Advertisement

ރިޔާސީ އިންތިހާބުގައި ސަން ސިޔާމް ވާދަ ކުރައްވާނެ ކަމަށް ބުނެފި

19 ޖޫން 2022 - 14:10 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު-- ފޮޓޯ: މަޖިލިސް


ރިޔާސީ އިންތިހާބުގައި ސަން ސިޔާމް ވާދަ ކުރައްވާނެ ކަމަށް ބުނެފި

19 ޖޫން 2022 - 14:10 0

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިމޮކްރެޓިކް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވާދަކުރައްވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ރާއްޖޭގައި ފަސް ރިސޯޓެއް ހިންގަމުން އަންނަ "ސަން ސިޔާމް" ރިސޯޓްސްގެ ވެރިޔާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމުގެ "ދަހިވެތިކަން" ހުންނެވުމުން ކަމަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް މިއަދު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

"އަހުމަދު ސިޔާމް މުހައްމަދު ހުރިހާ ގޮތަކުން ފުރާ ފުރިހަމަވެފައި ހުރި ކަމަށް އެމަނިކުފާނު ގަބޫލުކުރައްވަނީ، އުމުރުގެ ގޮތުން ވެސް 50 އަހަރު ފުރި، މަޖިލިސްގެ ތަޖުރިބާއާއި ޕާޓީއެއް ހިންގުމުގެ ތަޖުރިބާ ލިބި އަދި ކޯލިޝަނެއްގެ ތަޖުރިބާ ލިބި، ކޯލިޝަނެއް ފަސް އަހަރުގެ އެގްރީމެންޓާއެއްކޮށް ފުރިހަމަކުރުމަށްފަހު ސިޔާސީ މަޑުޖެހިލުމަކަށްފަހު، ހަމަ ސީދާ 2023ގެ ވެރިކަމާ ދިމާއަށް އެމްޑީއޭ މި ދަތުރު ކުރަނީ،" މައުރޫފް ވިދާޅުވި އެވެ.

ޕާޓީގެ އަސާސީ ގަވައިދުގައި ވާގޮތުން ކޮންމެ މެންބަރަކަށް ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕްރައިމަރީއަށް ކުރިމަތިލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަން ނިންމާނީ އަންނަ މަހު އޮންނަ ޕާޓީގެ ކޮންގްރެސްއިންނެވެ. މައުރޫފް އިތުރަށް ވިދާޅުވީ ސިޔާމްގެ ކެންޑިޑެސީ އިއުލާނުކުރުމުގެ ކުރިން ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަަމަށެވެ.

"އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައި ހުރި އަދަދާއެކު ޕާޓީގައި މިހާރު 7000 ވަރަކަށް މެންބަރުން އުޅޭނެ، ދެން ހަމަ އެ ޕްރޮސެސް ވާ ވަރަކުން އިތުރުވަމުން ދާނީ، އަޅުގަނޑުމެން މެންބާޝިޕް އިތުރުކުރުމަށް މުޅި ރާއްޖޭގައި މިދަނީ މަސައްކަތް ކުރަމުން،" މައުރޫފް ވިދާޅުވި އެވެ. "ޓާގެޓަކީ ކޮންގްރެސްއަށް 10،000 ހަމަކުރުން، އަދި ރިޔާސީ އިންތިހާބަށް ވާދަކުރާއިރު 30،000 މެންބަރުން ހަމަކުރުން."

ސަން ސިޔާމް އިސްވެ ހުންނަވައި އުފެއްދި އެމްޑީއޭ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކުރީ ޑިސެމްބަރު 20، 2012 ގަ އެވެ. އޭގެ ކުރިން ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރެއްވި އެވެ. ޕާޓީ ހެދުމަށްފަހު ރައީސް ޔާމީން ވެރިކަން ކުރެއްވި ފަސް އަހަރު އެމްޑީއޭ އޮތީ ސަރުކާރު ކޯލިޝަން ޕާޓީއެއްގެ ގޮތުގަ އެވެ.

ރާއްޖޭގައި ސިޔާމް ހިންގާ ފަސް ރިސޯޓަކީ ސިޔާމް ވޯލްޑާއި އިރުފުއްޓާއި އިރުވެއްޔާއި ވިލު ރީފާއި އޮޅުވެއްޔެވެ. އަދި އޭގެ އިތުރުން ސްރީ ލަންކާގައި ސަން ސިޔާމް ޕަސިކޫޑާގެ ނަމުގައި ވެސް ރިސޯޓެއް ހިންގަ އެވެ. ނުވަދިހައިގެ އަހަރުތަކުގައި ޓުއާ އޮޕަރޭޓަރެއްގެ ގޮތުގައި މަސައްކަތް ފެށި ސަން ކުންފުނީގެ ފުރަތަމަ ރިސޯޓު ވިލު ރީފް ހުޅުވީ 1998 ވަނަ އަހަރެވެ.

އޭގެ އިތުރުން ސިޔާމަކީ ރާއްޖޭގައި ދިވެހި އަދި އިނގިރޭސި ބަހުން ނެރޭ ނޫސް "ސަން އޮންލައިން" ގެ ޗެއާމަނެވެ.

ސިޔާމްގެ އިތުރުން، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ބޮޑުވަޒީރެއްގެ ހައިސިއްޔަތުން ވެރިކަމަށް ވަޑައިގަންނަވަން ބޭނުންވާ ކަމަށް އިއުލާންކުރައްވައިފަ އެވެ.