Advertisement

ލަންކާއަށް އެހީވާން ނަޝީދުގެ އެދުމަށް ސައުދީން އިޖާބަ ނުލިބުނު

14 ޖޫން 2022 - 15:20 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ލަންކާގެ ބޮޑުވަޒީރު ރަނިލް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ނަޝީދާއެކު މަޖިލީހުގައި. -ފައިލް ފޮޓޯ: މަޖިލިސް


ލަންކާއަށް އެހީވާން ނަޝީދުގެ އެދުމަށް ސައުދީން އިޖާބަ ނުލިބުނު

14 ޖޫން 2022 - 15:20 1

އިގުތިސޯދީ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ އަވައްޓެރި ސްރީލަންކާއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސައުދީ އަރަބިއްޔާ ވަލީއުލް އަހުދު މުހައްމަދުގެ އަރިހުން އެދިވަޑައިގަތުމުން އެކަމަށް އިޖާބަ ނުދިން ކަމަށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ވިދާޅުވެއްޖެ އެވެ.

ލަންކާއަށް މިފަހުން ކުރެއްވި ދަތުރުފުޅެއްގައި އެގައުމަށް ބޭރުގެ އެހީ ހޯދުމުގައި އެހީތެރިވެ ދިނުމަށް ނަޝީދު އަމިއްލައަށް އެދިވަޑައިގަތުމުން، އެ ގައުމުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ރަސްމީކޮށް އެ މަސައްކަތް ހަވާލުކުރައްވައިފަ އެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޑރ. ހަރްޝާ ޑި ސިލްވާ އެގައުމުގެ ނޫސްވެރިންނަށް ވިދާޅުވީ، ލަންކާއަށް އެހީތެރިވެ ދިނުމަށް ސައުދީގެ ވަލީއުލް އަހުދުގެ އަރިހުން އެދިވަޑައިގެންނެވި ކަން ނަޝީދު ހިއްސާކުރެއްވި ކަމަށެވެ.

ނަމަވެސް، ލަންކާއިން ހަރުދަނާ ޕްލޭންތަކެއް ނުގެންގުޅޭ ކަމަށް ވިދާޅުވެ، ނަޝީދުގެ އެ އެދިވަޑައިގަތުމަށް މުހައްމަދު އިޖާބަ ނުދެއްވި ކަމަށް ޑރ. ހަރްޝާ ވިދާޅުވި އެވެ.

ސައުދީގެ އިތުރުން ޔޫއޭއީގެ ރަސްގެފާނުގެ އަރިހުން ވެސް ނަޝީދު އެހީއަށް އެދިވަޑައިގެންނެވި ކަމަށާއި، ނަމަވެސް އެހީ ދިނުމުގެ ކުރިން ލަންކާއިން ވިއްކާލަން ތައްޔާރު ހަރުމުދަލުގެ ލިސްޓެއް ދިނުމަށް ބުނެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މެދުއިރުމަތީގެ ދެ ގައުމުން ނަޝީދުގެ އެދިވަޑައިގަތުމަށް އެދެވޭ އިޖާބައެއް ދީފައިނުވާއިރު، އެމަނިކުފާނު މެދުވެރިގެން ލަންކާއަށް ބޭރުގެ އެހީއެއް ހޯދައި ދެއްވުނު ކަމެއް އަދި އެނގޭކަށް ނެތެވެ.

އެ ވާހަކަތަކާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަރްޝާއަކީ ޒަމާންވީ ރަހުމަތްތެރިއެއް ކަމަށާއި އަދި ނޫސްތަކުން ގެނެސްދީފައިވާ ހަބަރަކީ ހަގީގަތެއް ނޫން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ލަންކާއަށް އެހީވާން ވަރަށް ގިނަ ގައުމުތަކުން ތައްޔާރަށް ތިބިކަން އަދި އެހީތައް ލިބެން ފަށާނެ،" ނަޝީދު ވިދާޅުވި އެވެ.

އަވަށްޓެރި ސްރީލަންކާއަކީ ނަޝީދުގެ ސިޔާސީ މަސައްކަތްތަކުގައި ވަރަށް ކުރިއްސުރެ ބޮޑެތި އެހީތައް ވަމުން އަންނަ ގައުމެކެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އެމްޑީޕީ ފުރަތަމަ އުފެއްދީ ވެސް ލަންކާގަ އެވެ.