13 ޖޫން 2022 - 16:39 0
ނާޒިމް ހަސަން
ގދ. ރަތަފަންދޫ: ސުޕްރީމް ކޯޓުގެ ނަމޫނާ ގަވައިދަށް އަމަލުކުރަން ވަނީ ނިންމާފައި
13 ޖޫން 2022 - 16:39 0
މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން އެކުލަވާލި ނަމޫނާ ގަވައިދު, އެ އޮތް ގޮތަށް އަމަލުކުރުމަށް ނިންމި ފުރަތަމަ ކޯޓަކަށް ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓު ވެއްޖެ އެވެ.
މި މަހުގެ 16 ވަނަ ދުވަހު އަމަލު ކުރަން ފަށާ, ރާއްޖޭގެ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކޮންމެ މެޖިސްޓްރޭޓް ކޯޓަކުން ވެސް އެ ކޯޓަކަށް ހާއްސަ ގަވައިދެއް ހަދަން ޖެހެ އެވެ.
އެ ގާނޫނުގައި ބުނެފައިވަނީ ޝަރީއަތްކުރުމާ ގުޅޭ ގޮތުން ގާނޫނުގެ ދަށުން ކަނޑައަޅަންޖެހޭ އުސޫލުތައް ކަނޑައެޅުމަށްޓަކައި ކޯޓުތަކުން ހަދަންޖެހޭ ގަވައިދުތައް ހަދާނީ ކަމާބެހޭ ކޯޓަކުން ކަމަށެވެ.
އާންމު ގޮތެއްގައި ހުރިހާ ކޯޓަކުން އަމަލުކުރަން ޖެހޭ ޝަރީއަތް ހިންގުމާ ބެހޭ މިފަދަ ގަވައިދުތައް ހަދަނީ ސުޕްރީމް ކޯޓުންނެވެ. ނަމަވެސް, މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓަށް އެ ބާރު ދީފައި ނެތެވެ.
އެކަމަކު, ސުޕްރީމް ކޯޓުން ވަނީ އެކަމާ ގުޅިގެން ޕްރެކްޓިސް ޑައިރެކްޝަނެއް ނެރެ, ކޯޓުތަކުން ގަވައިދުތައް ހެދުމުގައި ނަމޫނާއަކަށް ބެލިދާނެ ނަމޫނާ ގަވައިދެއް, ފޯމްތަކުގެ ނަމޫނާއާއެކު އާންމުކޮށްފަ އެވެ. ސުޕްރީމް ކޯޓުން ބުނީ ކޯޓުތަކުން އަމިއްލަ ގަވައިދުތައް ހެދުމުގައި ނަމޫނާ ގަވައިދަށް ބަލައި, އެ ކޯޓެއްގެ އިޖުރާއަތްތަކާ އެއްގޮތަށް ބަދަލުތައް ގެންނައުމަށް ދަންނަވާ ކަމަށެވެ.
އެ ކޯޓަކުން ހަދާ އަމިއްލަ ގަވައިދު ގެޒެޓްކުރުމަށް ގާނޫނުގައި ބަޔާންކޮށްފައިވާތީ, މުއްދަތުގެ ތެރޭގައި އެކަން ކޯޓުތަކުން ކުރުމަށް ވެސް ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަންގައި ބުނެފައިވެ އެވެ.
އެ ނަމޫނާ ގަވައިދު އާންމުކޮށްފައިވަނިކޮށް, ގދ. ރަތަފަންދޫ ކޯޓުން މިއަދު ކުރި އިއުލާނެއްގައި ބުނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން މަދަނީ މައްސަލަތައް ބެލުމުގައި އަމަލުކުރާނީ ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނާ އެކުގައި އާއްމުކޮށްފައިވާ "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމޫނާ މަދަނީ އިޖުރާއަތުގެ ގަވާއިދު 2022" އަށް ކަމަށެވެ.
އަދި އެ ކޯޓަށް މައްސަލަ ހުށަހެޅުމުގައި ބޭނުންކުރާނީ އަދި އެކި ކަންކަމުގައި ކޯޓުން ބޭނުންކުރާނީ ސުޕްރީމް ކޯޓުގެ ނަމޫނާ ގަވައިދުގައިވާ ފޯމުތައް ކަމުގަ އެވެ. މިއީ, މިގޮތަށް ނިންމި ފުރަތަމަ މެޖިސްޓްރޭޓް ކޯޓެވެ.
ނަމަވެސް, ކޮންމެ ކޯޓަކުން ވެސް ގަވައިދު ގެޒެޓްކުރަން ޖެހޭއިރު, ހަމައެކަނި ނަމޫނާ ގަވައިދުގައިވާ ގޮތަށް އެ ކޯޓަކުން އަމަލު ކުރާނެ ކަމަށް އާންމު އިއުލާނަކުން އެންގުމުން ގާނޫނުގެ މަގުސަދު ހާސިލްވެދާނެ ކަމާމެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފަ އެވެ.
ރާއްޖޭގައި 202 މެޖިސްޓްރޭޓް ކޯޓު ހުރިއިރު, މަދަނީ މައްސަލަތަކުގައި އަމަލުކުރާނެ އިޖުރާއަތްތަކާ ބެހޭ ގަވައިދު ކޮންމެ ކޯޓަކުން ހަދައި, ކޮންމެ ކޯޓަކުން ވަކި ގަވައިދެއް ގެންގުޅުމަކީ ވަކީލުންގެ ކަންބޮޑުވުން އޮތް ކަމެކެވެ. އަދި, އެކަމުގައި ގާބިލްކަން ބައެއް ކޯޓުތަކުގައި ނެތްކަން ވެސް ފާހަގަކުރަމުންދާއިރު, ސުޕްރީމް ކޯޓުން ނެރުނު ނަމޫނާ ގަވައިދާ އެއްގޮތް ނުވާ ގޮތަކަށް ބައެއް ކޯޓުތަކުން ގަވައިދު ހަދައިދާނެތީ އެކަމާ ވެސް ބައެއް ވަކީލުން ކަންބޮޑުވެފައިވެ އެވެ.
Comment