Advertisement

އިންޑިއާ ސިފައިން ބާލަން ހެދި އެއްބަސްވުން، ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ބުނެ ސިއްރުކޮށްފި

17 އޭޕްރީލް 2024 - 14:26 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ : އިންޑިއާ ސިފައިން ބާލަން ހެދި އެއްބަސްވުން ސިއްރުކޮށްފި - ފޮޓޯ: ރައީސް އޮފީސް


އިންޑިއާ ސިފައިން ބާލަން ހެދި އެއްބަސްވުން، ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ބުނެ ސިއްރުކޮށްފި

17 އޭޕްރީލް 2024 - 14:26 0

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އެ ގައުމާއެކު ހަދާފައި އެއްބަސްވުން, ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ބުނެ ސަރުކާރުން ސިއްރުކޮށްފި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ރަސްމީ އަދަދަކީ 88 އެވެ. އެއީ ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރު އޮޕަރޭޓުކުރަން ތިބި ސިފައިންނެވެ.

މިކަމާ ގުޅިގެން އިންޑިއާއާއެކު ދިވެހި ސަރުކާރުން އެއްބަސްވުމަކަށް އައިކަން ދެ ގައުމުގެ ހާރިޖިއްޔާއިން ހާމަކުރީ ފެބްރުއަރީ 9، ގަ އެވެ. އޭގެ ފަހުން ރައީސް މުއިއްޒުވެސް ވަނީ އެފަދަ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި އެއްބަސްވުން ހޯދުމަށް "އަދަދު" އިން ފޮރިން މިނިސްޓްރީގައި އެދިފައިވާނީ މާޗު، 27 ގަ އެވެ.

ޖަވާބުގައި އެ މިނިސްޓްރީން ބުނެފައިވަނީ "އެދިވަޑައިގެންނެވި އެއްބަސްވުމުގެ ކޮޕީ، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ހިއްސާކުރެވެން ނެތް" ކަމަށެވެ.

ރިއާޔަތްކޮށްފައިވާ މާއްދާއަކީ މައުލޫމާތު ހާމަކޮށްފިނަމަ ގައުމީ ސަލާމަތައް ނުރައްކާވަފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް ބަލައި މައުލޫމާތު ސިއްރުކުރުމުގެ ބާރު ދައުލަތުގެ އިދާރާތަކަށް ލިބިދޭ މާއްދާ އެވެ.

ސިފައިން އަނބުރާ ފޮނުވައިލުމަށް ދެ ގައުމުން ކުރި މަޝްވަރާގެ ތެރެއިން އެއްބަސްވެފައިވަނީ އިންޑިއާއިން އެދުނު ގޮތަށް، އެ އުޅަނދުތައް އޮޕަރޭޓުކުރަން ތިބި ސިފައިންގެ ބަދަލުގައި މަދަނީން ނުވަތަ ޓެކްނިކަލް މީހުން ގެނައުމަށް ކަމަށް ދެ ގައުމުން ބުނެފައިވެ އެވެ.

އެއަށްފަހު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން ދެ ބެޗެއްގެ ސިފައިން ވަނީ ފުރާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އައްޑޫގައި އޮތް ހެލިކޮޕްޓަރު އަދި ހދ. ހަނިމާދޫގައި އޮތް ޑޯނިއާ ދުއްވަން ތިބި ސިފައިންނެވެ. އޭގެ ބަދަލުގައި އިންޑިއާއިން ފޮނުވި މަދަނީން އެ ދެ ސަރަހައްދަށް ވަނީ އައިސްފަ އެވެ.

މަދަނީންނާއެކު އިންޑިއާއިން ވަނީ އައްޑޫގައި އޮތް ހެލިކޮޕްޓަރުގެ ބަދަލުގައި އާ ހެލިކޮޕްޓަރެއް ވެސް ފޮނުވާފަ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގުޅުން ވަނީ ގޯސްވެފަ އެވެ. އޭގެ ބަދަލުގައި ސަރުކާރުން އަންނަނީ ޗައިނާއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ. އެގޮތުން މި ސަރުކާރުން ވަނީ ޗައިނާއާއެކު އަސްކަރީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުންވެސް ސަރުކާރުން ވަނީ ސިއްރުކޮށްފަ އެވެ.