18 ޖޫން 2022 - 19:04 0
ސިޓީން މިއަދުގެ މެޗުގައި އާ ކުޅުންތެރިންނަށް ފުރުސަތުދިންއިރު، ގިނަ ކުޅުންތެރިން ރަނގަޅަށް ކުޅުނު.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
18 ޖޫން 2022 - 19:04 0
އޮއްފު އެފްސީ ސިދާ ތިން ސެޓުން ބަލިކޮށް ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ލީގު ބުރުގެ އެއް ވަނަ ހޯދައި 13 އަހަރު ތެރޭގައި ފުރަތަމަ ޑިވިޝަން ވޮލީބޯޅަ މުބާރާތެއްގެ ފައިނަލަށް ފުރަތަމަ ފަހަރަށް ސްޕޯޓްސް ކުލަބު ސިޓީ ދަތުރުކޮށްފި އެވެ.
އެސޯސިއޭޝަން ކަޕްގެ މި އަހަރުގެ ފޯމެޓު އޮތް ގޮތުން ލީގު ބުރުގެ އެއް ވަނަ ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގަ އެއް ލިބޭނެ އެވެ. ސިޓީ އިން ވަނީ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށް 12 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް ވެމްކޯ އަށް ބާކީ އޮތް މެޗު ފަސް ސެޓަށް ނުގޮސް ކާމިޔާބުކުރި ނަމަވެސް އެ ޓީމަށް ހަމަކުރެވޭނީ 11 ޕޮއިންޓެވެ. މިހާރު ވެމްކޯ އޮތީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް އަށް ޕޮއިންޓާ އެކުގަ އެވެ.
ވޮލީ އަށް ހާއްސަކޮށް 2009 އަހަރު ވުޖޫދުވި ސްޕޯޓްސް ކުލަބު ސިޓީ އަށް މިއީ ފުރަތަމަ ޑިވިޝަންގެ ފައިނަލަކުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. ސްޓޭޑިއަމަށް ވޮލީ ކުޅޭންދާ ޒުވާނުންގެ މެދުގައި މަޝްވަރާ ކުރެވިގެން ވުޖޫދުވި، ސިޓީ ޓީމުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން އަންނަނީ މަގާމު ދަމަހައްޓަމުންނެވެ. ފުރަތަމަ ޑިވިޝަނުގެ ތަށްޓެއްގައި އަތްލުމުގެ ނަސީބު މިހާތަނަށް ލިބިފައިނުވި ނަމަވެސް އެ ޓީމުން އަންނަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ. ތަށްޓެއް ހޯދަން ކުރާ މަސައްކަތުގައި މި ފަހަރު މި އޮތީ ރަނގަޅު ފުރުސަތެކެވެ.
ވެމްކޯ އިން ލީގު ބުރުގައި ކުޅޭ ފަހު މެޗުގައި އެ ޓީމާ ދެކޮޅަށް މިރޭ ނުކުންނާނީ ޕޮލިސް ކުލަބެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި ދިވެހި ސިފައިންގެ ކުލަބު ނުކުންނާނީ ގުޑީސް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެއީ މާދަމާރޭ އެވެ. މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ލިބޭ ޕްލޭ އޮފް މެޗުން ފުރުސަތު ލިބޭނީ ވެމްކޯ އާއި ސިފައިން އަދި ޕޮލިސް ކުލަބުގެ ތެރެއިން ކޮންމެ ވެސް ދެ ޓީމަކަށެވެ. ކޮންމެ ޓީމަކަށް ވެސް ބާކީ އޮތް މެޗު ކާމިޔާބުކޮށްގެން އެ ފުރުސަތު އެބައޮތެވެ.
ސިޓީ ކުޅުންތެރިން ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ: ފައިނަލުގެ ޖާގަ ލިބުމުން ސިޓީ އަށް ވަނީ ހަމަޖެހުމެއް ލިބިފައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުން އޮއްފު އެފްސީ އަތުން ސިޓީ ފަސޭހައިން މެޗު ކާމިޔާބުކުރިއިރު، ފުރަތަމަ ދެ ސެޓު ކާމިޔާބުކުރީ 25-12 އާއި 25-13 އިންނެވެ. ކެޕްޓަން އަލީ ހުޒާމް، (ހުޒަންޓެ) އާއި ބިދޭސީ އެޓޭކަރު ވިނީތު ކުމާރުގެ ހަމަލާތައް މި ސެޓުގައި އޮއްފުއަށް ހުއްޓުވޭ ގޮތް ނުވިއިރު، އޮއްފު މި މެޗަށް ނުކުތީ އެންމެ ފަހުން ކުޅުނު މެޗުގައި އަނިޔާވި އެޓޭކަރު އަމިތު ގޫލިއާ ނުލަ އެވެ.
އިންޑިއާގެ މަޝްހޫރު ކުޅުންތެރިޔާ، އަމިތުގެ ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އަންނަން ދެ ހަފްތާ ވަރުވާނެ ކަމަށް ލަފާކުރެވެ އެވެ.
މެޗުގެ ފަހު ސެޓަށް ސިޓީ އިން ވަނީ ބިދޭސީ ސެޓަރު ވިނާޔަކު ރޯކަޅޭގެ ބަދަލުގައި ތަޖުރިބާކާރު ސެޓަރު އިޝާން މުހައްމަދު (ބަޓިސް) ކުޅެން އަރުވައިފަ އެވެ. މި ސެޓު ފަށައިގެން އޮއްފު އިން ރަނގަޅަށް ކުޅުނެވެ. އެޓޭކަރު ގުރޫ ޕްރަޝާންތު އާއި މުޙައްމަދު އަލީ (ޑެންޒޯ)ގެ ހަމަލާތަކުން ލީޑުގައި އޮވެ އެޓީމުން ކުޅުނެވެ. މެޗުގެ ފަހު ކޮޅަށް ދިޔައިރު 21-18 އިން އޮއްފު ލީޑުގައި އޮއްވާ ސިޓީ އިން ބަޓިސްގެ ބަދަލުގައި ވިނަޔަކު ކުޅެން އެރުވި އެވެ. ވިނަޔަކު ކުޅެން ނުކުމެ ނަތީޖާ އަނބުރާލި އެވެ. ފަހު ވަގުތު ވިނީތު ކުމާރު ފޮނުވާލި ބާރު ހަމަލާތަކާއިއެކު 27-25 އިން މި ސެޓު ކާމިޔާބުކުރި އެވެ.
މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ކުލަބު ވެމްކޯ އާއި ޕޮލިސް ކުލަބެވެ. ޕްލޭ އޮފް މެޗުން ޖާގަ ހޯދަން ދެ ޓީމަށްވެސް މިއީ މުހިންމު މެޗެކެވެ. ލީގު ބުރުގެ ފަހު މެޗުގައި މާދަމާ ރޭ ސިފައިން ނުކުންނާނީ ގުޑީސް އާ ދެކޮޅަށެވެ.
ލީގު ބުރުގެ ދެ ވަނަ އާއި ތިން ވަނަ ބައްދަލުކުރާ ޕްލޭއޮފް މެޗު ކުޅޭނީ އަންގާރަ ދުވަހުގެރޭގަ އެވެ. އަދި ފައިނަލް މެޗު އޮންނާނީ ބުރާސްފަތި ދުވަހުގެރޭގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment