Advertisement

އިންޑިއާ ސިފައިންގެ މައްސަލަ ހައްލެއް ނުވޭ، އިންޑިއާ އައުޓް ކެމްޕެއިން ފަށާނަން: ޔާމީން

18 އޭޕްރީލް 2024 - 21:08 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަނީ: އިންޑިއާ އައުޓް ކެމްޕެއިން ފައްޓަވާނެ ކަމަށް ވިދާޅުވި - ފޮޓޯ: އިޔާދު އަބްދުއްވައްހާބް / އަދަދު


އިންޑިއާ ސިފައިންގެ މައްސަލަ ހައްލެއް ނުވޭ، އިންޑިއާ އައުޓް ކެމްޕެއިން ފަށާނަން: ޔާމީން

18 އޭޕްރީލް 2024 - 21:08 1

ރާއްޖޭގައި އިންޑިއާ ސިފައިން މަރުކަޒު ވެގެން ތިބި މައްސަލަ ހައްލު ނުވާ ކަމަށާއި ކުރީގެ ސަރުކާރުގައި އެމަނިކުފާނު އިސްވެ ހުންނަވާ ހިންގެވި "އިންޑިއާ އައުޓް ކެމްޕެއިން" އަނެއްކާ ވެސް ފައްޓަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލާގައި ހައި ކޯޓުން އެ ހުކުމް ބާތިލް ކުރި އަޑުއެހުމަށް ފަހު ހައި ކޯޓު ބޭރުގައި ހުންނަވައި މީޑިއާއާ ވާހަކަ ދައްކަވަމުން އެމަނިކުފާނަށް ވެރިކަން ނުލިބިގެން އެއްވެސް ވަރެއްގެ އުނދަގުލެއް ނުވާ ކަމަށެވެ. ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވާދަ ކުރެއްވުމަށް ހުރަހަކަށްވީ 11 އަހަރުގެ ޖަލު ހުކުމެވެ.

"ރައީސް ޔާމީން ގައުމުގެ ވެރިކަން ނުކޮށް ދެން ހުރުމުން، ޕާސަނަލީ އަޅުގަނޑަށް ލިބޭނެ ގެއްލުމެއް އޮންނާނެ ތޯ، ދިރިއުޅުމާއި ތަނަވަސްކަން، ﷲގެ ރަހުމަތްފުޅުން ލިބިފައި އެބަ އޮތް،" އަދަދު ނޫހުން ކުރި ސުވާލެއްގެ ޖަވާބުގައި ޔާމީން ވިދާޅުވި އެވެ.

ނަމަވެސް ވިދާޅުވީ އެމަނިކުފާނަށް އުނދަގޫވާ އެތައް ކަމެއް އެބަ ހުރި ކަމަށެވެ. އިންޑިއާ ސިފައިން ރާއްޖޭގައި މަރުކަޒުވެ ތިބުމާއި، ބޭރު ގައުމެއްގެ ނުފޫޒު ރާއްޖޭގެ އެތެރޭގެ ކަންކަމުގައި މާ ވަރުގަދައަށް ހިފޭ ވަރަށް އޮތުމަކީ އެ ބަލައިގަންނަން ދަތި ކަމެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ނުނިދޭ ކަންކަން އެބަ ހުރި، އަޅުގަނޑު ގަބޫލެއް ނުކުރާނަން ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ދާއިމަށް ގާއިމުވެ މަރުކަޒު ހަދައިގެން ތިބެން ވާނެ ކަމަކަށް، އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެންގެ ދެކުނު ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހަމަ އެހެން އޮންނަން ވާނެ ކަމަށް، އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތަށް ބޭރުގެ ބަޔަކު ބަސް ބުނެގެންވާނެ ކަމަކަށް،" ޔާމީން ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ފޮނުވާލުމަށް މި ސަރުކާރުން އެއްބަސްވުމެއް ގާއިމުކޮށްފައިވެ އެވެ. އެ އެއްބަސްވުން ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ސަރުކާރުން ބުނެފައިވާ ގޮތުގައި އިންޑިއާއިން ހަދިޔާކުރި ވައިގެ އުޅަނދުތައް ފޮނުވާލުމުގެ ވިސްނުމެއް ނެތެވެ. މިހާރު ސިފައިންގެ ބަދަލުގައި މަތިންދާ ބޯޓާއި ހެލިކޮޕްޓަރު ދުއްވަން ތިބީ އިންޑިއާގެ މަދަނީން ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.

ދިވެހި ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ރަސްމީ އަދަދަކީ 88 އެވެ. އެއީ ޑޯނިއާ މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު އޮޕަރޭޓުކުރަން ތިބި ސިފައިންނެވެ. އޭގެ ތެރެއިން އައްޑޫގައި އޮތް ހެލިކޮޕްޓަރު ދުއްވާ ސިފައިންގެ ބެޗާއި ހދ. ހަނިމާދޫގައި އޮންނަ ޑޯނިއާ މަތިންދާބޯޓު ދުއްވާ ސިފައިންގެ ބެޗު ފޮނުވާލާފައިވާ ކަން ސަރުކާރުން ހާމަކޮށްފައިވެ އެވެ.

އެހެންވެ މި ސަރުކާރާ ހަމައިން އިންޑިއާ ސިފައިންގެ މައްސަލަ ހައްލު ނުވާ ކަމަށް ޔާމީން ދެކެވަޑައިގަންނަވަ އެވެ. ކުރީގެ ސަރުކާރުގައި ހިންގި "އިންޑިއާ އައުޓް" ކެމްޕެއިން ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

"ޝައްކެއް ވެސް ނެތް، އަޅުގަނޑު ހައްޔަރުކޮށްގެނެއް ވަކި، އަޅުގަނޑު ކިޔަމުން އައި ޕޮލިޓިކަލް މެރިޓްސްގެ މަސައްކަތް ކުރަމުން ދާނަން، އިންޑިއާ އައުޓް ބެނާ އަޅުގަނޑުމެން ގޭގައި ވެސް ދަމާނަން،" އަދަދު ނޫހުން ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން އިންޑިއާއާ ދެކޮޅު ވާހަކަތައް ދެއްކުން މަނާކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ގަރާރެއް ވެސް ނެރުނެވެ. މި ސަރުކާރު އައި ފަހުން ވެސް އެ ގަރާރު ބާތިލްކޮށްފައެއް ނުވެ އެވެ. ސަރުކާރާ ދެކޮޅަށް ނުކުންނެވި ފަހުން އެމަނިކުފާނު އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވީ އެ ކަމަށާއި، އިންޑިއާއިން ހަދިޔާކުރި ތަކެތި ފޮނުވައި ނުލުމާއި މަދަނީން ގެނައި ގެނައުމަށެވެ.

"ރައީސް މުއިއްޒު ވެސް ހިމެނޭ ގޮތަށް، އަޅުގަނޑުމެން އިދިކޮޅުގައި ތިބި އިރު، އަޅުގަނޑުމެން ބުނަމުން ދިޔައީމޭ، ރައީސް ސޯލިހު ނެރުއްވި އިންޑިއާ އައުޓް ގަރާރު، އެއީ ގާނޫނު އަސާސީއާ ހިލާފު ގަރާރެކޭ، އަޅުގަނޑުމެން ސަރުކާރު އައިސް ކީއްވެގެންހޭ ދިފާއު ކުރަނީ، ކީއްވެގެންހޭ އިންޑިއާ އައުޓް ނުކިޔެވެންވީއޭ،" ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި ވެސް އިންޑިއާއާ ވަރަށް ބޮޑަށް ގުޅުން ގޯސްވި އެވެ. އަދި އިންޑިއާގެ ސިފައިން ފޮނުވާލަން އޭރުގެ ސަރުކާރުގައި އިންޑިއާއަށް އަންގަން ވެސް އެންގި އެވެ. އެކަމަކު އިންޑިއާއިން ހަދިޔާކުރި އުޅަނދުތަކާއި އެ ތަކެތި އޮޕަރޭޓް ކުރަން ތިބި ސިފައިންގެ ހިދުމަތްތެރީން ގޮސްފައެއް ނުވެ އެވެ.

އެއިން އެއް ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އަނެއް ހެލިކޮޕްޓަރަކީ، އިންޑިއާ ސިފައިން ތިބުމަށް މިހާރު ދެކޮޅު ހަދާ، ޔާމީނުގެ ވެރިކަމުގައި ގެނައި އުޅަނދެކެވެ. ޑޯނިއޯ މަތިންދާބޯޓު ގެނައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.