Advertisement

މަޖިލިސް އިންތިހާބާ ގާތްކޮށް، ޑިމޮކްރެޓްސްގެ ކެމްޕެއިނަށް ނަޝީދު މާލެ ވަޑައިގަންނަވަނީ

8 އޭޕްރީލް 2024 - 19:31 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް މުހައްމަދު ނަޝީދު، ޑިމޮކްރެޓްސްގެ ކްމްޕެއިން ޖަލްސާއެއްގައި: ޑިމޮކްރެޓްސްގެ ކެމްޕެއިނަށް ނަޝީދު މާލެ ވަޑައިގަންނަވާނެ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


މަޖިލިސް އިންތިހާބާ ގާތްކޮށް، ޑިމޮކްރެޓްސްގެ ކެމްޕެއިނަށް ނަޝީދު މާލެ ވަޑައިގަންނަވަނީ

8 އޭޕްރީލް 2024 - 19:31 0

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، ޑިމޮކްރެޓްސް ޕާޓީގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފި އެވެ.

މިދިޔަ ހަތަރު އަހަރު މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވި އަދި ތިން އަހަރެއްހާ ދުވަހު ރާއްޖޭގެ ރައީސްކަން ކުރެއްވި ނަޝީދު މި ވަގުތު ހުންނެވީ ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ޒިންމާތައް އަދާކުރެއްވުމަށް، ގާނާގަ އެވެ.

މި ވަގުތަށް ސިޔާސީ މަސައްކަތާ ދުރަށް ޖެހިވަޑައިގެން ހުންނެވި ނަޝީދު މާލެ ވަޑައިގަންނަވާނެ ކަން އިއުލާން ކުރެއްވީ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

މަޖިލިސް އިންތިހާބުގައި ދެވަނަ ދައުރަކަށް ވާދަކުރައްވާ ހަސަން ލަތީފްގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓުގައިވާ ގޮތުން ނަޝީދު މާލެ ވަޑައިގެން ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ހަރަކާތްތައް އޮންނާނީ މި މަހު 19، އަދި 20، ގަ އެވެ. އިންތިހާބު އޮތީ 21، ގަ އެވެ.

އެގޮތުން 19، ވަނަ ދުވަހު ވިލިމާލޭގެ ޑިމޮކްރެޓްސްގެ ޖަގަހަ ކުރިމަތީ ބާއްވާ ކެމްޕެއިން އެއްވުމެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެ ދުވަހުގެ ރޭ "ރައީސް ނަޝީދު ލެޖިސްލެޓިވް އެޖެންޑާ" ހުށަހެޅުމުގެ ހަރަކާތެއް މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

ކެމްޕެއިން ނިންމާލުމުގެ ގޮތުން ހުޅުމާލެ ރުއްގަނޑުގައި 20، ވަނަ ދުވަހު އޮންނަ އެއްވުމުގައި ވެސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހަސަން ލަތީފުގެ ޕޯސްޓުގައިވެ އެވެ.

ނަޝީދު ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 12 ގައި، އެމަނިކުފާނުގެ ސިޔާސީ ކަންކަމުން ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގަތުމަށް ނިންމަވައި އެކަން އިއުލާން ކުރައްވައިފަ އެވެ. އެއަށްފަހު ނަޝީދު ހަރަކާތްތެރިވަމުން ގެންދަވަނީ ސީވީއެފްގެ މަސައްކަތްތަކުގަ އެވެ.

ސީވީއެފްއަކީ ރައީސް ނަޝީދު އަދި ދިވެހިރާއްޖެއިން އިސްވެ 2009 ވަނަ އަހަރު އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ ނޮވެމްބަރު، 2009، ގައި ރާއްޖޭގަ އެވެ. އެއިރު ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ އަދަދަކީ 10 އެވެ.

ސީވީއެފްގައި މިހާރު 58 މެމްބަރު ގައުމު ހިމެނޭއިރު އޭގެ ތެރޭގައި އޭޝިޔާ، އެފްރިކާ، ކެރީބިއަން، ލެޓިން އެމެރިކާ އަދި ޕެސިފިކް ކަނޑުގެ ގައުމުތައް ހިމެނެ އެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ނަޝީދަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މަގުބޫލު އެއް ސިޔާސީ ލީޑަރެވެ. 1980ގެ އަހަރުތަކުގެ ފަހުކޮޅު ނޫސްވެރިކަމުން ފެއްޓެވި ނަޝީދުގެ ސިޔާސީ ހަޔާތުގައި ރާއްޖޭގެ އެންމެ ފުރަތަމަ ގިނަ ޕާޓީ ވާދަކުރި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އެމަނިކުފާނެވެ.

ނަޝީދު ދަހަރެއްގެ މުއްދަތަކަށް ލީޑުކުރެއްވި އެމްޑީޕީއަކީ މި ވަގުތު ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. ބައި ލައްކައެއްހާ މެންބަރުން މިހާރު ހިމެނޭ އެމްޑީޕީގެ ޗެއާޕާސަންކަމާއި، ރާއްޖޭގެ ރައީސްގެ ހައިސިއްޔަތުން އެ ޕާޓީގެ އިސް ލީޑަރުކަން، އަދި ޕާޓީގެ ރައީސްކަން ވެސް ކުރެއްވި އެވެ.

ނަމަވެސް މިދިޔަ އެމްޑީޕީގެ ސަރުކާރުގައި، އޭރުގެ ރައިސުލްޖުމްހުރިއްޔާ އަދި ނަޝީދުގެ ޅައިރުގެ އެކުވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ މައްސަލަ ޖެހި އެމަނިކުފާނު ޕާޓީ ދޫކޮށްލެއްވި އެވެ. ފަހުން ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދެވިއިރު، އެމަނިކުފާނުގެ ވަފާތެރިން އެ ޕާޓީ ހިންގަމުން އެބަ ގެންދެ އެވެ.

ނަޝީދުގެ އިރުޝާދުގެ ދަށުން އުފެއްދި ޑިމޮކްރެޓްސްއިން މި އިންތިހާބުގެ 41 ދާއިރާއަކަށް ވާދަކުރެ އެވެ.

އަންނަން އޮތް ވަނަ މަޖިލީހަށް 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރާނެ އެވެ. ސަރުކާރު ހިންގާ ޕީއެންސީން 90 ދާއިރާއަށް، އަދި އިދިކޮޅު އެމްޑީޕީން 89 ދާއިރާއަށް ވާދަ ކުރެ އެވެ.