Advertisement

ރަސްފަންނުގައި ބާއްވަން ހުއްދަ ނުދިނުމުން ޔޯގާ ހަރަކާތް ގަލޮޅު ދަނޑަށް ބަދަލުކޮށްފި

20 ޖޫން 2022 - 14:55 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މީގެ ކުރިން ބޭއްވި ޔޯގާ ހަރަކާތެއްގެ ތެރެއިން-- ފޮޓޯ: އިންޑިއަން ކަލްޗަރަލް ސެންޓަރު


ރަސްފަންނުގައި ބާއްވަން ހުއްދަ ނުދިނުމުން ޔޯގާ ހަރަކާތް ގަލޮޅު ދަނޑަށް ބަދަލުކޮށްފި

20 ޖޫން 2022 - 14:55 0

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބާއްވަން އުޅުނު ޔޯގާ ހަރަކާތް ރަސްފަންނުގައި ބާއްވަން ހުއްދަ ނުދިނުމުން، އެ ހަރަކާތް ގަލޮޅު ރަސްމީ ދަނޑުގައި ބާއްވަން ނިންމައިފި އެވެ.

ޔޯގާ ހަރަކާތް ބާއްވަން ނިންމައި، އެ ކަމުގެ ރެޖިސްޓްރީވުމަށް ޔޫތު މިނިސްޓްރީން އިއުލާނުކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އިވެންޓު ބާއްވާނެ ކަމަށް އިއުލާނުކުރީ ރަސްފަންނުގަ އެވެ.

އެހެންނަމަވެސް މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ރަސްފަންނުގައި އެ ހަރަކާތް ބޭއްވުމުގެ ހުއްދަ ނުދޭން އެ ކައުންސިލުން މިއަދު ވަނީ ނިންމާފަ އެވެ.

އެކަމާ ގުޅިގެން، މި އިވެންޓު މިހާރު ގަލޮޅު ދަނޑުގައި ބާއްވަން ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓްރީގެ އޮފިޝަލަކު މި ނޫހަށް ވިދާޅުވި އެވެ.

ޔޯގާ ހަރަކާތް ބާއްވަން ނިންމާފައިވަނީ މާދަމާ ހެނދުނު 06:30 ގައެވެ.

މި އިވެންޓު ރަސްފަންނުގައި ބޭއްވުމުގެ ހުއްދަ ދީފައިނުވާއިރު، ރާއްޖޭގެ ގިނަ އިލްމުވެރިން އަންނަނީ މި ހަރަކާތާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޔޯގާގައި ދީނީ ފުށުއެރުންތަކެއް ހުރިކަމަށް ބުނެ، އިލްމުވެރިންގެ ގުޅުން ޖަމިއްޔާއިން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖޫން މަހުގެ 21 ވަނަ ދުވަހެވެ. މި ދުވަހާ ގުޅިގެން ހަރަކާތެއް ބާއްވަން ނިންމާފައިވާއިރު، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން މީގެ ކުރިން ވެސް އެކި ޔޯގާ ހަރަކާތްތައް ރާއްޖޭގައި ބާއްވާފައިވެ އެވެ.