއް ސަޕޯޓަރުންގެ ފަރާތުން ނުލިބޭ ކަމަށެވެ. އަދި، މެޗު ކުޅުނު ވެމްބްލީ ސްޓޭޑިއަމް އޮތީ ވަރަށް ބޮޑަށް އަޑުމަޑުވެފައި ކަމަށާއި އެއީ، އެކަން ވާންޖެހޭ ގޮތެއް ނޫން ކަމަށް ޓުޗެލް ވަނީ ފާހަގަކޮށްފަ އެވެ.
Comment